ދުނިޔެ

މުހައްމަދު ބިން ސަލްމާން، ޝަހްބާޒް ޝަރީފްއާ ބައްދަލު ކުރައްވައިފި

ސައޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްއާ ބައްދަލުކުރައްވައިފި އެވެ.

މައްކާގައި ދެ ލީޑަރުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަތައް -- ސަރަހައްދުން ބޭރަށް ފުޅާކުރެއްވި ކަމަށް ސައޫދީ ނޫސް އޭޖެންސީން ބުންޏެވެ.

މަޝްވަރާތަކުގެ ތެރޭގައި އިޒުރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ޖަރީމާތަކަށް އަލިއަޅުވާލެއްވި އެވެ. އަދި ދުނިޔޭގެ ހާލަތާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

ޕާކިސްތާންއާ އިންޑިއާއާ ދެމެދު އޮތް ހޫނުކަން އެ ނޫން ގޮތަށް ބަދަލުކޮށް ސަރަހައްދު ފިނިކުރުމާ މެދު ވެސް ދެ ލީޑަރުން މަޝްވަރާކުރެއްވި އެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކަށް އިޒުރޭލު ބޯލެނބުން ދުނިޔެއަށް ވާޖިބު ކަމަށް މުހައްމަދު ބިން ސަލްމާން ވިދާޅުވި އެވެ. ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ އިދާރާތަކުން ސީރިއަސް ނިންމުންތަކެއް ނިންމުމަށް ވެސް ވަލީއަހުދު ގޮވާލެއްވި އެވެ.

ޝަހްބާޒް ޝަރީފް ވިދާޅުވި ގޮތުގައި އިޒުރޭލުން ޣައްޒާއާ ދެކޮޅަށް ހިންގަނީ އަނިޔާވެެރި އަމަލުތަކެކެވެ. ޕާކިސްތާން އިޒުރޭލުގެ ޖަރީމާތައް ކުށްވެރިކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އދ ގެ ސަލާމަތީ މަޖިލީހުން ފާސްކުރާ ގާނޫންތަކަށް އިޒުރޭލު ބޯލެނބުން ނުފޫޒުގަދަ ގައުމުތަކަށް ލާޒިމު ކަމަށް ވެސް މުހައްމަދު ބިން ސަލްމާން ވިދާޅުވި އެވެ. އެ ނޫން ގޮތެއްގައި ޒަޔަނިސްޓުން ސައިޒުނުކުރެވޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާންއާ އިންޑިއާއާ ދެމެދު ހުރި ޚިލާފުތައް ތާއަބަދަށް އެ ގޮތުގައި ނުބޭއްވުމަށް ބިން ސަލްމާން، ޕާކިސްތާންގެ ބޮޑުވަޒީރަށް ދެންނެވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ފެށުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.

ސަރަހައްދީ މަސްލަހަތަށްޓަކައި މަޝްވަރާގެ މުހިންމުކަން ޕާކިސްތާން އަދި އިންޑިއާއަށް ވެސް އެނގެންވާނެ ކަމަށް ވެސް ވަލީއަހުދު ވިދާޅުވި އެވެ. އަދި މަޝްވަރާތައް ކުރިއަން ގެންދިއުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އިންޑިއާއަކީ ސައޫދީ އާއެކު ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. އިންޑިއާ އަކީ އަރަބި ހުރިހާ ގައުމަކާ އެކު ވެސް ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. މިހެން ކަން އޮތުމުން ޕާކިސްތާން، އިންޑިއާ ހަމަޖެހުމަކީ ސައޫދީއަށް ވެސް ލިބޭ ތަނަވަސް މާހައުލަކަށް ވެގެންދާނެ އެވެ.