އެމެރިކާގެ މަޝްހޫރު ނޫސްވެރިޔާ ޓަކާ ކާލްސަންއަށް ދެއްވި އިންޓަވިއުއެއްގައި -- ސާބިއާގެ ރައީސް އެލެގްޒެންދަރު ވޫޗިޗް -- ޔުކްރޭން ހަނގުރާމަ އަދި ނޭޓޯއާ ބެހޭ ގޮތުން، އޭނާ މީގެ ކުރިން ދައްކަވާފައި ނުވާ ކަހަލަ ވާހަކަތަކެއް ދައްކަވައިފި އެވެ.
ވޫޗިޗް އެންމެ ބޮޑަށް ފާހަގަކުރެއްވީ ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޔޫރަޕިއަން ޔޫނިއަންގެ އިގުތިސާދަށް އަންނަ ބަދަލުތަކެވެ.
ވޫޗިޗް ވިދާޅުވި ގޮތުގައި ނޭޓޯ އަކީ ހަމައެއް، ލަމައެއް އޮންނަ ބައިގަނޑެއް ނޫނެވެ.
ނޭޓޯގެ މަސްލަހަތަށް ވުރެ މުހިއްމު ކަމެއް އެ ބައިގަނޑަށް ނޯންނަ ކަމަށް ވޫޗިޗް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ 1999 ގައި ނޭޓޯ ގައުމުތަކުން ސާބިއާއަށް ބޮންއެޅީވެސް އޮތް ދަހިވެތިކަމެއްގެ ބޮޑު ކަމުން ކަމަށެވެ.
ނޭޓޯ އިސްނަގައިގެން ކުރުވާ ޔުކްރޭން ހަނގުރާމައިގެ ސަބަބުން މުޅި ޔޫރަޕް އޮތީ އަތަށް ގޮވާފައި ކަމަށް ވޫޗިޗް ވިދާޅުވި އެވެ.
ޖަރުމަނަކީ ޔޫރަޕްގައި މީގެ ކުރިން އޮތް އެންމެ ވަރުގަދަ އިގުތިސާދު ނަމަވެސް ޖަރުމަނު އެދަނީ ދުވަހަކަށް ވުރެ ދުވަހެއް ހުލިވަމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކާލްސަންއަށް ވޫޗިޗް ދެއްވި އިންޓަވިއު ދުރަށް ދައްކާފައެއް ނުވެ އެވެ. ނަމަވެސް، ކާލްސަން ވަނީ ވޫޗިޗްއާ އެކު ދެއްކެވި ބައެއް ވާހަކަތައް ހިމެނޭ ކުރު ވީޑިއޯއެއް ސޯޝަލް މީޑިއާ އެކްސްގައި ޝާއިއުކޮށްފަ އެވެ.
ވޫޗިޗް ވިދާޅުވި ގޮތުގައި ރަޝީއާއިން ޖަރުމަނަށް އަޅާފައި އޮތް ގޭސް ހޮޅި -- ނޯޑް ސްޓްރީމް، އެކަކާއި ދޭއް، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އަމުރަށް ގޮއްވާލުމާ ހިސާބުން ޖަރުމަނު ފުނޑިއްޖެ ކަމަށެވެ.
ޔުކްރޭން ހަނގުރާމާގައި ރަޝިއާއަށް ބޮޑު ލަނޑެއް ދިނުމަށް ނޯޑް ސްޓްރީމް ހޮޅިތައް ގޮއްވާލުމުގެ ނަތީޖާ އަކީ މުޅި ޔޫރަޕްގެ އިގުތިސާދު ފުނޑުން ކަމަށްވެސް ވޫޗިޗް ވިދާޅުވި އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ހުޅނަގުގެ ބާރު ކެނޑި -- ޗައިނާ އާއި ރަޝިއާ ދެމިގެންފި ކަމަށްވެސް ކާލްސަން ވިދާޅުވި އެވެ.
ދުނިޔޭގެ ބާރުތައް މެދުއިރުމައްޗަށް މިހާރު އޮތީ އަމާޒުކޮށްފައި ކަމަށާއި ނުފޫޒު ގަދަ ބާރުތައް މެދުއިރުމައްޗަށް އުފަންވެއްޖެ ކަމަށް ވޫޗިޗް ވިދާޅުވި ކަމަށް ކާލްސަން ވިދާޅުވި އެވެ.