ތުރުކީ އަކީ މަޝްވަރާކުރަން ފަސޭހަ އަވައްޓެރިއެއް ނޫން ކަމަށް ޖަރުމަނުގެ ޚާރިޖީ ވަޒިރު އެނަލީނާ ބެއާބޮކް ވިދާޅުވެއްޖެ އެވެ. ތުރުކީ ކިތަންމެ އަވަސްކުރަން އެދުނު ނަމަވެސް އީޔޫ މެމްބަރުކަން އެހާ އަވަހަށް ލިބެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބެއާބޮކް ވިދާޅުވި ގޮތުގައި ތުރުކީގެ ހުރިހާ ވެސް މައްސަލަ އަކީ އިންސާނީ ހައްގުތަކެވެ. ޔޫރަޕިއަން ޔޫނިއަންގެ މިންގަނޑުން ތުރުކީ ކިރާލާއިރު -- އިންސާނީ ހައްގުތަކުން ފޭލިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ތުރުކީ އަކީ ބައިނަލްއަގްވާމީ ދަނޑުގައި ހިފަހައްޓާލަން އުނދަގޫ ކުޅުންތެރިއެއް ކަމަށް ޖަރުމަނުގެ ޚާރިޖީ ވަޒީރު އެއްބަސްވެ ވަޑައިގެންނެވި އެވެ. އެނާ އަދި ވިދާޅުވީ ތުރުކީ މެދުވެރިކޮށް ބޮޑެތި މައްސަލަަތައް ހައްލުކުރަން ފަސޭހަވުމަކީ އެ ގައުމަށް އޮތް ރަނގަޅު ފާހަގައެއް ކަމަށެވެ.
ތުރުކީގެ ރައީސްކަމަށް ރަޖަބް ތައްޔިބު އުރުދުޣާން މި ފަހަރު ހޮވިވަޑައިގަތުމަކީ ރަނގަޅު ފާލެއް ކަމަށް ވިދާޅުވި ވަޒީރު ވިދާޅުވީ މެމްބަރުކަން ހޯދަން މަޝްވަރާކުރަން އަލުން ފަށަންވީ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަނުން އެދޭ މިންވަރަަށް އިންސާނީ ހައްގުތައް ތުރުކީން ކަށަވަރުކޮށްފައި ނުވާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ހޯދަން ތުރުކީން އެންމެ ފުރަތަމަ ހުށަހެޅީ 1987 ގައެވެ. އޭގެ ބާރަ އަހަރު ފަހުން ތުރުކީގެ ކެންޑިޑޭޓްކަން ގަބޫލުކުރުމަށްފަހު -- 2018 ގައި އެޕްލިކޭޝަން ފޯމް ކުރިއަށް ނުގެންދާ ގޮތަށް ޔޫރަޕިއަން ޔޫނިއަނުން ނިންމި އެވެ.
ޔޫރަޕިއަން ޔޫނިއަންގެ މެމްބަރަކަށް ވުމަށް ތުރުކީއަށް އަދުގެ މަސްރަހުގައި އޮތީ ހަމައެކަނި އިންސާނީ ހައްގުތަކެއް ނޫނެވެ. ޔުރަޕުން ޖަހާހާ ބެރަކަށް ތުރުކީ ނުނެށުމާއި އަޅާހާ ބަތަކަށް ރިހަ ނޭޅުމަކީވެސް އެ ގައުމަށް ހުރި ހުރަސްތަކެކެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމާގައި ހުޅަނގުން ބުނާހާ ގޮތަކަށް ރަޝިއާއާ މެދު އަމަލުނުކުރުމުގެ ސަބަބުން ތުރުކީއާ މެދު ޔޫރަޕްގެ ގައުމުތަކުގައި ނުރުހުން އެބައޮތެވެ. އަނެއްކޮޅުން އުރުދުޣާންގެ ވެރިކަން ތުރުކީގައި ދިގުދެމިގެން ދިއުމަކީވެސް ހުޅަނގަށް ކަމުދާ ކަމެއް ނޫނެވެ.
ތުރުކީގައި ހުޅަނގުން ބޭނުވާ ކަންތައްތަކެއް މުޑުވައް ނުކުރެވިގެން އުޅެނީ ވެސް އުރުދުޣާގެ ސިޔާސަތުގެ ސަބަބުންނެވެ. ޔޫރަޕުން ބޭނުންވާ ގޮތަށް އިސްލާމްދީނާ ބީރައްޓެހި ފިކުރުތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަކީ އުރުދުޣާން ގެންގުޅުއްވާ ވިސްނުމެއް ނޫނެވެ.