ދުނިޔެ

ޔުކްރޭނަށް ސިފައިން ފޮނުވާ މައްސަލާގައި ޔޫރަޕް ސިހިއްޖެ

ޔުކްރޭން ހަނގުރާމައިގައި ރަޝިއާ ބަލިކުރަން ކުރަންޖެހޭ ކޮންމެ ކަމަކަށް މަރުހަބާ ކިޔާ ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެ ދެއްކެވި ވާހަކަތަކުގައި -- ޔުކްރޭނަށް ސިފައިން ފޮނުވުމަކީ ވެސް ނުކުރައްވާނެ ކަމެއް ކަމަށް ވިދާޅު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މެކްރޮންގެ މި ވާހަކަތަކާ ގުޅިގެން ޔޫރަޕިއަންގެ ލީޑަރުން ތިބީ ވަރަށް ބޮޑަށް ހާސްވެ ސިހިފަ އެވެ. އެއީ މެކްރޮންގެ މި ވާހަކަތަކާ ގުޅިގެން ރަޝިއާގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނަކާ ގުޅިގެންނެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވީ ޔުކްރޭނަށް ސިފައިން ފޮނުވައިފިނަމަ އެ ގައުމަކަށް ރަޝިއާއިން ހަމަލާދޭނެ ކަމަށެވެ.

ރަޝިއާ އޮތީ ހުޅަނގުގެ ކޮންމެ ގައުމަކަށް ވެސް ހަމަލާދެވޭ ފެންވަރުގައި ކަމަށް ވިދާޅުވެ ޕެސްކޯފް ދެއްކެވި ވާހަކަތަކަށް ޖަވާބު ދެއްވަމުން، ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ވިދާޅުވީ ހުޅަނގުގެ އެއްވެސް ގައުމަކުން ޔުކްރޭނަށް ސިފައިން ފޮނުވަން ބޭނުން ނުވާ ކަމަށެވެ.

އޯލަފް ޝޯލްޒް ވިދާޅުވި ގޮތުން ހަމަ ޔަގީނުން ވެސް ޖަރުމަނުން ޔުކްރޭނަށް ސިފައިން ނުފޮނުވާނެ އެވެ.

ނޭޓޯ މެމްބަރު ގައުމަކުން އަދި ހުޅަނގަށް ނިސްބަތްވާ އެއްވެސް ގައުމަކުން ޔުކްރޭނަށް ސިފައިން ފޮނުވުމަކީ އެއްވެސް އިރެއްގައި އެއްބަސްވެފައި އޮތް ކަމެއް ނޫން ކަމަށްވެސް ޖަރުމަނުގެ ޗާންސެލަރު ވިދާޅުވި އެވެ.

ސޮލޮވޭކިޔާގެ ބޮޑުވަޒީރު ރޮބާޓް ފިކޯ ވިދާޅުވި ގޮތުން ޔުކްރޭނަށް ސިފައިން ފޮނުވަން ޔޫރަޕިއަން ޔޫނިއަންގެ ބައެއް ގައުމުތަކުން ބޭނުންވި ނަމަވެސް އަދި އެކަމަށް އެދި ގޮވާލި ނަމަވެސް ސޮލޮވޭކިޔާ އިން ދުވަހަކު ވެސް ޔުކްރޭނަށް ސިފައިން ނުފޮނުވާނެ ކަމަށެވެ.

ޔުކްރޭނަށް އެ މީހުންގެ އަމިއްލަ ސިފައިން ފޮނުވުމަކީ ބަހުސްކުރަން ރަނގަޅު މައުލޫއެއް ކަމަށް ބައެއް ގައުމުތަކުން ބުންޏަސް ރޮބާޓް ފިކޯ ވިދާޅުވި ގޮތުން ޔުކްރޭނަށް ސިފައިން ފޮނުވައިގެން ވަކި މޮޅުތަކެއް ނުލިބޭނެ އެވެ.

ސްވިޑަންގެ ބޮޑުވަޒީރު އުލްފް ކްރިސްޓާސަން ވިދާޅުވީ މަޝްވަރާއަށް އެޖެންޑާކޮށް މޭޒުމަތީގައި ނެތް ކަމަކާ މެދު ޔޫރަޕިއަން ޔޫނިއަންގެ ނަމުގައި ވާހަކަދައްކާނެ ގޮތެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ޔުކްރޭނަށް އަމިއްލަ ސިފައިން ފޮނުވުމަކީ މި ވަގުތަށް އެެޖެންޑާކުރަން އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ޔުކްރޭނަށް އެއްގަމު މަގުން ސިފައިން ފޮނުވުމަކީ ނޭޓޯގެ ވިސްނުމެއް ނޫން ކަމަށް އެ ޖަމާއަތުން ވެސް އޮތީ ބުނެފަ އެވެ.