ޣައްޒާ މެދުތެރޭގައި އޮންނަ ނުސީރާތު ރެފިއުޖީ ކޭމްޕަށް އިޒުރޭލު ސިފައިން ހަމަލާދީ ހިންގި ޖަރީމާތަކާ ބެހޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވޭތޯ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.
ފަލަސްތީންގެ ރަސްމީ ޚަބަރު އޭޖެންސީ ވަފާއިން ބުނާ ގޮތުން އައްބާސް މިހާރު ވަނީ އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދިވަޑައިގަތުމަށް ފަލަސްތީނުން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބަށް ދަންނަވާފަ އެވެ.
ނުސީރާތު ރެފިއުޖީ ކޭމްޕުގައި އިޒުރޭލު ސިފައިން ހިންގި ލޭއޮހޮރުވުންތަކުގެ ސަބަބުން ފަލަސްތީންގެ ރައްޔިތުންނަށް ލިބުނު ގެއްލުންތަކާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހުގައި ބަހުސްކުރުމަށް ވެސް އައްބާސް އެދިވަޑައިގެންނެވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުން ނުސީރާތު ކޭމްޕަށް ދިން ހަމަލާތަކުގައި 210 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 400 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
އދގެ ސަލާމަތީ މަޖިލީހަށް މި މައްސަލަ ވެއްދޭތޯ އައްބާސް ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
އަރަބި އެކުވެރިންނަށް ގުޅުއްވައި އަދި ފަލަސްތީނަށް ހެޔޮއެދޭ ގައުމުތަކުގެ އެހީގައި ސަލާމަތީ މަޖިލީޙުގެ ސަމާލުކަން މި މައްސަލައަށް އަމާޒުކުރުމަށް އައްބާސް އަވަދިނެތި އުޅުއްވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
އައްބާސްއާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން އިޒުރޭލުގެ އަނިޔާވެރި އަމަލުތަކަށް ދުނިޔެ ރުހިގެން އޮންނަނީ ކަމަށް ޒަޔަނިސްޓުންނަށް ގަބޫލުކުރެވެ އެވެ. ހަގީގަތަކީ، އައްބާސް ވިދާޅުވި ގޮތުގައި، އެމެެރިކާއާ ފުށުއަރަން އެއްވެސް ގައުމަކުން ބޭނުން ނުވުމެވެ.
އިޒުރޭލުން ފަލަސްތީންގެ ޣާއްޒާ އަށާއި ހުޅަނގު އައްސޭރިއަށް ދޭ ހަމަލާތައް ހުއްޓުވުމަކީ އެމެރިކާ ބޭނުންވެއްޖެ ނަމަ، އެއްވެސް ކަމެއް ނޫން ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުން އިޒުރޭލުގެ އަސްކަރީ ބަރު އުޅަނދުތައް ގޮތެއްފޮތެއް ނެތި ބާރު ދުވެލީގައި ގޮސް ނުސީރާތު ކޭމްޕަށް ވަނީ ވަދެގެންފަ އެވެ. އަދި ބެލުމެއް ނެތި އެކި ދިމަދިމާއަށް ވަނީ ހަމަލާދީފަ އެވެ.