ދުނިޔެ

މަހްމޫދޫ އައްބާސް ސައުދީއަށް، ވަލީއަހުދާ ބައްދަލުކުރައްވާނެ

ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ. މިއީ އިޒުރޭލުން އޮކްޓޯބަރު ހަތެއްގައި ޣައްޒާއަށް ހަމަލާދޭން ފެށިފަހުން އައްބާސް ސައޫދީއަށް ކުރައްވާ ދެވަނަ ދަތުރެވެ.

މަހްމޫދު އައްބާސްގެ މި ދަތުރަކީ ސައޫދީގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެކެވެ. މިދަތުރުގައި އައްބާސް ސައޫދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވާނެ އެވެ.

އައްބާސްގެ ދަތުރު އޮތް ގޮތް، އަދި އެޖެންޑާއާ ބެހޭ ގޮތުން ސައޫދީން އެއްވެސް މައުލޫމާތެއް އާންމެއް ނުކުރެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބިން ސަލްމާއާ ބައްދަލުކުރައްވައި، ޣައްޒާ ހަނގުރާމައާ ބެހޭ ގޮތުން އައްބާސް މަޝްވަރާކުރައްވާނެ އެވެ. އަދި ޒަޔަނިސްޓުންގެ އަނިޔާޥެރި ހަމަލާތައް ހުއްޓުވުމަށް ސައުދީން ބާރުއެޅުއްވުމަށް ވަލީއަހުދަށް ދަންނަވާނެ އެވެ.

ސައުދީ އާއި އިޒުރޭލާ ދެމެދު ސިޔާސީ ގޮތުން ގުޅުންތަކެއް އޮތް ނަމަވެސް، ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބުމަށް ދާންދެން، އިޒުރޭލާ އެކު ސަފީރުންގެ ފެންވަރުގައި މުއާމަލާތް ނުކުރައްވާނެ ކަމަށް ވަލީއަހުދު ވަނީ ވިދާޅުވެފަ އެވެ. އަދި ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުވާން ވެސް މި މޭރުމުން ވިދާޅުވި އެވެ.

މަހްމޫދު އައްބާސް ސައުދީއަށް ވަޑައިގަތުމުގެ ކުޑައިރުކޮޅެއް ކުރިން، ސައުދީ އާއި އެމެރިކާއާ ދެމެދު ގާތް ގުޅުންތަކެއް -- އެއްބަސްވުންތަކެއް ހަދާ ކަމަށް މީޑީގައި ދެކެވުނެވެ. މިއީ ކޮން ދިމާއަކުން ވަރުގަދަކުރާ ގުޅުމެެއް ކަމެއް ނޭނގެ އެވެ.

އެމެރިކާގެ ރައީސްކަން ޖޯ ބައިޑަނަށް ލިބިވަޑައިގަތް ފަހުން ސައޫދީ އާއި އެމެރިކާއާ ދެމެދުގައި އޮންނަނީ ލޮނުމަޑު ގުޅުމެވެ. ސައުދީއަށް ހަތިޔާރު ވިއްކުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހެއްދެވި އެއްވަސްވުންތައް ވެސް ބައިޑަން ސަރުކާރުން ވަނީ އުވާލާފަ އެވެ.

ނަމަވެސް، ސައޫދީއަށް ހަތިޔާރު ވިއްކުމަށްޓަކައި މުޅިން އާ އެއްބަސްވުންތަކެއް ހަދައި އަމަލީ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމެރިކާއިން ބުންޏެވެ.

ސައޫދީއާ އެކު ގާތް ގުޅުމެއް އުފެއްދުމަށް އެމެރިކާ ބާރުއަޅާ ސަބަބަކީ، ސައޫދީން އިޒުރޭލު ބަލައިގަތުމެވެ. އަދި ސަފީރުންގެ ފެންވަރުގައި ދެ ގައުމުގެ ދެމެދުގައި މުއާމަލާތްކުރަން ފެށުމެވެ.