ދުނިޔެ

އީރާންގެ ޚާމަނާއީގެ ފޭސްބުކާއި އިންސްޓަގްރާމް އެކައުންޓް ބަންދުކޮށްފި

އީރާންގެ ލީޑަރު އާޔަތުﷲ ޚާމަނާއީގެ ފޭސްބުކާއި އިންސްޓަގްރާމް އެކައުންޓްތައް ބަންދުކޮށްފި އެވެ.

ފޭސްބުކާއި އިންސްޓަގްރާމް އަދި ވަޓްސް އެޕްގެ ބެލެނިވެރިޔާ މެޓާ ޕްލެޓްފޯމްސް އިން ބުރާސްފަތި ދުވަހު މިކަން އިއުލާނުކޮށް ވަނީ އާންމުކޮށްފަ އެވެ.

މެޓާ ޕްލެޓްފޯމްސްއިން ބުނި ގޮތުން އާޔަތުﷲ ޚާމަނާއީގެ އެކައުންޓްތައް ބަންދުކުރަން ޖެހުނީ ޓެރަރިސްޓް ގުރޫޕްތަކަށް ތާއީދުކޮށް ޝާއިއުކުރާތީ އެވެ. އެއީ މެޓާ ޕްލެޓްފޯމްސްގެ ގަވާއިދުތައް މަނާކުރާ ކަމެއް ކަމަށްވެސް އޮތީ ބުނެފަ އެވެ.

ޚާމަނާއީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހިންގަނީ އިނގިރޭސިންނާއި ޕާސިއަނުންނެވެ.

އޭނާގެ އެކައުންޓްތަކުގައި ހަމާސް އަށާއީ ހޫސީންނަށް ތާއީދުކޮށް ލިޔުންތައް ލިޔެ އެވެ. އަދި މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި ހަމާސްއިން ޔަހޫދީ އާބާދީތަކަށް އަރައިގަތުމަކީ ހިކުމަތްތެރި ހަރަކާތެއް ކަމަށްވެސް ވިދާޅުވި އެވެ.

ހަމާސް އަށާއި ހިޒްބުﷲ އަދި ހޫސީންނަަށް ތާއީދުކޮށް އާޔަތުﷲ ލިޔުންތައް ޝާއިއުކުރި ނަމަވެސް އެއީ އީރާނުން މަދަދުވެރިވާ ބައެއް ނޫން ކަމަށް އީރާނުން ބުނެ އެވެ. އަދި ޔަހޫދީ އާބާދީތަކަށް ހަމާސް އިން ދެމުން ގެންދާ ހަމަލާތަކުގައި އީރާންގެ އެއްވެސް އަތެއް ނޯންނާނެ ކަމަށް ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔަހޫދީ އާބާދީތަކަށް ހަމަލާދިނުމުގެ ދުވަސްތަކެއް ކުރިން ހަމާސް އިން އީރާންގައި ތަމްރީންތަކެއް ވަނީ ހަދާފަ އެވެ. އަދި އީރާނަށް ތާއީދު އޮންނަ އެފްރިކާގެ ބައެއް ގައެއް ގައުމުތަކުގައިވެސް ހަމާސް އިން ތަމްރީން ހެދި އެވެ.

ޚާމަނާއި އީރާންގައި ހަންފަތުރައްވާތާ 35 އަހަރު ވެއްޖެ އެވެ. އޭނާއަށް ސޯޝަލް މީޑިއާގައި ބޮޑު ތަރުހީބެއް އޮވެ އެވެ. އިންސްޓާގްރާމްގައި އެނާ އުޅޭ ގޮތް ބަލައި ފަސް މިލިއަން މީހުން އުޅެ އެވެ.

މެޓާ ޕްލެޓްފޯމްސްއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ހަމަނުޖެހުމަށް ގޮވާލައި އަދި ހަމަނުޖެހުމަށް ތާއީދުކުރުމަކީވެސް އެ ކުންފުނީގެ ގަވާއިދުތައް ތަންދޭ ކަމެއް ނޫނެވެ.

އެތައް މިލިއަން މީހުން ފޮލޯކުރާ މީހަކު ކުރާ ކަމަކުން ނުވަތަ ދޭ ނަސޭހަތަކުން ދުނިޔޭގެ މަސްލަހަތު ނެތިގެން ހިނގައިދާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.

މެޓާ ޕްލެޓްފޯމްސްއިން އަދި ބުނީ ބަންދުކުރި އެހެން އެކައުންޓްތަކުގެ ތެރޭގައި މަސްލަހަތު ގެއްލުވާލަން މަސައްކަތްކުރާ އެކައުންޓްތައް ހިމެނޭ ކަމަށެވެ.