ދުނިޔެ

އަގްސާ މިސްކިތަށް ވަނުން މަނާކުރަނީ

އިޒުރޭލާއި ގުދުސްގައި ދިރިއުޅޭ ފަލަސްތީން މުސްލިމުން މަސްޖިދުލް އަގްސާއަށް ވަނުން މަނާކުރަނީ އެވެ.

ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން މިކަމަށްޓަކައި ގަވާއިދުތަކެއް ހަދައި ވަނީ ފާސްކޮށްފަ އެވެ.

މިފަދަ ގަވާއިދުތަކަަކަށް މިހާރުވެސް އަމަލުކުރަން އަންނައިރު ގަވާއިދުތައް ހަރުކަށިކޮށް އަލަށް އެކުލަވާލި ގަވާއިދުތަކަށް އަމަލުކުރަން ފަށާނީ ކުރިއަށް އޮތް ރަމަޟާން މަހު އެވެ.

މުސްލިމުން ރޯދަ މަހު އަޅުކަން ކުރުމަށް ފުރުސަތު ނުދިނުމަށް އެންމެ ބޮޑަށް ބާރުއަޅުއްވައި އަގްސާ މިސްކިތް ބަންދުކުރަން ނަތަންޔާހޫއަށް ހިތްވަރު ދެއްވާފައި ވަނީ -- ނަތަންޔާހުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ޔަހޫދީ ވަޒީރު އިތަމާރު ބެންގަވީރެވެ.

އިތަމާރަކީ އިޒުރޭލުގެ ނެޝަނަލް ސެކިއުރިޓީއާ ބެހޭ ވަޒީރެވެ.

އަގްސާ މިސްކިތް ބަންދުކުރުމަކީ މަސްލަހަތު މިހާރަށް ވުރެ ބޮޑު ތަން ގޯސްވާނެ ކަމެއް ކަމަށް އިޒުރޭލުގެ އަމަނާ ބެހޭ އިދާރާތަކުން ބެންޖަމިން ނަތަންޔާހޫއަށް ވަނީ ދަންނަވާފަ އެވެ.

ނަމަވެސް އަމަން ބަލަހައްޓާ އިދާރާތަކާ ދެކޮޅަށް ނަތަންޔާހޫ ވަނީ އިތަމާރު ބެންގަވީރަށް އިސްކަން ދެއްވާފަ އެވެ. އަދި އަމަން ބެލެހެއްޓުމުގެ ހުރިހާ ކަމެއް -- ކެބިނެޓުން ނިންމަނީ ވެސް އިތަމާރު ބެންގަވީރު ވިދާޅުވާ ގޮތަށެވެ.

އިޒުރޭލުން ކޮންމެ ރޯދަ މަހަކާ ދިމާކޮށް އަގްސާ މިސްކިތް ބަންދުކުރެ އެވެ. އަދި ވަކި އުމުރެއްގެ މީހުންނަށް ނޫން ގޮތަކަށް ފުރުސަތު ނުދެ އެވެ.

އަގްސާ މިސްކިތަށް ވަނުމަށް ފުރުސަތު ދިން ނަމަވެސް ޔަހޫދީ އަސްކަރިއްޔާއިން މިސްކިތް ތެރެއަށް ވަދެ ތަންތައް ލޫޓުވައި އަޅުކަމުގައި ތިބޭ ފަލަސްތީން މީހުންގެ ގަޔަށް ކަރުނަ ގޭސް ޖަހައި އަތުބޮން އުކާ ހަދަ އެވެ.

އިޒުރޭލުގެ ހަބަރުތައް ބުނާ ގޮތުން އަގްސާ މިސްކިތަށް ވަންނަން ފުރުސަތު ދިން ނަމަވެސް ވަރަށް މަދު ބަޔަކަށް ނޫނީ އެ ފުރުސަތު ނުދޭނެ އެވެ.

އިޒުރޭލުގައި ކޮންމެ ވެރިކަމެއް އޮތް ނަމަވެސް އަގްސާ މިސްކިތަކީ ޔަހޫދީންގެ އަމާޒަކަށް ވެއެވެ. ރޯދަމަސް ނޫން މަސްމަހުގައި ވެސް ޔަހޫދީންގެ އުނދަގޫ މިސްކިތުގައި ތިބޭ ފަލަސްތީން މީހުންނަށް ފޯރަ އެވެ.

ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު އެކުލަވާލާފައިވަނީ ހައްދުފަހައެޅި ޔަހޫދީ ޒަޔަނިސްޓުން ހިމަނައިގެންނެވެ. މިއީ މުސްލިމުންގެ ލޭ ހުއްދަކުރާ ބައިގަނޑެކެވެ. އަދި އެ މީހުންނަށް ވުރެ މާތް ބަޔަކު އިންސާނުންގެ ތެރޭގައި ނޫޅޭ ކަމަށް ގަބޫލުކުރާ ބައިގަނޑެކެވެ.