ދުނިޔެ

ހަމަލާދޭން ޖެހިއްޖެ ކޮންމެ ތާކަށްވެސް ހަމަލާދޭނަން: އިޒްރޭލު

އިރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އެޑްވައިޒަރެއް ކަމަށްވާ ބްރިގޭޑިއާ ޖެނެރަލް ސައީދު ރާޒީ މޫސައުވީ އިޒްރޭލުގެ ދިފާއީ ބާރުތަކުން ސީރިއާއަށް ދިން މިސައިލް ހަމަލާތަކެއްގައި ވަނީ މަރާލާފަ އެވެ.

މި ހާދިސާއާއި ގުޅިގެން އިރާން އޮތީ ރުޅިގަދަވެ ރަތަށް އަރާފަ އެވެ.

އީރާންގެ ރައީސް، އިބްރާހީމް ރައީސީ ނޫސްތަކަށް ވިދާޅުވި ގޮތުގައި ވޭންދެނިވި ހަމަލާތަކަކުން މޫސައުވީގެ މަރަށް އިޒްރޭލުގެ ކިބައިން ބަދަލުހިފާނެ އެވެ.

އީރާންގެ މި އިންޒާރާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާގެ ވެރިޔާ ހެރްޒީ ހަލަވީއާ ސުވާލުކުރުމުން ވިދާޅުވީ ޒަޔަނިސްޓުންގެ ހަމަލާތައް އަމާޒުކުރާކަށް ވަކި ތަނެއް ނޯންނާނެ ކަމަށެވެ.

ހެރްޒީ ހަލަވީ ވިދާޅުވި ގޮތުގައި ޒަޔަނިސްޓު ދައުލަތުގެ ހިމާޔަތުގައި ކޮންމެ ތަނަކަނަށްވެސް ހަމަލާ ދޭން ޖެހިދާނެ އެވެ. އެއީ ވަގުތު ކަނޑައެޅިގެން އަދި ބަޔަކު ވިސްނުންލައިދީންގެ ޒަޔަނިސްޓުން ކުރާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ހަލަވީ ވިދާޅުވީ އިޒްރޭލަށް ލިބޭ ޖާސޫސީ މައުލޫމާތާ ގުޅިގެންވެސް ތަންތަނަށް އަދި މީހުންނަށް ހަމަލާދޭ ކަމަށެވެ. އެކަމަކު ވަކި މީހެއް -- ގައުމެއްގެ ނަމުން ވަކި ބަޔަކަށް ވަޒީރު އިޝާރާތެއް ނުކުރައްވަ އެވެ.

ހަލަވީ ވިދާޅުވި ގޮތުގައި ޒަޔަނިސްޓް ސަރުކާރަށް އެކަމެއްގައި ނުރައްކަލެއް ނެތް ކަންކަމުގެ ތެރެއަށް އަސްކަރިއްޔާ ނުވަންނާނެ އެވެ. ސިޔާސީ ފިކުރަށް ވުރެ ޒަޔަނިސްޓް އަސްކަރިއްޔާއަށް މުހިއްމު ވާނީ ދައުލަތް ކަމަށްވެސް ވިދާޅުވި އެވެ.

ހަލަވީ މިހެން ވިދާޅުވި ނަމަވެސް އިރާނަށް އަމާޒުކޮށް އިޒްރޭލުން ވަނީ ވަރަށް ގިނަ ހަމަލާތަކެއް ދީފަ އެވެ.

އިޒްރޭލުން ޣައްޒާއަށް މިހާރު ދެމުން ގެންދާ އަސްކަރީ ހަމަލާތަކުގައިވެސް އީރާންގެ ހަރަކާތްތައް ބެލުމަށް ޖާސޫސީ އޭޖެންޓުންނާއި އަސްކަރީ ޔުނިޓްތަކެއް ވަނީ ތަމްރީންކޮށްފަ އެވެ.

މެދު އިރުމަތީގައި ހާއްސަކޮށް އިޒްރޭލުގެ ބޯޑަރުގައި އީރާންއާ ގުޅުންހުރި އެއްވެސް ބަޔަކު އެއްވެސް ކަމެއް ކުރެތޯ އިޒްރޭލުން ވަރަށް ފަރުވާތެރިކަމާ އެކު ބަލަހައްޓަ އެވެ.

އީރާންގެ އަސްކަރީ ޖެނެރަލުންނާއި އޮފިޝަލުންގެ ހަރަކާތްތައް ބަލައި -- އަސްކަރީ ގޮތުން އީރާން ބަލިކޮށްލެވެން ހުރި ހުރިހާ ގޮތެއް އިޒްރޭލުން ވަނީ ދެނެގެންފަ އެވެ.

އީރާން އަކީ ޒަޔަނިސްޓުން ނައްތާލާނެ ކަމަށް ފާޅުގައި ބުނަމުންދާ ގައުމެކެވެ. އީރާންގެ މި ބުނުމާ މެދު އިޒްރޭލުން ވަރަށް ބޮޑަށް ފަރުވާތެރިވެ އެވެ.