ދުނިޔެ

އަޔަން ޑޯމެއް ދީބަލަ: ޔުކްރޭން

ޔުކްރޭނަށް ވެސް އަޔަން ޑޯމެއް ބޭނުންވާ ކަމަށް އިޒްރޭލުގައި ހުންނަވާ ޔުކްރޭންގެ އެމްބެސެޑަރު ޔަވްހަން ކޮރްނީޗުކް ވިދާޅުވެއްޖެ އެވެ.

ފަލަސްތީންގެ ގުދުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ޔުކްރޭނަށް އަޔަން ޑޯމް މިސައިލް ޑިފެންސް ސިސްޓަމެއް ދިނުމަށް އިޒްރޭލުގެ ކިބައިން ސަފީރު އެދިވަޑައިގެންނެވި އެވެ.

އަޔަން ޑޯމް މިސައިލް ސިސްޓަމަކީ އިޒްރޭލަށް އެވަރުގެ އެހެން އެއްޗެއް ނެތް ވަރުގެ ނިޒާމެކެވެ. އެމެރިކާއާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާ އިން އުފައްދާ އަޔަން ޑޯމް މިސައިލް ޑިފެންސް ސިސްޓަމް މައިގަނޑު ގޮތެއްގައި ބޭނުން ހިފަނީ ފަލަސްތީންގެ ޣާޒާއިން އިޒްރޭލަށް ފޮނުވާ ކަމެއް ނެތް މިސައިލްތައް މަތަކުރުމަށެވެ.

ޣާޒާ އާއި ލުބްނާނުން ފޮނުވާ ވަރަށް އާދައިގެ މިސައިލްތައް މަތަކުރަން އިޒްރޭލުން މިލިއަނުން ޚަރަދު ކުރެ އެވެ. އާޒާއިން މިސައިލް ފޮނުވާ ދިމާއަށް އަޔަން ޑޯމް އަމާޒުކޮށްފައި ހުންނައިރު ހަމާސް ޖަމާއަތުން ފޮނުވާ މިސައިލް މަތީގައި އޮއްވައި ގޮއްވާލައި ހަލާކުކޮށްލަން އިޒްރޭލަށް ޖެހެނީ ވަރަށް އަގުބޮޑު ދިފާއީ ނިޒާމެއް ބޭނުން ހިފާށެވެ.

ޔުކްރޭނުން ބުނި ގޮތުގައި މިސައިލުން ދިފާއުވެވޭނެ ފަދައެއް ނެތް ނަމަ ރަޝިއާގެ މިސައިލްތަކުން އެގައުމުގެ އަވަށްތަކާއި އަންހެނުން އަދި ކުޑަކުދިން ރައްކާތެރި ނުކުރެވޭނެ ކަމަށެވެ.

ޔުކްރޭނަށް އަޔަން ޑޯމެއް ހަދިޔާ ކުރުމަކީ އިޒްރޭލަށް ވަރަށް ބޮޑު ރިހުމަކަށް ވާނެ އެވެ. ރަޝިއާއިން މިއަހަރު ފެބްރުއަރީ 24 ގައި ޔުކްރޭނަށް ހަމަލާދޭން ފެށިތަނާހެން އެމެރިކާއިން ވަނީ އަޔަން ޑޯމެއް ޔުކްރޭނަށް ދިނުމަށް އިޒްރޭލުގެ ކިބައިން އެދިފަ އެވެ. އެހެން ނަމަވެސް އިޒްރޭލުން ބުނީ ނޫނެކޭ އެވެ.

ސަފީރު ވިދާޅުވި ގޮތުގައި ސަލާން ޖަހާފައި އެދިވަޑައި ނުގަތް ނަމަވެސް އިޒްރޭލަށް ވެސް ކޮންމެވެސް އެއްޗެއް އެނގެން ވެއްޖެ ކަމަށެވެ.

އެމެރިކާ އާއި ޔޫރަޕް ވެސް އޮތީ ޔުކްރޭނާ އެކު ކަމަށް ސަފީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އިޒްރޭލަށް އޮތް އެންމެ ބުއްދިވެރި ގޮތަކީ ވެސް އެމެރިކާ އާއި ޔޫރަޕާ އެކު އޮތުން ކަމަށެވެ.

އިޒްރޭލުގެ ކިބައިން އަސްކަރީ އެހީއަށް ޔުކްރޭން އެދުނު ނަމަވެސް މާބޮޑު އެހީތެރިކަމެއް ނުދެ އެވެ. އިޒްރޭލުން މިހާތަނަށް ދީފައި ވަނީ 2،000 ހެލްމެޓާއި ޔުކްރޭންގެ ރައިސް ޒެލަންސްކީ ތުރުކުރައްވައިގެން އުޅުއްވާ ކަހަލަ 500 ޖެކެޓެވެ. އެއީ ވެސް މަދަނީ އެހީތެރިންނަށް ދިން އެހީ އެކެވެ.