އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރު މެދު އިރުމަތީގައި ހަރަކާތްތެރިވަމުން އެބަދެ އެވެ. އެމެރިކާގެ ނިއުކްލިއާ ސަބްމެރީނެއް ވެސް މިހާރު ވަނީ މި ސަރަހައްދަށް ފޮނުވާފަ އެވެ.
ބްލޫމްބާގް އިން ރިޕޯޓްކުރާ ގޮތުން މި ސަބްމެރިން އަކީ 154 ޓޮމަހޯކް ކުރޫޒަ މިސައިލް އުފުލޭ ފެންވަރުގެ އުޅަނދެކެވެ. އަދި އޮޕަރޭޝަންތައް ހިންގުމަށްޓަކައި 66 ފަޅުވެރިން ވެސް މި ސަބްމެރީންގައި ދަތުރުކުރެ އެވެ.
އެމެރިކާގެ ޒަމާނީ އަދި ބާރުގަދަ އުޅަނދުތައް މެދުއިރުމައްޗަށް ފޮނުވުމުގެ ބޭނުނަކީ އެމެރިކާ އަކީ ބާރުގަދަ ގައުމެއްކަން އީރާނަށް ދެއްކުމެވެ.
ޔަހޫދީ ދައުލަތުން ޣައްޒާއަށް އަރައިގަތުމާ ގުޅިގެން އެމެރިކާގެ ހަނގުމާމަތީ އުޅަނދުތައް މެދުއިރުމައްޗަށް ފޮނުވުމުގެ ބޭނުމަކީ ހަމާސްއަށް ކުޅިވަރު ދެއްކުމެއް ނޫނެވެ.
އެމެރިކާއަށް އަދި ޔަހޫދީ ދައުލަތަށް ކޮންޓްރޯލް ނުކުރެވޭ ވަރުގެ ގައުމަކަށް މެދުއިރުމަތިގައި އޮތީ އީރާން އެވެ. ކަން މިހެން އޮތުމުން، ޣައްޒާ ހަނގުރާމާގައި އީރާން ބައިވެރިވެ ޔަހޫދީ އާބާދީތަކަށް ހަމަލާދިނުމަކީ އެމެރިކާއަށް އޮތް ބިރުކަމަކަށް ވާތީ، އެމެރިކާ ކަނޑުގެ ސިފައިން ފޮނިދައްކަނީ އެވެ.
އަނެއްކޮޅުން، ހަމާސް އާއި އިސްލާމިކް ޖިހާދު އަދި ލުބްނާންގެ ހިޒްބުﷲ އަކީ ވެސް އީރާންގެ ޕްރޮކްސީ އަސްކަރީ ޖަމާއަތްތަކެކެވެ. މެދުއިރުމަތީގައި މި ޖަމާއަތްތަކުން ތަންފީޒްކުރަނީ އީރާން އެޖެންޑާ އެވެ.
އެމެރިކާގެ ވިސްނުމަކަށް ވެފައި އޮތީ އީރާނުން ހަމާސްއަށް ވާގިވެރިވުމުގައި ހަތިޔާރާއި ސިފައިން ޣައްޒާއަށް ފޮނުވާނެ ކަމެވެ. ޣައްޒާ އޮތީ ވަށައިގެން ބައްދާފައި ނަމަވެސް، ހަމާސްއަށް ހަތިޔާރު ލިބުމުގައި އީރާންގެ އަތެއް އޮތްކަން އެމެރިކާއަށް ދާދި ކަށަވަރެވެ.
އީރާނުން ޣައްޒާ ހަނގުރާމައަށް ވަދެގަނެ ކިރިޔާވެސް ހިރިލައިވި ނަމަ އެމެރިކާއިން ހޭވެސް އަހާނުލައި ނިއުކްލިއާ ހަތިޔާރުން އީރާނަށް ހަަމަލާދޭނެ އެވެ. ނިއުކްލިއާ ހަމަލާއެއް ދޭން ޖެހިއްޖެ ނަމަ ދޭނެ ތަނަކާއި އެއަށް ފަހު އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތްވެސް އެމެިރކާ އޮތީ ރާވައި އަދި ސެޓެލައިޓުން ބަަލައި ފާސްކޮށްފަ އެވެ.
އީރާނުން ދެތިން ބަހެއް ބުނެފައި މަޑުމަޑުން އެ އޮންނަނީ ވެސް މިކަމަށް ބިރުންނެވެ. ގައުމުގެ އިގުތިސާދާއި އުމްރާނީ ތަރައްގީ މުޅިން ނެތިގެން ދިއުމަށް އީރާނަށް ގަބޫލުނުވެވެނީ އެވެ.