ދުނިޔެ

ހުޅަނގަށް ރަޝިއާ ބައްޔެއް ނުކުރެވޭނެ: ސާބިއާގެ ރައީސް ވޫޗިޗް

ޔުކްރޭން ހަނގުރާމަ ފެނިވަޑައިގަންނަވަނީ ބޮނޑު ނަގުލަށް ދާ މަންޒަރު ކަމަށް ވިދާޅުވެ ސާބިއާގެ ރައީސް އެލެގްޒެންދަރު ވޫޗިޗް ހުޅަނގަށް ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.

ރަޝިއާ ބަލިކުރުމަކީ ހުޅަނގަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވޫޗިޗް ވިދާޅުވި އެވެ.

ރަޝިއާ ބަލިކޮށް ކުޑަކަކުލަށް ތިރިކުރަން މުޅި ހުޅަނގުން ފޫގަޅާފައި ނުކުތެއް ކަމަކު އެކަން އެ ގޮތަށް ވެފައި ނުވާ ކަމަށް ވެސް ވޫޗިޗް ވިދާޅުވި އެވެ. ހުޅަނގުގެ ގައުމުތަކުން މިހާރު ފެންނަނީ މާޔޫސްވުމާއި ނާއުންމީދު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވޫޗިޗް ވިދާޅުވި ގޮތުގައި ރަޝިއާއަށް އަދި ޔުކްރޭނަށް އޮތް ނަސޭހަތަކީ ސިކުންތެއް ވެސް ނަގާނުލައި މަޝްވަރާ މޭޒު ދޮށަށް ދިއުމެވެ.

ހުޅަނގުން ކިތަންމެ ބާރުގަދަ ހަތިޔާރަކާއި ކިތަންމެ ގިނަ ފައިސާއެއް ޔުކްރޭނަށް ދިން ނަމަވެސް އެ މީހުން އެދޭ ގޮތަށް މަންޒަރު ބަދަލުވާ ތަން ފެނިވަޑައި ނުގަންނަވާ ކަމަށްވެސް ވޫޗިޗް ވިދާޅުވި އެވެ.

ހަތިޔާރުން މައްސަލަ ހައްލުކުރުމަކީ ވާނެ ކަމެއް ނޫން ކަން ގަބޫލުކުރަން ވެއްޖެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމައަށް ދޮޅު އަހަރު ފުރިގެން ދާއިރު ސުލްހަވެރި ހައްލެއް ލޮލުކޮޅަށްވެސް ފެނިވަޑައި ނުގަންނަވާ ކަމަށް ވޫޗިޗް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔުކްރޭން ހަނގުރާމައިގެ ސަބަބުން -- ހުޅަނގުން ހީކުރި ގޮތާ ޚިލާފަށް، ފެނިވަޑައިގަންނަވަނީ ރަޝިއާ މޮޅުވާ ތަން ކަމަށެވެ. ކުރިއަށް އޮތީ ވެެސް ސިޔާސީ ގޮތުން ރަޝިއާ މޮޅުވުން ކަމަށް ވިދާޅުވި އެވެ.

މިހާރު އޮތް ހާލަތުގައި މަޝްވަރާ އިން ގޮތެއް ނިންމުން މާބުއްދިވެރި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މިހާރު ލިބިފައި ހުރި ގެއްލުތަކަށް ވުރެ ބޮޑެތި ގެއްލުންތަކެއް ނުލިބެނީސް މަޝްވަރާކޮށްގެން ސުލްހަ ހޯދުން މާރަނގަޅުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ނަފުރަތާއި ރުޅިވެރިކަން ދޫކޮށްލާފައި ގައުމުގައި ހުރި ފާރުގަނޑުތައް ފަސޭހަކުރަން ފަށައިގަންނަން ވެއްޖެ ކަމަށް ވެސް ވޫޗިޗް ވިދާޅުވި އެވެ.