އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން މެދުއިރުމައްޗަށް ކުރައްވާ ދަތުރެއްގައި މިސްރަށް ވަޑައިގެން އަވަދިނެތި ވަޑައިގަތީ އިޒްރޭލަށެވެ. އެއަށް ފަހު ފަލަސްތީނަށް ވަޑައިގެން ހުޅަނގު އައްސޭރީގައި ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރެއްވި އެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ މިހާ ކުއްލި ގޮތަށް ބްލިންކެން މެދުއިރުމައްޗަށް ދަތުރެއް ހާއްސަކުރެއްވީ ކީއްވެތޯ އެވެ.
ބްލިންކެން ވިދާޅުވި ގޮތުގައި މިއީ އޭނާ މެދުއިރުމައްޗަށް ކުރައްވަން ހަމަޖައްސަވާފައި އޮތް ދަތުރެކެވެ. މަސްރަހު އޮތް ގޮތުން ލަސްވިގެން ދިޔައީ އެވެ.
އެމެރިކާ އަކީ އަބަދުވެސް އިޒްރޭލުގެ ހިމާޔަތުގައި އޮންނަ ގައުމެކެވެ. އަރަބިންގެ ތާއީދު ހޯދުމަށް ފަލަސްތީނަށް ކަމޭހިތާ ކަމަށް އެމެރިކާ ބުނުން ފިޔަވައި، ފަލަސްތީނާ މެދު މާބޮޑު އަޅާލުމެއް އެމެރިކާގެ އެއްވެސް ސަރުކާރަކުން ނުގެންގުޅެ އެވެ. އދ.ގެ ގުނަވަންތައް މެދުވެރިކޮށް އަހަރީ އެހީއެއް ފަލަސްތީނަށް ފޯރުކޮށްދިނުމަކީ ވެސް ލޮލުގައި އަޅުވައިދޭ އަނދުނެކެވެ.
ފަލަސްތީންގެ އާންމުން އިޒްރޭލާ ދެކޮޅަށް ތެދުވާ ކޮންމެ ފަހަރަކު އެމެރިކާ ސަރުކާރުގެ އޮފިޝަލަކު މެދުއިރުމައްޗަށް ވަޑައިގެން ފަލަސްތީނަށް އިންޒާރުދެއްވަ އެވެ. އެހެނެއް ކަމަކު އިޒްރޭލުން ފަލަސްތީނަށް ކިތަންމެ އަނިޔާއެއް ކުރި ނަމަވެސް އެމެރިކާ ހޭވެސް އަހައިނުލަ އެވެ.
އެންތަނީ ބްލިންކެއް މެދުއިރުމައްޗަށް ކުއްލި ދަތުރެއް ކުރެއްވުމުގައި އޮތީ އެންމެ ބޭނުމެކެވެ. އެއީ ފަލަސްތީންގެ ޒުވާނަކު ޔަހޫދީ ފައްޅިއަކަށް ހަމަލާދީ އިޒްރޭލުގެ ހަތް މީހަކު މަރާލުމާ ގުޅިގެން އިޒްރޭލުގައި ފިރުމާލައްވައި ފަލަސްތީނަށް އިންޒާރުދެއްވުމެވެ.
އިޒްރޭލ؛ަށް ވަޑައިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގުދުސްގައި ބައްދަލުކުރައްވައި އެމެރިކާގެ އެއްބާރުލުން އިޒްރޭލަށް އޮންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ފަލަސްތީނުން އިޒްރޭލަށް ދޭ ހަމަލާތައް ކުށްވެރިކުރެއްވި އެވެ.
ބްލިންކެން ފަލަސްތީނަށް ވަޑައިގެން މަހްމޫދު އައްބާސްއާ ބައްދަލުކުރައްވައި -- އެމެރިކާ އަބަދުވެސް އޮންނާނީ ދެ ދައުލަތަށް ތާއީދުކުރުމުގައި ކަމަށް ވިދާޅުވި އެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީ މީހުން މެރުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެ އިންޒާރު ދެއްވި އެވެ.
އިޒްރޭލަށް މިނިވަން ދައުލަތެއް އޮންނަ ފަދައިން ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް އޮންނަން ޖެހޭ ކަމަށް ބްލިންކެން ވިދާޅުވި ނަމަވެސް -- އެމެރިކާގެ މިފަދަ ބުނުންތައް އަބަދުވެސް ވަނީ ޖަމަލުފޮޑި އަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރުގެ މަގާމަށް ކޮންމެ ބޭފުޅަކު ވަޑައިގަތް ނަމަވެސް ފަލަސްތީނަށް ކުރާ ގޯނާ އާއި އާންމުންނަށް ދޭ އަނިޔާތައް ލާހިކެއް ނުވެ އެވެ.
ގައުމުތަކުގައި އާއަހަރެއްގެ ދުވަސްތައް އުފާވެރިކަމާއި ބާއްޖަވެރިކަމާ އެކު ގުނަމުން ދާއިރު ކަރުނައެޅުން ނޫން ކަމެއް ފަލަސްތީންގެ އާންމުންނަކަށް ނެތެވެ.
އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ޖެނުއަރީގައި އެކަނިވެސް ފަލަސްތީންގެ 35 މީހަކު ވަނީ މަރާލާފަ އެވެ. މިއީ 2015 އަށް ފަހު އިޒްރޭލުގެ ހަމަލާތަކުން ފަލަސްތީންގައި ލޭއޮހޮރުން އެންމެ ގިނަ ދުވަސްތަކެވެ.