ދުނިޔެ

ސައޫދީ އާއެކު ގުޅުން ބަދަހިކުރުމަކީ އޮތް އުއްމީދެއް: ނަތަންޔާހޫ

ސައުދީ އަރަބިއްޔާ އާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެއްވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ކަމަށް ހޮވިވަޑައިގެން -- އެކަމަކު އަދި މަގާމުގެ ހުވައި ނުކުރައްވައި -- ހުންނެވި ބެންޖަމިން ނަަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވުމަށް އެޖެންޑާ ކުރައްވާފައި ހުރި ކަންތައް ތަކުގެ ތެރޭގައި އެކަން ހިމެނޭ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

އަރަބި-އިސްރާއީލުގެ ހަމަނުޖެހުން ނިމުމަކަށް ގެނެސް ފަލަސްތީނާ އެކު ސުލްހަ ގާއިމު ކުރެވިދާނެ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ. ސައުދީގެ އަލް އަރަބިއްޔާ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވީ ފަލަސްތީން އާއެކު ކޮންމެވެސް މާނައެއްގައި ސުލްހައަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސައޫދީ އާއެކު ގުޅުން ގާއިމުކުރެވުމަކީ އިސްރާއީލާއި އަރަބި ދުނިޔެއާ ދެމެދުގައި ސުލްހަ ގާއިމުކުރުމަށް އެޅޭ ހަލުއި ފިޔަވަޅަކަށް ވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. އޭނާ އަަދި ވިދާޅުވީ މިފަދަ އެކުވެރި ކަމެއްގެ ސަބަބުން ބަޔަކު ހީވެސް ނުކުރާ ކަހަލަ ބަދަލުތަކެއް މުޅި ސަރަހައްދަށް އަންނާނެ ކަމަށެވެ.

ނަތަންޔާހޫގެ މި ވާހަކަތަކާ ގުޅިގެން ސައުދީ އަރަބިއްޔާއިން އަދި އެއްޗެއް ނުބުނެ އެވެ. އެހެންނަމަވެސް، ސައުދީ އަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކުރިން ވިދާޅުވި ގޮތުގައި ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ފުރުސަތު ހޯއްދަވައި ދެއްވާފައި ނޫނީ އިސްރާއީލާ އެކު ސިޔާސީ ގުޅުން ބަދަހި ނުކުރައްވާނެ އެވެ.

އިސްރާއީލް އާއެކު ސިޔާސީ ގުޅުން ބަދަހި ކުރުމަށް ސައޫދީ ވަނީ ތަކުރާރުކޮށް ދެކޮޅު ހަދާފަ އެވެ. އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ހިސޯރުކޮށްފައި އޮންނަހާ ހިނދު -- ސައޫދީ-އިސްރާއީލުގެ ގުޅުމަށް ހެޔޮ ބަދަލެއް ނާންނާނެ ކަމަށް ވެސް ސައޫދީން ބުނެ އެވެ.

އިސްރާއީލުގައި ސަރުކާރެއް އުފެއްދުމަށް ނަތަންޔާހޫއަށް ދެއްވާފައި އޮތް މުއްދަތު ހަމަވާނީ ޑިސެމްބަރު 21، 2023އަށެވެ.

ނަތަންޔާހޫ އުފައްދަވާ ސަރުކާރުގައި އިސްރާއީލްގައި ތިބި ހަރުކަށި ފިކުރުގެ ޕާޓީތައް ބައިވެރިކުރުން ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނަތަންޔާހޫ މިފަހަރު އެކުލަވާލައްވާ ސަރުކާރު ވާނީ އިޒްރާއީލްގެ ތާރީހުގައި ވެސް އެންމެ އަނިޔާވެރި ސަރުކާރަށެވެ.