ދުނިޔެ

ޔޫރަޕުން ދަތިކުރިއަސް ވަރިހަމަ: ސާބިއާ

ޔޫރަޕިއަން ޔޫނިއަނުން އަޅާފާނެ ދަތިކުރުމުގެ ފިޔަވަޅަކަށް ބެލުމެއް ނެތި ސާބިއާ ސަރުކާރުން ރަޝިއާއާއެކު ވިޔަފާއި އެއްބަސްވުމެއްގައި ސޮއިކޮށް ގުދުރަތީ ގޭސް ގަންނަ ގޮތަށް އެއްބަސްވެއްޖެ އެވެ.

ސާބިއާގެ ރައީސް އެލެގްސެންދަރު ވޫޗިޗް ވިދާޅުވި ގޮތުގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ އެކު ކުރެއްވި މަޝްވަރާއިން ވަރަށް ރަނގަލު ޑީލެއް ލިބިވަޑައިގެންނެވި ކަމަށެވެ.

ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރި ކުރުމުގައި ސާބިއާ އޮތީ އިންޑިއާއެކޭ އެއްފަދައިން ވަކި ކޮޅަކަށް ނުޖެހި އެވެ. ޔޫރަޕް ގައުމުތަކާ އެކު އޮތުމަށް ސާބިއާ އެދުނު ނަމަވެސް ރަޝިއާ ކުށްވެރި ކުރުމުގައި ސާބިއާއިން ޔޫރަޕަށް އެއްބާރުލުމެއް ނުދެ އެވެ.

ސާބިއާގެ ރައީސް އެލެގްސެންދަރު ވޫޗިޗް އަކީ ރަޝިއާ އާއެކު ޚާއްސަ ގުޅުެއް ބާއްވާ ބޭފުޅެކެވެ. ރައީސް ޕޫޓިންއާ ވެސް ވަރަށް ގާތް އަދި ތުރުކީގެ އުރުދުޣާން ފަދައި މެދުވެރިއަކާ ނުލައި ފޯނުން މަޝްވަރާ ވެސް ކުރެވެ އެވެ.

ސާބިއާއަށް ބޭނުންވާ ހަކަތަ ހޯދުމުގައި މުޅިހެން ބަރޯސާ ކުރަނީ ރަޝިއާއަށެވެ. އަދި ސާބިއާގެ ހަކަތަ ކުންފުނިތައް ވިޔަފާރީގައި ރަޝިއާއާ ހިއްސާވާ މިންވަރު ވަރަށް ބޮޑެވެ.

ވޫޗިޗް ވިދާޅުވި ގޮތުގައި ރަޝިއާ އާއެކު ތިން އަހަރުގެ އެއްބަސްވުމެއް އޮތީ ހެދިފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ސާބިއާއަށް ހަކަތަ ނުލިބިގެން ކަންބޮޑުވާ ޖެހިވަޑައި ނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަޝިއާއިން އެ ޔަގީންކަން ދީފަައި އޮތް ކަމަށެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސާބިއާއަށް ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ވަޒީރުގެ މިދަތުރުގައި ބެލްގްރޭޑާއެކު ވިޔަފާރި އެއްބަސްވުން ތަކެއްގައި ސޮއިކުރައްވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ސާބިއާގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ޔޫރަޕަށް ވުރެ ރަޝިއާ އާއެކު އޮތުން ފައިދާ ބޮޑުވާނެ އެވެ. ރަޝިއާ އާއެކު ވިޔަފާރި ގުޅުން ބަދަހިކޮށް އެކުވެރިވުމުގެ ސަބަބުން ޔޫރަޕުން އަޅާފާނެ ފިޔަވަޅަކަށް އަޅާލާނެ ކަމެއް ނެތް ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.

ސާބިއާގެ ނުފޫޒުގަދަ ސިޔާސީ ލީޑަރުން ދެކޭ ގޮތުގައި ޔޫރަޕިއަން ޔޫނިއަންގައި ބައިވެރި ނުވެވުނަސް، ރަޝިއާ އާއެކު އޮތުން ގައުމަށް ފައިދާ ކުރާނެ އެވެ.