ދުނިޔެ

ގައުމީ ސަލާމަތާ ބެހޭ މުޝީރު ދަތުރު ކެންސަލްކުރައްވައި ކޭމްޕް ޑޭވިޑަށް

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ޚާއްސަ މުޝީރު ޖޭކް ސުލިވަން -- ޑެންމާކަށް ކުރައްވަން އޮތް ދަތުރު ކެންސަލް ކުރައްވައި، ރައީސް ޖޯ ބައިޑަންއާ އެކު ކޭމްޕް ޑޭވިޑަށް ވަޑައިގެންފި އެވެ.

މިއީ ވެގްނާ ގުރޫޕުން ރަޝިއާއަށް އަސްކަރީ ބަޣާވާތެއް ގެންނަން އުޅޭކަން އިއުލާންކުރުމުން މަސްރަހު އެނބުރިގެންދާ ގޮތް ގާތުން ބެއްލެވުމަށް ނިންމެވި ނިންމުމެކެވެ.

ޖޭކް ސުލިވަން ޑެންމާކަށް ކުރައްވަން އޮތް ދަތުރަކީ އެމެރިކާއިން ޔުކްރޭނަށް ދެމުން ގެންދާ އެހީތަކާ ބެހޭ ދަތުރެކެވެ. އަދި އެމެރިކާގެ ޔުކްރޭން ސިޔާސަތު ދެމެހެއްޓުމަށް ބާރުއެޅުއްވުމަށް އެ ގައުމަށް ވަޑައިގަންނަވަނީ އެވެ.

އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން މާކް މިލޭ މެދުއިރުމައްޗަށް ކުރައްވަން އޮތް ދަތުރު ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އެއީ ރަޝިއާގެ ހާލަތު ބަދަލުވަމުންދާ ގޮތުން ގައުމުން ބޭރުގައި އުޅުއްވުން ބުއްދިވެރި ކަމަކަށް ވާނެ ކަމަށް ފެނިވަޑައި ނުގަންނަވާތީ އެވެ.

މާކް މިލޭ މެދުއިރުމައްޗަށް ވަޑައިގެން އުރުދުންއަށް އަދި އިޒްރޭލަށް ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެއީ މެދުއިރުމަތީގެ ހާލަތު -- ފަލަސްތީނާއި އިޒްރޭލުގެ ހަމަނުޖެހުންތައް މައިތިރިކޮށް މަޝްވަރާ ކުރެއްވުމަށެވެ.

ރަޝިއާގެ ސިފައިންނަށް ވާގިވެރިވާ ވެގްނާ ގުރޫޕުން ހުކުރު ދުވަހު ބޮޑާހާކައި ރައީސް ޕޫޓިންގެ އަމަރުތަކަށް ކިޔަމަން ނުވާނެ ކަމަށް އޮތީ އަންގާފަ އެވެ. އަދި ރަޝިއާގެ ދިފާއީ ވުޒާރާގެ ވެރިން އެ ގުރޫޕްގެ ލީޑަރު ޔެވްގެނީ ޕްރިގޯޒިންއަށް ލަނޑު ދިން ކަމަށް އޮތީ އަޑުފަތުރާފަ އެވެ.

ޕްރިގޯޒިން ނިންމާފައި އޮތީ ރަޝިއާއަށް އަސްކަރީ އިންގިލާބެއް ގެނައުމަށެވެ. މިކަން މިގޮތަށް ހިނގައެއްޖެ ނަމަ މިއީ ހުޅަނގުން އަތްޖަހައި ހޭނެ ކަމެކެވެ.

މިހެން ކަން ހިނގައިދާނެ ކަމަށް ބަލައި ހުޅަނގުން ވަނީ ވަރަށް އަވަސް ތައްޔާރީތަކެއް ވެފަ އެވެ. އެއީ ރަޝިއާ، ޔުކްރޭން ހަނގުރާމާގައި -- ޔުކްރޭނަށް ކާމިޔާބު ލިބޭނެ އަވަސް މަގަކަށް ވާނެ ކަމަށް އެ މީހުން އަންދާޒާކުރާތީ އެވެ.

ވެގްނާ ގުރޫޕާއި ރަޝިއާގެ އަސްކަރިއްޔާއާ ދެމެދު އުފެދުނު ޚިލާފުތައް ނައްތާލައި މިހާރު ވަނީ ހަމަނުޖެހުންތައް އިތުރަށް ނުހިންގާނެ ކަމަށް އެ ގުރޫޕުން ބުނެފަ އެވެ. އެއީ ރަޝިއާގެ ރައްޔިތުން ޝާމިލުވާ ގޮތަށް ބޮޑު ލޭއޮހޮރުވުމެއް ފެށިދާނެ ކަމަށް ބިރުން ކަމަށްވެސް ވެގްނާ ގުރޫޕުން ބުނެ އެވެ.