ދުނިޔެ

އައްބާސްގެ ކޮމެންޓާ ހެދި ދެރަވެއްޖެ: އެމެރިކާ

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރައްވާ ކަމަށް ވިދާޅުވެ ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ދެއްކެވި ވާހަކަތަކާ މެދު ވަރަށް ބޮޑަށް ހިތާމަކުރާ ކަަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ އަރިހުގައި އައްބާސް ވިދާޅުވީ ފަލަސްތީން، އިޒްރޭލު މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ނަމުގައި މަސައްކަތްކުރާ އެމެރިކާ އަކީ ބޭކާރު ބައެެއް ކަމަށެވެ.

އެއަށް ވުރެ ރަޝިއާ ވެސް ފަލަސްތީނަށް ރަނގަޅު ކަމަށް އައްބާސް ވިދާޅުވި އެވެ. އައްބާސް ވިދާޅުވި ގޮތުގައި ފަލަސްތީނާ މެދު ރަޝިއާ ގެންގުޅޭ އަޚުލާގަކީ ސީދާ ޕޫޓިންގެ ނިންމެވުމެކެވެ.

އެކަމަށްޓަކައި ޕޫޓިންއަށް އައްބާސް ތަކުރާރުކޮށް ޝުކުރު އަދާކުރެއްވި އެވެ. ރަޝިއާ އާއެކު ވަރަށް ގާތް އަދި އިޚުލާސްތެރި ގުޅުމެއް ބާއްވަވާނެ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

މަހްމޫދު އައްބާސް، ލަޑިމިއާ ޕޫޓިންއާ ބައްދަލުކުރެއްވީ ކަޒަކިސްތާންގެ ވެރިރަށް، އާސްތާނާގައި އޮތް "އިންޓަރެކްޝަން އެންޑް ކޮންފިޑެންސް ބިލްޑިން މެޝާސް" ކޮންފަރެންސްގެ ހަވާސާގަ އެވެ.

މި ބައްދަލުވުމުގައި ޕޫޓިން ގާތު އައްބާސް ވިދާޅުވީ ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދިނުމަކީ ވޮޝިންޓަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެއަށް ވުރެ އެމެރިކާގެ ހިޔަޅުކަން މާބޮޑު ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ. އެމެރިކާ ގެންގުޅޭ އަޑިނޭނގޭ ތަފާތުކުރުންތަކުގެ ސަބަބުން ފަލަސްތީނަށް ދުވަހަކުވެސް ރަނގަޅު ގޮތެއް ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އައްބާސްގެ މި ކޮމެންޓާ ގުޅިގެން އެމެރިކާގެ އޮފިޝަލުން ވަރަށް ބޮޑަށް ނުރުހުންވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެއީ ބޮޑުކަމެއް ގޮތުގައި ފާހަގަކޮށް އައްބާސްގެ އޮފީހަށް ޝަކުވާ ހުށަހެޅި ކަމަށްވެސް ވެއެވެ.

އެމެރިކާ ދެކޭ ގޮތުގައި ޕޫޓިން އަކީ ފަލަސްތީނަސް ސުލްހަ ހޯދައި ދިނުމަށް އެއްވެސް ހައިސިއްޔަތެއް އޮތް ބޭފުޅެއް ނޫނެވެ. އަދި ފަލަސްތީން ވެސް ޕޫޓިންއަށް ކަމުކިޔައިގެން ނުވާނެ ކަމަށް އެމެރިކާ ބުނެ އެވެ.