ޔަހޫދީ ދައުލަތުން ޣައްޒާގެ އާންމު ރައްޔިތުން ކަތިލައި މެރުމަށް ހުއްދަދީގެން އެމެރިކާ ތިޔަ އޮތީ އެ އަމަލުތަކަށް ހިތުގެ އަޑިން ރުހިގެން ކަމަށް އިރާންގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހިޔާން ވިދާޅުވެއްޖެވެ.
އެމެރިކާގެ ދައުލަތާ ހަވާލުވެ ތިބި ބަޔަކަށް އީރާން ދޭން އޮތް މެސެޖަކީ ވަޒީރު ވިދާޅުވި ގޮތުގައި ޣާއްޒާ ހަނގުރާމަ ސަރަހައްދަށް ފެތުރިގެންފިނަމަ މިއަދު ތިޔަ އަތްޖަހާ ގޮތަށް އަތްޖަހައި އުފާކުރަން އެ ސަރަހައްދުގައި ވެސް ތިބެން ލާހިކެއް ނޫން ކަމެވެ.
އދގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ހުސައިން އަމީރު ވިދާޅުވީ ހަނގުރާމަ އެ ހިނގަނީ އީރާނާ ބެހޭ ސަރަހައްދެއްގައި ކަމަށާއި އީރާން އޮތީވެސް އެ ސަރަހައްދުގައިކަން އެމެރިކާ ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.
ޔަހޫދީން މޭފުއްޕައި ޣައްޒާއަށް ހަމަލާތައް ދެމުން އެދަނީ އެމެރިކާ ބުނެގެން ކަމަށް ވަޒީރު ވިދާޅުވި އެވެ. ޣައްޒާގެ އާންމު ރައްޔިތުންނަށް ދެމުންދާ އަނިޔާތަކަށް އެމެރިކާ ޒިންމާވާން ނުޖެހޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޣައްޒާ ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރިދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ދެމުން އެދަނީ އީރާން އެ ކަމަށް ބޭނުންވާތީ ނޫން ކަމަށެވެ.
ހުސައިން އަމީރު ވިދާޅުވީ ހަނގުރާމަ ހޫނުވެ އީރާންގެ މަސްލަހަަތަށް ބުރޫއަރާ ހިސާބުން އެ ކަމުގެ ތެރެއަށް އީރާން ވަންނާނެ ކަމަށާއި ދައުލަތެއް މުހިއްމު ވަނީ ހަމައެކަނި ޔަހޫދީންނަށް ނޫންކަން އެމެރިކާ ހަނދާން ބަހައްޓަންޖެހޭ ކަމަށެވެ.
އީރާންގެ ރައްކާތެރި ކަމަށާއި ސަލާމަތަށް ނުރައްކާވާ ހިސާބުން ހޭވެސް އަހާލުން ނޯންނާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. އީރާންގެ މަސްލަހަތު ހިމާޔަތްކުރުމަށް ބައެއްގެ ކިބައިން އަހާނެ ލަފައެއް އަދި ހޯދާނެ ހުއްދައެއް ނޯންނާނެ ކަމަށްވެސް ނިކަން ހަރުކޮށް ވިދާޅުވި އެވެ.
ޣައްޒާ ހަނގުރާމައިގެ ތެރެއަށް ހަނގުރާމަވެރި ގުރޫޕްތައް ވަދެގަނެ ހަމަނުޖެހުންތައް މުޅި ސަރަހައްދަށް ފެތުރިދާނެ ކަމުގެ ބިރު ހީވެފައި އޮތް މި ދަނޑިވަޅުގައިވެސް -- އެމެރިކާ ދަނީ ޔަހޫދީ ދައުލަތަށް ތާއީދުކުރާނެ ކަމަށް ބުނަމުންނެވެ.
ފަލަސްތީންގެ އާންމު ރައްޔިތުން ކިތަންމެ ބޮޑު ވޭނެއް ތަހަންމަލުކުރި ނަމަވެސް ފަލަސްތީންގެ ފުރާނަތަކަށް ވުރެ ޔަހޫދީ ފުރާނަތައް އެމެރިކާ ކުރިމަތީގައި މުހިއްމު ކަމަށް ވެސް އެމެރިކާ އޮތީ ބުނެފަ އެވެ.
ޔަހޫދީ ދަރިކޮޅު ދަމަހައްޓައި ފަލަސްތީނަށް އަނިޔާކޮށް ބިންތައް ފޭރިގަތުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ 14 ބިލިއަން ޑޮލަރު ހޯއްދެވުމަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.
އެމެރިކާ ފޮނުވާ ހަތިޔާރުން މުޅި ޣައްޒާ އަންދަމުން ދާއިރުވެސް ބައިޑަން ވިދާޅުވީ ޔަހޫދީންނަށް އެ ތަނުގައި ތިބެވެން ޖެހޭނެ ކަމަށެވެ.