އޮމާން ކަނޑުގައި އޮތް ތެޔޮ ޓޭންކަރަކަށް ބުދަ ދުވަހު ޑްރޯން ހަމަލާތަކެއް ދިނީ އީރާނުން ކަމަށް އެމެރިކާ އާއި އިޒްރޭލުން ބުނެފި އެވެ.
ޚަބަރުތައް ބުނާ ގޮތުން މި ތެޔޮ ޓޭންކަރަކީ އިސްރޭލުގެ މަހުޖަނެއްގެ މަސްލަހަތު އޮންނަ އުޅަނދެކެވެ. އެކަމަކު އޮޕަރޭޓްކުރަނީ ސިންގަޕޫރުގެ ކުންފުންޏަކުންނެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ވެސް ވަނީ މި ހާދިސާއާ ބެހޭ ތަފުސީލު ހާމަކޮށްފަ އެވެ. ޓޭންކަރަށް ހަމަލާދީފައިވަނީ ޑްރޯނެއްގައި ގޮވާތަކެތި ހަރުކޮށްގެން ކަމަށާއި ހަަމަލާގެ ފަހަތުގައި ތިބީ ކޮން ބަޔަކުކަން ވަންހަނާވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް އިސްރާއީލްގެ އަސްކަރީ ރޭޑިއޯއިން ވަނީ ބުނެފަ އެވެ.
ޓޭންކަރަށް އެރި ހަމަލާއާ ބެހޭ ގޮތުން އުޅަނދުގެ ވެރި ކުންފުނި -- އީސްޓާން ޕެސިފިކް ޝިޕިންގްއިން ބުނީ ހަމަލާގެ ސަބަބުން ޓޭންކަރުގައި ހުރި ގޭހާއި ތެލަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
ޓޭންކަރަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބުނު ނަމަވެސް ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އީރާނާ މެދު ކުރެވުނު ތުހުމަތަށް އެ ގައުމުން އަދި އެކައްޗެކޭ ވެސް ނުބުނެ އެވެ.
އެމެރިކާގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން ވިދާޅުވި ގޮތުގައި ޓޭންކަރަށް ދިން ހަމަލާގެ ފަހަތުގައި އޮތީ އީރާން އެވެ.
އީރާން އަކީ ޕްރޮކްސީ -- އެހެން ބަޔަކު މެދުވެރިކޮށް ސަރަހައްދީ މަސަލަހަތު ނަގާލަން ޓެރަރިސްޓް ހަމަލާދޭ ބައެއް ކަމަށްވެސް ސުލިވާން ވިދާޅުވި އެވެ.
ސުލިވާން ވިދާޅުވި ގޮތުގައި ވޮޝިންގްޓަނާއި ބައިވެެރިން އީރާނަށް އަދަބު ދޭނެ އެވެ. އަދި އީރާނުން ކުރާ މިފަދަ އަމަލުތަކަށް ޖަވާބުދާރީ ކުރުވާނެ އެވެ.