ދުނިޔެ

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ޔުކްރޭން ބަލައިގެންފާނެ

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ޔުކްރޭނުން ބަލައިގަންނަން ތައްޔާރު ކަމަށް އެގައުމުން އިޒްރޭލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔެވްގެނީ ކަރުނީޗުކް ވިދާޅުވެއްޖެ އެވެ.

އިޒްރޭލުގެ ނޫސްތަކަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ އަންނަ އަހަރު ކުރީކޮޅު ގުދުސްގައި ޔުކްރޭނުން އޮފީހެއް ހުޅުވާނެ ކަމަށެވެ.

ޓައިމްސް އޮފް އިޒްރޭލުން ބުނާ ގޮތުން ކަރުނީޗުކް މި މައުލޫއަށް ވާހަކަދެއްކެވީ ދެ ގައުމުގެ މެދުގައި އޮންނަ ގާތް ގުޅުމަށް 30 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަފުލާއެއްގަ އެވެ.

ސަފީރު ވިދާޅުވި ކަމަށް އިޒްރޭލު ނޫސްތަކުން ބުނީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އަހަރުތަކެއް ނުނަގާނެ ކަމަށާއި މަހެއްހާ ދުވަހުގެ ތެރޭގައި އެކަމުގައި އަމަލީ ސިފަ ޖެހިގެން ދާނެ ކަމަށެވެ.

ފަލަސްތީންގެ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ގޮތުގައި ކަނޑައަޅައި ދެއްވީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، 2018 ގައެވެ. މިއީ ދުނިޔެ ކިތަންމެ ނުގަބޫލު ނިންމުމެއް ނަމަވެސް ކުރެވުނު މޮޅުކަމެއްގެ ސަބަބުން އެމެރިކާ އާއި އިޒްރޭލު އެތިބީ އުފަލުން ފޮޅިފަ އެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބުނެ އިޒްރޭލުން ވެސް ގެންދަނީ މާކެޓް ވެސް ކުރަމުންނެވެ. ދުނިޔޭގެ ގައުމުތަކަށް އޮފިޝަލުން ފޮޮނުވައި މިކަން ގަބޫލުކުރުމަށް ދަނީ އާދޭސް ކުރަމުންނެވެ.

ޔުކްރޭނުން ބުނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަންނަން ނިންމީ އިޒްރޭލުން އެކަމަށް އެދިފައި އޮތުމުން ކަމަށެވެ. އެކަމާ ވިސްނަން ފެށީވެސް ދެ ގައުމުގެ އޮފިޝަލުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.