ދުނިޔެ

ހުޅަނގު އައްސޭރީގައި ގެދޮރުއެޅުން ހުއްޓާލުމަށް އޮތް ޝަރުތަކީ ސައޫދީއާ އެކު ގުޅުން ބަދަހިކުރެވުން: ނަތަންޔާހޫ

ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރުއެޅުން ހުއްޓާލެވެން އޮތް ޝަރުތަކީ ސައުދީ އަރަބިއްޔާ އާއި އިސްރާއީލް ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުން ކަމަށް -- އިސްރާއީލްގެ ބޮޑުވަޒީރުގެ މަގާމަށް ހޮވިވަޑައިގެން އެކަމަކު އަދި ހުވައި ނުކުރައްވައި ހުންނެވި -- ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ ވިދާޅުވީ ބޯޅަ އޮތީ ސައޫދީ ކޮޅުގައި ކަމަށާއި އެކަމަށް އެދިވަޑައިގެން ހުންނެވި ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ސައޫދީއާ އެކު ޑީލެއް ހެދިއްޖެނަމަ ތައްގަނޑުޖެހި ގޮސް ވަންނާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބަހުރޭން ފަދައިން 2020 ގައި އެކުލަވާލެވުނު އަބްރަހަމް އެކޯޑްސްގެ ދަށަށް ކަމަށެވެ.

ސައޫދީއާ އެކު ސުލްހަ ގާއިމުކުރެވުމަކީ މެދުއިރުމައްޗަށް -- މީހަކު ހީނުކުރާހާ ބޮޑެތި ބަދަލު އަންނާނެ ކަމެއް ކަމަށް ވެސް ނަތަންޔާހޫ ކުރިން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ބޮޑުވަޒީރު ކަމުގެ ހުވައި ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ކަމަކަށް އޮތީ ސައޫދީއާ އެކު ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުން ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމުގައި ސައޫދީގެ ވެރިންނަށް ވެސް އިޚުތިޔާރުތަކެއް އެބަ އޮތެވެ. އުންމީދަކީ އެއްބަސްވުމެއްގައި ސޮއިކުރެވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަން ނިންމަން ޖެހޭނީ ސައުދީ ލީޑާޝިޕުން،" ނަތަންޔާހޫ ވިދާޅުވި އެވެ. "އަޅުގަނޑު އުންމީދު ކުރަން އެބޭފުޅުން އެކަން ކުރައްވާނެ ކަމަށް."

"ސައޫދީ އަރަބިއްޔާއާ އެކު ސުލްހަ ގާއިމުކުރެވިއްޖެ ނަމަ އަރަބި-އިސްރާއީލުގެ ހަމަނުޖެހުންތަކަށް ހަރުދަނާ ގޮތެއްގައި ނިމުމެއް އަންނާނެ،" ނަތަންޔާހޫ ވިދާޅުވި އެވެ.

އިސްރާއީލް އާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރެއްވުމަކީ އުންމީދެއް ކަމަށް ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް ވަނީ ވިދާޅުވެފަ އެވެ. މިކަމަށް އޮތް ޝަރުތަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބުން ކަމަށް ވެސް ބިން ސަލްމާން ވިދާޅުވި އެވެ.

ފަލަސްތީނަށް އޮތް ހައްގުތައް ގެއްލޭ ގޮތަށް އިސްރާއީލްއާ އެކު އެއްބަސްވުމެއް ނުހައްދަވާނެ ކަމަށް ވެސް ވަލީއަހުދު ވިދާޅުވި އެވެ.

ޔޫއޭއީ އާއި ބަހްރެއިން އިން އަބްރަހަމް އެކޯޑްސްގައި ސޮައިކުރީ ސެޕްޓެމްބަރު 15، 2020 ގައެވެ. މި އެއްބަސްވުމުގެ މާއްދާއެއް ގޮތުގައި ހުޅަނގު ސަހަރާގައި ޔަހޫދީން ވަޒަންވެރި ކުރުވުން އިސްރާއީލުން މަޑުޖައްސާލަން ޖެހޭނެ ކަމަށް އޮތީ ބަޔާންކޮށްފަ އެވެ.

މި އެއްބަސްވުމުގައި މޮރޮކޯ (މަޣްރިބްކަރަ) އާއި ސޫދާން ވެސް ފަހުން ބައިވެރިވެ ސޮއިކުރި އެވެ. އިސްރާއީލްއާ އެކު ރަސްމީ ސިފައިގައި ގުޅުން ދަމަހައްޓަނީ އަރަބި ދެ ގައުމަކުންނެވެ. އެއީ މިސްރާއި އުރުދުން އެވެ.

އިސްރާއީލާއި ފަލަސްތީން ސުލްހަވުމަށް މަޝްވަރާ ކުރެވޭތާ 25 އަހަރަށް ވުރެ ގިނަ އަހަރު ވަނީ ވެފަ އެވެ. އެހެން ނަމަވެސް، މި މައްސަލައަށް އެއްވެސް ހައްލެއް މިއަދާ ހަމައަށް ލިބިފައެއް ނުވެ އެވެ.

މި މަޝްވަރާތަކުގެ މައިގަނޑު ގޮސް ހުއްޓެނީ -- ހައްލަކީ ދެ ދައުލަތް ކަމަށް ބުނާ ހިސާބުގަ އެވެ. އެއީ އިސްރާއީލަށް މިނިވަން ދައުލަތެއް އޮންނަން ޖެހޭ ފަދައިން ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް އޮތުމެވެ.

ބެންޖަމިން ނަތަންޔާހޫ އިސްރާއީލްގެ ބޮޑުވަޒީރުގެ މަގާމު 1996 އިން 1999 އަށް ވަނީ އަދާކުރައްވާފަ އެވެ. އެއަށް ފަހު 2009 އިން 2021 އަށް ވެސް ބޮޑުވަޒީރުގެ މަގާމުގައި ހުންނެވީ ނަތަންޔާހޫ އެވެ. އެހެންކަމުން އިސްރާއީލްގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރައްވާފައި ވަނީ ނަތަންޔާހޫ އެވެ.

ނަތަންޔާހޫގެ ބަސްވިދާޅުވުން ހުންނަނީ ދެ ދައުލަތަށް ލައްބަ ވިދާޅުވުމާ އެކު އެއީ ދުވަހަކު ވެސް ރުހެވެން ނެތް ހައްލެއް ކަމަށް ވިދާޅުވާ ގޮތަށެވެ.

ދެ ދައުލަތަށް ރުހެވޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ ޔަހޫދީން ވަޒަންވެރި ކުރަން އިސްރާއީލުން ކުރިއަށް ގެންދާ މަސައްކަތްތައް ހުއްޓައި ނުލައްވާނެ ކަމަށް ވެސް ނަތަންޔާހޫ އެތައް ފަހަރަކު ވަނީ ވިދާޅުވެފަ އެވެ.