ރަޝިއާ، ޔުކްރޭން ހަނގުރާމައަށް ސުލްހަވެރި ހައްލަކަށް އީރާން މަރުހަބާ ކިޔާ ކަމަށް ޚާރިޖީ ވުޒާރާގެ ތަރުޖަމާން ނާސިރު ކަންއާނީ ވިދާޅުވެއްޖެ އެވެ.
ނާސިރު ކަންއާނީ ވިދާޅުވި ގޮތުގައި ޔުކްރޭނަށް ސުލްހަ ހޯދުމަށް ސައުދީން ކުރާ މަސައްކަތްތަކަށް އީރާނުން ހިފެހެއްޓުމެއް ނެތި ތާއީދުކުރައްވާނެ ކަމަށާއި ހުރިހާ އެހީތެރިކަމެއް ސައޫދީއަށް ފޯރުކޮށްދެއްވާނެ ކަމަށެވެ.
ޔުކްރޭން ސުލްހައިގެ ދެވަނަ މަޝްވަރާ ބައްދަލުވުން ސައޫދީގައި ބާއްވަން ޔުކްރޭނުން އޮތީ އެދިފަ އެވެ. މި ބައްދަލުވުމަށް ދުނިޔޭގެ 30 ގައުމެއްގެ އެންމެ އިސްވެރިންނަށް ދައުވަތު ދީފައިވާއިރު، ރަޝިއާއަށް ދައުވަތުދީފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން ރަޝިއާ އިން ބުނީ ދައުވަތު ނުދިނެއް ކަމަކު މަޝްވަރާތައް ކުރިއަށްދާ ގޮތް ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށެވެ.
ދެ ގައުމެއްގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައަށް ސުލްހަ ހޯދަން ކުރާ މަޝްވަރާތަކުގައި އެތައް ގައުމެއް ބައިވެރި ނުކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް މެކްސިކޯ އިން ވެސް އޮތީ ބުނެފަ އެވެ.
މެކްސިކޯގެ ރައީސް އަންދްރޭސް މެނުއެލް ލޯޕޭޒް އޮބްރާޑޯ ވިދާޅުވި ގޮތުގައި ރަޝިއާއާ ނުލައި ކުރެވޭ މަޝްވަރާއެއް އެ ގައުމުން ބަލައި ނުގަންނާނެ އެވެ. އަދި ރަޝިއާ ބައިވެރިކުރުމެއް ނެތް ނަމަ މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި މަޝްވަރާތައް އޮންނާނީ ސައޫދީ އަރަބިއްޔާގެ ޖިއްދާގައި މި މަހު 5 އިން 6 އަށެވެ.
ސައޫދީ މަޝްވަރާތަކާ ބެހޭ ގޮތުން ރަޝިއާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ވިދާޅުވީ ސުލްހައަށް ކުރެވޭ ކޮންމެ މަސައްކަތަކީ އެކަމަކުން ހެޔޮ ނަތީޖާއެއް ނެރެވިދާނެ މަޝްވަރާތަކެއް ކަމަށް ރަޝިއާ އަބަދުވެސް ގަބޫލުކުރާ ކަމަށެވެ.
މި ބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާކުރާނީ ޔުކްރޭނަށް ސުލްހަ ގެނައުމަށް އެ ގައުމުން އެކުލަވާލާފައި އޮތް 10 ނުކުތާ އަކަށެވެ.
ޔުކްރޭންގެ ރައީސް ލަޑިމިއާ ޒެލެންސްކީ ވަނީ އޭނާއަށް ފެނިވަޑައިގަންނަވާ 10 ނުކުތާއަކަށް އަލިއަޅުވާލައްވައި، ޔުކްރޭން ހަނގުރާމަ އެންމެ އަވަހަށް ނިންމެން އޮތޮ ގޮތް ކަރުދާހަށް ތިލަކޮށްފަ އެވެ.
ޔުކްރޭން ހަނގުރާމާއަށް ސުލްހަވެރި ހައްލެއް ހޯދުމަށް އެހެން ގައުމުތަކުން ހުށަހަޅާފައި ހުރި ނުކުތާތަކަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަމަށް ބެލެވެ އެވެ.