ދުނިޔެ

ފަލަސްތީނަށް އެހީދޭ ޖަމިއްޔާ އިޒުރޭލުގައި މަނާކޮށްފި

ފަލަސްތީންގައި ހާލުގައި ޖެހިފައި ތިބި އާންމު ރައްޔިތުންނަށް އެހީ ދިނުމަށް އދއިން ޣައްޒާގައި ހިންގާ ޔޫއެން އޭޖެންސީ ފޮ ޕަލަސްޓީނިއަން ރެފިއުޖީޒް (އަންރާ) އިޒުރޭލުގައި މަނާކޮށްފި އެވެ.

އިޒުރޭލުގެ ގާނޫނު ހަދާ މަޖިލީސް -- ކްނެސެޓުން ފާސްކުރި ގާނޫނަކުން އަންރާގެ ހަރަކާތްތައް ޔަހޫދީ ދައުލަތުގެ ބާރުގެ ތެރޭގައި މަނާކުރުމުން، ފަލަސްތީނަށް އިންސާނީ އެހީ ދިނުންވެސް ވަރަށް ބޮޑަށް އުނދަގޫވާނެ އެވެ.

އިޒުރޭލުގައި އަންރާ މަނާކުރީ ފާއިތުވި އަހަރު އޮކްޓޯބަރު ހަތެއްގައި، ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް ވަދެގަނެ ދިން ހަމަލާތަކުގައި އަންރާގެ މުވައްޒަފުން ބައިވެރިވި ކަމަށް ބުނެ އެވެ. އަދި ޣައްޒާގައި ހުންނަ އަންރާގެ މައި އޮފީހުގައި ހަމާސްގެ ހަރަކާތްތައް ހިންގާ ކަމަށް ވެސް އިޒުރޭލު ތުހުމަތުކުރެ އެވެ.

ޔަހޫދީ ދައުލަތުން ބުނި ގޮތުން ޓެރަރިސްޓުންނާ ގުޅުން ހުރި ބައެއް އާލާތްތައް އަންރާގެ އޮފީސްތަަކުންވެސް ވަނީ ފެނިފަ އެވެ.

އިޒުރޭލުގައި އަންރާ މަނާކުރަން ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓަށް 90 މެމްބަރަކު ރުހުން ދެއްވި އެވެ. ކްނެސެޓްގައި ހިމެނޭ 120 ގޮނޑީގެ ތެރެއިން މި ބިލާ އިދިކޮޅަށް ވޯޓު ދެއްވީ އެންމެ 10 މެމްބަރެކެވެ.

މިހާ ބޮޑު އަޣުލަބިއްޔަތަކުން މި ބިލްތައް ފާސްކޮށް ގާނޫނަކަށް ހެދުމުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި ގާނޫނަށް އަމަލުކުރަން ޖެހޭނެ އެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމުން އަންރާއާ ގުޅުން ހުރި އެއްވެސް ހަރަކާތެއް، ސީދާކޮށް އަދި ނުސީދާކޮށް ނަމަވެސް ޔަހޫދީ ދައުލަތުގައި ނުހިންގޭނެ އެވެ. މާނަ އަކީ އަންރާ މެދުވެރިކޮށް ޣައްޒާއަށް ވައްދާ އެހީގެ ވަރަށް ބޮޑު ބައެއް އުނިވެގެންދާނެ ކަމެވެ.

އަންރާ މެދުވެރިކޮށް ޣައްޒާއަށް އެހީދޭ ޖަމާއަތްތަކަށް ދެން އޮތް އިޚުތިޔާރަކީ، އެހީގެ ހުރިހާ ބާވަތެއް އިޒުރޭލުގެ ކަމާބެހޭ އިދާރާތަކަށް ހަވާލުކުރުމެވެ.

އިޒުރޭލުގައި އަންރާ މަނާކުރުމުން ބައިނަލްއަގްވާމީ ޖަމާއަތްތަކުން ޣައްޒާއަށް ފޯރުކޮށްދޭ އެހީތެރިކަމަށްވެސް ބަދަލުތަކެއް އަންނާނެ އެވެ. ބެލެވޭ ގޮތުގައި އިޒުރޭލުގެ ޖެއްސުންކުރުމާ ހެދި ޣައްޒާއަށް އެހީދިނުން ދަތިކަމަކަށް ވާނެ އެވެ.

އިޒުރޭލުގެ ގާނޫނު ހަދާ މަޖިލީހުން މި ގޮތަށް ގާނޫނެއް ފާސްކޮށް އަމަލުކުރަން ފެށި ނަމަވެސް އދ އާއި އެމެރިކާއިން ވެސް އިޒުރޭލަށް ޕްރެޝަރުކުރާނެ އެވެ.

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް ނޭޅޭ ގޮތަށް އިޒުރޭލުގެ ހަރަކާތައް ބެހެއްޓުމަށް އެެރިކާއިން މިހާރުވެސް އޮތީ ގޮވާލާފަ އެވެ.