ދުނިޔެ

ޔަހޫދީން އަޅުކަންކުރާ ފައްޅިއަށް ހަމަލާދިނީ އިތަމާރު ބެންގަވީރާ ހެދި

އިޒްރޭލުން ޖަހައިގެންފައި އޮތް ފަލަސްތީން ބިމެއްގައި -- ޔަހޫދީން އަޅުކަންކުރަން އަޅާފައި ހުރި ފައްޅިއެއްގައި -- ފަލަސްތީން ޒުވާނަކު ބަޑިން ދިން ހަމަލާތަކެއްގައި އިޒްރޭލުގެ ހަތް މީހަކު މަރާލައި އިތުރު 12 މީހަކަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.

އިރުމަތީ ގުދުސްގެ އަވަށެއް ކަމަށްވާ ނީވީ ޔައުގޫބްގައި ދިން މި ހަމަލާތައް އިޒްރޭލު މީހުންނަށް އަމާޒުކުރީ އެ ގައުމުގެ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެންގަވީރާ ހެދި ކަމަށް -- އެ އަވަށުގައި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ވަޒަންވެރިވެރިވެ ތިބި -- ޔަހޫދީން ބުނެފި އެވެ.

ޚަބަރުތައް ބުނާ ގޮތުން ހަމަލާދިނުމަށް ފަހު ޒުވާނާ ފައިމަގުގައި ދުވެފައި ދަނިކޮށް ފުލުހުން ބަޑިޖަހައި އޭނާ ވަނީ މަރާލާފަ އެވެ.

ބެންގަވީރު އެ އަވަށަށް ވަޑައިގެން މަރުވި މީހުންގެ އާއިލާތަކަށް ޒިޔާރަތްކުރައްވާ އަނިޔާ ލިބުނު މީހުންނަށް ވެސް ޒިޔާރަތްކުރެއްވި އެވެ. އެހެން ނަމަވެސް، އޭނާއަށް ހެޔޮބަހެއް އިވުމުގެ ބަދަލުގައި ކުރިމަތި ލައްވަން ޖެހިވަޑައިގަތީ އާންމުގެ އަޅޭއްކާއި ނުރުހުމާ އެވެ.

އެއްވެފައި އޮތް ބައިގަނޑެއްގެ ތެރެއިން ފުލުހުންގެ ހިމާޔަތުގައި ބެންގަވީރު ސަލާމަތްވެ ވަޑައިގަންނަވާ މަންޒަރު، އިންޓަނެޓަށް ލީކުވެފައި ހުރި ވީޑިއޯތަކުން ވަރަށް ސާފުކޮށް ފެނެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރުގެ މަގާމަށް ބެންޖަމިން ނަތަންޔާހޫ އަލުން ވަޑައިގެން އިހުތިޔާރުކުރެއްވި ކެބިނެޓްގައި މުޅިންހެން ހިމެނެނީ ހަރުކަށި ފިކުރުގެ ވަތަނީ ޔަހޫދީންނެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި މުޅި އާބާދީގެ މައްޗަަށް އިޒްރޭލު މާތްވާން ޖެހެ އެވެ.

ގައުމީ ސަލާމަތާ ބެހޭ ވަޒީރުކަމާ ހަވާލުވެ ވަޑައިގެން -- ކުރިން ވެސް ހީކުރެވިފައި އޮތް ގޮތަަށް -- ބެންގަވީރު ފެއްޓެވި މަސައްކަތަކީ އިޒްރޭލު މީހުން ރުޅިއެރުވުމެވެ.

މި ގޮތުން ޖެނުއަރީ ތިނެއްގައި މަސްޖިދުލް އަގްސާގެ ގޯތި ތެރެއަށް ވަދެވަޑައިގެން މަސްރަހުގައި ވަނީ ހުޅުޖައްސަވާފަ އެވެ.

އަނެއްކޮޅުން ޖެނުއަރީ 26 ގައި އިތަމާރު ބެންގަވީރުގެ އަމުރަށް އިޒްރޭލު ސިފައިން ފަލަސްތީންގެ ސިޓީއެއް ކަމަށްވާ ޖެނީންއަށް ވަދެގަނެ ބަޑިޖަހައި ފަލަސްތީންގެ ނުވަ މީހަކު ވަނީ މަރާލާފަ އެވެ.

މިއީ ވެސް ޔަހޫދީންގެ ކިބައިން ފަލަސްތީންގެ ޒުވާނުން ބަދަލުހިފަން އެދިއެދި އޮތް ކަމެކެވެ.

އިޒްރޭލުގައި ސަރުކާރެއް އެކުލަވާލެއްވުމަށް ބެންޖަމިން ނަތަންޔާހޫއަށް ދައުވަތުދެއްވުމުގެ ކުރިން -- އިޒްރޭލުގެ ސިޔާސީ ލީޑަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި -- އިޒްރޭލުގެ ރައީސް އައިޒަކް ހަރްޒޮގް ވެސް ވަނީ ބެންގަވީރުގެ ހައްދުފަހަނައެޅި އަމަލުތަކަށް އިންޒާރު ދެއްވާފަ އެވެ.

އައިޒަކް ރަރްޒޮގް ވިދާޅުވީ ބެންޖަމިން ނަތަންޔާހުގެ ސަރުކާރުގައި ހިއްސާވެ ވަޑައިގެން ބެންގަވީރު ކުރައްވަފާނެ ކަމަކާ މެދު މުޅި ދުނިޔެ ކަންބޮޑުވާ ކަމަށެެވެ. އޭނާގެ ހަރުކަށިކަމާ ހެދި އިޒްރޭލަށް ބޮޑު ދެރައެއް ލިބުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.