ރަޝިއާ އިން ބޯލްޓިކް ކަނޑު އަޑިން ޖަރުމަނަށް އަޅާފައި އޮތް ނޯޑް ސްޓްރީމް ގޭސް ހޮޅިތައް -- ނޯޑް ސްޓްރީމް އެކަކާއި ނޯޑް ސްޓްރީމް ދޭއް ގޮއްވާލީ އެމެރިކާއާއި އިނގިރޭސިން އަޑީގައި ތިބެގެން ކަމަށް ރަޝިއާގެ ފޮރިން އިންޓެލިޖެންސް ސާވިސް (އެސްވީއާރު) އިން ބުނެފި އެވެ.
އެެސްވީއާރުގެ ވެރިޔާ ސަރުގޭ ނަރީޝްކިން ވިދާޅުވި ގޮތުން ވޮޝިންގްޓަނާއި ލަންޑަނުން މިކަމުގެ ޒިންމާ ނަގަން ޖެހޭނެ އެވެ.
ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ގޮއްވާލީ އިނގިރޭސި ކަނޑުގެ ސިފައިން ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.
ރަޝިއާއިން ސީދާ ޔޫރަޕަށް ގޭސް ފޮނުވަން އަޅާފައި އޮތް ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ގޮއްވާލީ ސެޕްޓެމްބަރު 2022 ގައި ދެ ފަހަރެއްގެ މަތިން ބަޔަކު ދިން ހަމަލާތަކެއްގަ އެވެ.
ނޯޑް ސްޓްރީމް ގޭސް ހޮޅިތަކަށް ދިން ހަމަލާ ތަހުގީގުކުރުމުގައި ރަޝިއާ ބައިވެރިއެއް ނުކުރެ އެވެ. ޖަރުމަނާއި، ޑެންމާކް އަދި ސްވިޑަން ވަކިވަކިން ކުރި ތަހުގީތުތަކަށްފަހު އެ މީހުން ހޯދި ހޯދުން އޮތީ ސިއްރުކޮށްފަ އެވެ. ނަމަވެސް ރަޝިއާގެ ޖާސޫސީ އިދާރާ އިން ބުނާ ގޮތުން މި ހަމަލާގެ އަޑީގައި އެމެރިކާއާއި އިނގިރޭސިވިލާތް އޮތްކަން ޝައްކެއް ނެތް ވަރަށް ސާބިތުކުރެވޭ ވަރަށް ހެކި ހުރީ ލިބިފަ އެވެ.
އެކި ދިމަދިމާއިން އެއްކޮށްފައި ހުރި އެތިކޮޅުތަކުން -- ލިބިފައި ހުރި މައުލޫމާތުން މިހާރު ވަނީ އެކަން ކުރި ބަޔަކު ހޯދިފައި ކަމަށް ސަރުގޭ ނަރީޝްކިން ވިދާޅުވި އެވެ.
ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ގޮައްވާލުމުން އެންމެ ބޮޑު ފައިދާއެއް ވަނީ އެމެރިކާއަށް ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ކުރިން ވިދާޅުވެފައިވެ އެވެ.
ޔޫރަޕަށް ގުދުރަތީ ގޭސް ސަޕްލައި ކުރުމަށް ރަޝިއާއަށް ލިބިފައި އޮތް ފުރުސަތައް އެންމެ ބޮޑަށް ހަސަދަވެރިވީ ވެސް އެމެރިކާ ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ގޭސް ހޮޅިތައް ގޮއްވާލުމާ އެކު ރަޝިއާއަށް ގެއްލުނު ފުރުސަތުގެ ބޭނުންހިފައި، ޔޫރަޕަށް އެންމެ ގިނައިން ގުދުރަތީ ގޭސް ސަޕްލައިކުރަނީ ނޯޑް ސްޓްރީމް ގޮއްވާލި މީހުން ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.
ނޯޑް ސްޓްރީމް ގޭސް ހޮޅިތައް މަރާމާތުކުރުން މިވަގުތަށް ދަތި ނަމަވެސް އެއީ ނުކުރެވޭ ވަރުގެ މަސައްކަތެއް ނޫން ކަމަށް ރަޝިއާ ބޮޑުވަޒީރުގެ ނައިބް އެލެގްޒެންދަރު ނޮވާކު ވެސް އޮތީ ވިދާޅުވެފަ އެވެ.