ދުނިޔެ

ރޯދަ މަހުގެ ނިޔަލަށް ވަޒަންވެރިން އަގްސާއަށް ވަނުން ހުއްޓުވައިފި

އިޒްރޭލުން ފޭރިގެންފައި އޮންނަ އިރުމަތީ ގުދުސްގައި ހުންނަ އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ޔަހޫދީ ވަޒަންވެރިން ރޯދަމަސް ނިމެންދެން ވަނުން މަނާކޮށްފި އެވެ.

ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަކަށް މިކަން މަނާކުރީ -- އަގްސާ މިސްކިތުގައި މި ރޯދަ މަހު އަޅުކަންކުރަން ތިބި ފަލަސްތީންގެ އާންމުންނަށް އިޒްރޭލު ސިފައިން ކުރި އަނިޔާތައް ބޭޒާރުވެ އަރަބި ދުނިޔެ އާއި ހުޅަނގުން އިޒްރޭލަށް ކުރިމަތިިވި ޕްރެޝަރާ ހެދި އެވެ.

ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަޒަންވެރިންނަށް ފުރުސަތު މިވަގުތަށް ބަންދުކުރީ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ސަލާމަތީ ފިޔަވަޅުތައް ހުރި ނެތް ގޮތް ބެލުމަށްފަހު -- އެންމެ ރަނގަޅު ކަމަށް ދިފާއީ ވަޒީރު ޔޮއާން ގޮލާންޓް އާއި ނެޝަނަލް ސެކިއުރީ މިނިސްޓަރު އިތަމާރު ބެންގަވީރު ވިދާޅުވުމުން ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ "ވަޒަންވެރިންނާއި ޓޫރިސްޓުން ރޯދަމަސް ނިމެންދެން އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަނުން މަނާ" ކަމަށެވެ.

ސަރުކާރުގެ މި ބަޔާނަށް ފާޑުވިދާޅުވެ އިތަމާރު ބެންގަވީރު ވިދާޅުވީ މިފަދަ ބަޔާނަކުން ސަރަހައްދުގައި ސުލްހަ ގާއިމުނުކުރެވޭނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެއީ ސަރުކާރުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އެކަމުގެ ސަބަބުން ވަޒަންވެރިންގެ މެދުގައި އަރާރުން ބޮޑުވެ އުތުރިއަރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިސްލާމުންނަށް ދެއްވާފައި އޮންނަ އަޅުކަމުގެ އީދުތަކުގައި ފަލަސްތީންގެ އާންމުންނަށް ޖެއްސުން ކުރުމަކީ -- އިޒްރޭލުގައި ކޮންމެ ބަޔަކު ވެރިކަން ކުރި ނަމަވެސް، ރޭވުމެއްގެ ތެރެއިން ޔަހޫދީން ކުރާ ކަމެކެވެ.

މަސްޖިދުލް އަގްސާގައި ފާއިތުވި ރޯދަމަހު ވެސް ވަނީ ޔަހޫދީ އަސްކަރިއްޔާއިން ބޮޑެތި ޖަރީމާ ހިންގާފަ އެވެ. މިސްކިތުގައި ނަމާދަށް ތިބި މީހުންގެ ތެރެއަށް ކަރުނަގޭސް ޖަހައި ފަހަތަށް ބިޑިއަޅުވައި ވަނީ ދަމާކޫއްތާފައި ބޭރަށް ނެރެފަ އެވެ.