ދުނިޔެ

ޣައްޒާ ހަނގުރާމަ ސަރަހައްދަށް ފެތުރިދާނެ ކަމަށް އެމެރިކާ ތައްޔާރުވަނީ

ޔަހޫދީ ދައުލަތުން ފަލަސްތީންގެ ޣައްޒާއަށް އޮކްޓޯބަރު ހަތެއްގައި ހަމަލާދޭން ފެށި އިރުވެސް މި ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރިދާނެ ކަމުގެ ބިރު އޮތެވެ.

ޣައްޒާ ހަނގުރާމައަށް ތިންމަސް ދުވަސް ވާން އަންނައިރު ޔަމަނުގައި ހަރަކާތްތެރިވާ ހޫސީން ތިބީ ހަނގުރާމައިގެ ތެރެއަށް ރަނގަޅަށް ވަދެ -- ހަމަލާ ބަދަލުކުރުމުގަ އެވެ.

ލުބްނާންގައި ނުފޫޒުގަދަ ހިޒުބުﷲ ޖަމާއަތުން ވެސް ދަނީ ހަނގުރާމާގައި ބައިވެރިވެ ޔަހޫދީންނަށް ހަމަލާދެމުންނެވެ.

ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ މުދާ އުފުލާ ކޮންޓޭނަރު ބޯޓުތަކަށް ހޫސީން ހަމަލާދޭން ފެށުމާ އެކު އެމެރިކާއާ ބައިވެރިން ދަނީ ހޫސީންގެ ފަހަތުން ދުވަމުންނެވެ.

އީރާންއާ އިންޑިއާ އަދި ސްރީލަންކާއިން ވެސް ވަނީ ހޫސީން ބަލިކުރުމަށް އަސްކަރީ ފައުޖުތައް ރަތް ކަނޑަށް ފޮނުވާފަ އެވެ.

މި ހުރިހާ ކަމެއްގެ އަނެއް ކޮޅު އޮތީ ޒަޔަނިސްޓުން ޣައްޒާއަށް ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކާ އެވެ. ޣައްޒާއަށް ޔަހޫދީންގެ ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ދާންދެން -- ހޫސީންނާއި ހިޒްބުﷲ، އިސްލާމިކް ޖިހާދު އަދި ހަމާސްއިން ވެސް ރައްދު ހަމަލާތައް ދިނުމުގައި ސާބިތުވެ ދެމިތިބޭނެ ކަމަށް ވަނީ ހުވާކޮށްފަ އެވެ.

ޣައްޒާ ހަނގުރާމާގައި ޔަހޫދީންނަށް އެންމެ ބޮޑަށް އެހީތެރިވަމުން ގެންދާ އެމެރިކާއަށް މެދުއިރުމަތިން މިހާރު ފެންނަނީ އެހެން މަންޒަރެކެވެ.

ޣައްޒާ ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރި -- ސީރިއާ އަދި އީރާގުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕްތަކުންވެސް މި ހަނގުރާމާގައި ބައިވެރިވާ މަންޒަރެވެ.

މިފަދަ ބިރުވެރި ހާލަތަކަށް ބަދަލުވެދާނެ ކަމަށް ބަލައި އެމެރިކާއިން ވަނީ އަސްކަރީ ފައުޖުތައް ތައްޔާރަށް ތިބުމަށް ގޮވާލާފަ އެވެ. ބަޑި އާއި ކަނޑި ތޫނުކޮށް ގޮވާތަކެތި އެއްކުރަން އަސްކަރިއްޔާއަށް ވަނީ އިރުޝާދު ދީފަ އެވެ.

ހޫސީންގެ ދިފާއުގައި އީރާނުން ރަތް ކަނޑަށް ނިކުތުމަކީ އެމެރިކާއަށް ބިރުބޮޑު ކަމެކެވެ. އެމެރިކާ ދެކޭ ގޮތުގައި ކޮންމެ އަގެއް ދައްކާފައި ނަަމަވެސް އީރާން މައިތިރިކުރަން ޖެހެ އެވެ.

މިފަދަ ހާލަތްތަކުގައި އެމެރިކާ ދައްކަން އޮންނަ އަގަކީ -- އެމެރިކާގެ ފައިޓަރު ޖެޓުތަކުން އަންދާ ބަޑިބޭހަށް ދައްކަން ޖެހޭ އަގެވެ. އީރާން ކަހަލަ ބަޔަކު ސުންނާފަތިކުރަން ޖެހިއްޖެނަމަ ދުނިޔޭގެ އެއްވެސް ގާނޫނަކަށް އެމެރިކާ ނުބަލާނެ އެވެ.

ޣައްޒާ ހަނގުރާމާގައި އީރާނުން ބުއްދިވެރިކޮށް ނުކުޅެފިނަަމަ ބޮޑު ގެއްލުމެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އީރާނުން ކުޅެން ޖެހޭނީ އެމެރިކާ އަށާއި ޔަހޫދީ ދައުލަަށް ބޮޑެތި ގެއްލުންތައް ދެވޭނެ ގޮތަށެވެ. އެކަމަކު ހަނގުރާމައިގެ ފުނަށް ވަނުމަކީ އީރާނަށް ކުރަން ކެރޭނެ ކަމެއް ކަމަކަށް ނުފެނެ އެވެ.