ދުނިޔެ

ހައިޕާސޮނިކް މިސައިލެއް އުފައްދައިފިން: އީރާން

ގައުމުތަކުގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލާ ވަރުގެ ބާރުގަދަ ހައިޕަސޮނިކް މިސައިލެއް އުފައްދާފައިވާ ކަމަށް އީރާންގެ ރިވޮލިއުޝަނަރީ ގާޑުންގެ އޭރޯސްޕޭސް ޔުނިޓްގެ ކޮމާންޑަރު ޖެނެރަލް އަމީރު އަލީ ހާޖިޒާދާ ވިދާޅުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާނުން އުފެއްދި ކަމަށް ބުނަނީ ބެލިސްޓިކް ހައިޕާސޮނިކް މިސައިލެކެވެ. މިއީ ނިއުކްލިއާ ހަތިޔާރު އުފުލޭ ފެންވަރުގެ މިސައިލެއް ކަމަށް ވެސް ބުނެވެ އެވެ.

ހައިޕާސޮނިކް މިސައިލަކީ މީގެ އަސާސީ މިސައިލަކަށް ވުރެ ދުވެލި ބާރު -- އަޑަށް ވުރެ ފަސްގުނަ ދުވެލި ބާރު މިސައިލެކެވެ. އާންމު ގޮތެއްގައި ހައިޕާސޮނިކް ދަރަޖަ ދެނީ އަޑަށް ވުރެ ފަސްގުނައަށް ވުރެ ދުވެލި ބާރުވުމުންނެވެ.

ހާޖިޒާދާއާ ހަވާލާދީ އީރާންގެ ހަބަރުތައް ބުނާ ގޮތުން ހައިޕާސޮނިކް މިސައިލެއް އުފެއްދުމުގެ ބޭނުމަކީ ދުޝްމަނުންގެ ދިފާއީ ފާރުތައް ފުނޑާލައި ވެއްޔަށް ހަދާލުމެވެ.

އޭނާ އަދި ވިދާޅުވީ މިސައިލުން ދިފާއުވުމަށް ގައުމުތަކުގައި ބަހައްޓާފައި ހުރި އެއްވެސް ނިޒާމަށް މި މިސައިލް އޮބިއޮންނަ ވަރު ނުކުރެވޭނެ ކަމަށެވެ. އަދި އީރާނުން އުފެއްދި މިސައިލް މަތަކުރެވޭ ފެންވަރުގެ މިސައިލް ޑިފެންސް ސިސްޓަމެއް ދުނިޔޭގައި ނެތް ކަމަށްވެސް ވިދާޅުވި އެވެ.

ހާޖިޒާދާ ވިދާޅުވި ގޮތުގައި އީރާންގެ ހައިޕާސޮނިކް މިސައިލްގެ އަމާޒަކަށް ވާނީ މިސައިލް ނައްތާލާ ނިޒާމުތަކެވެ.

އީރާނުން ހައިޕާސޮނިކް މިސައިލެއް އުފެެއްދި ކަމަށް ބުނެ އިއުލާން ކޮށްފައި މިވަނީ ރަޝިއާއަށް އަސްކަރީ ޑްރޯން އާއި ދުރު ރާސްތާ މިސައިލް ސަޕްލައިކުރާ ކަމަށް ތުހުމަތެއް އޮއްވަ އެވެ.

އެކަމަކު އީރާނުން ބުނަނީ އެއްވެސް ޒާތެއްގެ މިސައިލެއް ރަޝިއާއަށް ނުފޮނުވާ ކަމަށާއި އެ ގައުމަށް ފޮނުވި ޑްރޯނަކީ ވެސް ޔުކްރޭން ހަނގުރާމަ ފެށުމުގެ ކުރިން ފޮނުވި ޑްރޯން ކަމަށެވެ.

އަނެއްކޮޅުން އީރާންގެ ފުލުހުންގެ ބެލުމުގައި ދަށުގައި އިންދައި އޮކްޓޯބަރު 16 ގައި މަރުވި ޒުވާން އަންހެނެއް ކަމަށްވާ މަހްސާ އަމީނީ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ބުނެ މުޅި އީރާނުގައި ދަނީ މުޒާހަރާ ވެސް ކުރަމުންނެނެވެ.

އީރާނުން ބުނާ ގޮތުން މުޒާހަރާ ރާވައި ފޯރި ހިއްޕަނީ ހުޅަނގުންނެވެ. ހުޅަނގުގެ ބޭނުމަކީ އީރާންގައި އޮތް ވެރިކަން ބަދަލުކޮށް ހުޅަނގަށް ކަމުދާ ބާވަތެއްގެ ވެރިކަމެއް ގާއިމުކުރުން ކަމަށް އީރާނުން ބުނެ އެވެ.