ދުނިޔެ

ހަމާސްގެ ލީޑަރު މަރާލުމާ ގުޅިގެން އަސީރުންނަށް ވެދާނެ ގޮތަކާ މެދު އިޒުރޭލު ބިރުން

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ މަރާލުމާ ގުޅިގެން ހަމާސްގެ އަތްދަށުގައި ތިބި އިޒުރޭލުގެ އަސީރުންނަށް ވެދާނެ ގޮތަކާ މެދު އާންމު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެ އެވެ.

ހަނިއްޔާ މަރާލީ އީރާންގެ އާ ރައީސް މަސްއޫދު ޕަޒަސްކިޔާން ރައީސް ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށްފަހު ވެރިރަށް ތެހެރާންގައި ހުއްޓަ އެވެ. އޭނާ މަރާލި ކަމަށް ބުނެވެނީ އިޒުރޭލުން ވައިގެ މަގުން ދިން ރޮކެޓް ހަމަލާއެއްގަ އެވެ.

ހަމާސްގެ ލީޑަރު މަރާލުމަކީ އިޒުރޭލުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް އާންމުންގެ ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި އަސީރުން މިނިވަންވުމުގެ ކުރިން އެވަރުގެ ކަމެއް ކުރުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އާންމުންގެ ގިނަ ބަޔަކު ދެކެ އެވެ.

އަސީރެއްގެ އާއިލާ މެމްބަރަކު ބުނި ގޮތުން ހެނދުނު ނިދާ ހޭލި ވަގުތު އިވުނު އަޑަކުން ބިރުން ތުރުތުރުއަޅައިގަތެވެ. ހަމާސް އިން ހިފަހައްޓާފައި ހުރި އެ އާއިލާގެ މީހާއަށް ދެން ވެދާނެ ގޮތަކާ މެދު ހީކަރުވާފައި ހުރި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުން އިޒުރޭލު މިހާރުވެސް ހަމާސްއާ އެކު އޮތީ ހަނގުރާމައިގަ އެވެ. އީރާން އަދި ހިޒްބުﷲ އަކީ ހަމާސްއަށް ވަގިވެރިވާ އަދި އިޒުރޭލުގެ ދުޝްމަނުން ކަމަށްވެސް އޭނާ ބުންޏެވެ.

އީރާނުން ބުނެފި ނަމަ އަސީރުކޮށްފައި ތިބި ހުރިހާ މީހުން ހަމާސް އިން މަރާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. އަދި އަނިޔާވެރި މަރަކުން އެ މީހުން މަރާފާނެ ކަމަށް އޮތް ބިރު ވަކިން ބޮޑު ކަމަށްވެސް އޭނާ ބުންޏެވެ.

ހަނގުރާމަ އަކީ އިޒުރޭލުގެ އާންމު ރައްޔިތުން ބޭނުންވެގެން ސަރުކާރުން ކުރާ ކަމެއް ނޫނެވެ. އާންމުގެ ގިނަ މީހުން ތިބީ ހަނގުރާމައާ ދެކޮޅަށެވެ. މަގުތަކުގައި ހުއްޓުމެއް ނެތި ކުރާ މުޒާހަރާތަކުންވެސް މިކަން އެނގެ އެވެ.

އަސީރުންގެ އާއިލާތަކުން ބުނާ ގޮތުން ހަމާސްގެ ލީޑަރު މަރާލުމަކީ ހަމާސްއާ އެކު ސުލްހަވުމަށް އިޒުރޭލު އެޅި ވަރަށް ބޮޑު ހުރަހެކެވެ. ލީޑަރު މަރާލި ވަގުތަކީ ހަމާސްގެ ވެރިންވެސް ހަނގުރާމަ ހުއްޓާލަން ބޭނުންވެފައި އޮތް ވަގުތެއް ކަމަށް އާއިލާތަކުން ބުނެ އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލައި ހަމާސްއާ އެކު ސުލްހަވުމަށް ގޮވާލައި އިޒުރޭލުގެ މަގުތަކުގައި ކުރާ މުޒާހަރާތަކަށް އަދިވެސް ހުއްޓުމެއް ނާދެ އެވެ. ހަނގުރާމަ އަކީ ސިޔާސީ ކަމެއް ކަމަށާއި ބޭނުމަކީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަގާމުގައި ދެމިހުންނެވުން ކަމަށްވެސް އާންމުން ބުނެ އެވެ.