ދުނިޔެ

ބައިޑަންއާ ދެކޮޅަށް އެމެރިކާގެ މުސްލިމުން ކެމްޕޭނެއް ފަށައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ދެކޮޅަށް ވަޒަންވެރިންގެ ގޮތުގައި އެ ގައުމުގައި ދިރިއުޅޭ މުސްލިމުން ކެމްޕޭނެއް ފަށައިފި އެވެ.

މިއީ ކުރިއަށް އޮތް 2024 ގައި އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ބައިޑަން ވާދަކުރައްވާތީ އޭނާއަށް ރައީސްކަމުގެ ދެވަނަ ދައުރެއް ލިބުނަ ނުދިނުމަށް ހިންގާ ކެމްޕޭނެކެވެ.

މި ކެމްޕޭން ލޯންޗްކޮށްފައި ވަނީ މިޝިގަން، މިނެސޯޓާ، އެރިޒޯނާ، ވިސްކޯސިން، ފްލްރިޑާ، ޖޯޖިއާ، ނެވާޑަ އަދި ޕެންސިލްވޭނިއާގައި ދިރިއުޅޭ މުސްލިމުން ގުޅިގެންނެވެ.

ޖޯ ބައިޑަންއާ ދެކޮޅަށް އެމެރިކާގެ މުސްލިމުން ތެދުވާނެކަން މީގެ ކުރިން ވެސް އޮތީ އިއުލާންކޮށްފަ އެވެ. އެއީ ޣައްޒާ ހަނގުރާމާގައި ބައިޑަންގެ ސަރުކާރުން ޔަހޫދީ ޒަޔަނިސްޓުންނަށް ހިފެހެއްޓުމެއް ނެތް ތާއީދާއި މަދަދުވެރިވަމުން ދާތީ އެވެ.

ޒަޔަނިސްޓު ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން 15،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މި މީހުން މެރުމުގައި އެމެރިކާއިން ފޯރުކޮށްދިން ހަތިޔާރު ވަރަށް ފުޅާކޮށް ވަނީ ބޭނުންކޮށްފަ އެވެ.

އެމެރިކާގެ މުސްލިމު ޖަމާއަތްތަކުން ދަނީ އެމެރިކާގައި ދިރިއުޅޭ އެހެން ނަސްލުގެ މީހުންނަށް ވެސް ބައިޑަންއާ ދެކޮޅުވުމަށް ދައުވަތު ދެމުންނެވެ.

ފަލަސްތީންގެ ނިކަމެތި މުސްލިމުން ގަތުލުކޮށް ކުޑަކުދިންނާއި އަންހެނުން މަގުމަތިކުރުމުގައި ބައިޑަން އަކީ ނަގާކިޔާ އެންމެ އިސްމީހާ ކަމަށް މުސްލިމުން ގަބޫލުކުރެ އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް މުސްލިމު ދުނިޔެއިން ގޮވާލާފައި އޮތްއިރު އަދި އިންސާފަށް ލޯބިކުރާ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ގޮވާލާވައި އޮތްއިރު -- ޣައްޒާ ހަނގުރާމަ ނުހުއްޓުވިގެން އުޅެނީ ބައިޑަންއާ ހެދި އެވެ.

އެމެރިކާގެ މުސްލިމުން ދެކޭ ގޮތުގައި މިވަރުގެ މީހަކަށް އެ މީހުން ވޯޓު ހައްގެއް ނޫނެވެ. ބައިޑަންގެ ދެ އަތް ވެސް ވަނީ ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދެ އަތް ފަދައިން މުސްލިމުންގެ ލެއިން ތެމިފަ އެވެ.

ބައިޑަންއަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ދައުތެއް މުހިންމުވާ ފަދައިން ޒަޔަނިސްޓުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލައި -- ޔަހޫދީން ފޭރިގެންފައި އޮތް ފަލަސްތީނުގެ ބިންތަކުން ފޭބުމަކީ މުޅި ދުނިޔޭގައި އުޅޭ މުސްލިމުންގެ ވެސް އެދުމެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް ދިނުމަށް އޮތް ހުރަހަކީ ވެސް އެމެރިކާ އެވެ. މިކަމުގައި އިނގިރޭސިންގެ އިހުމާލު ވަރަށް ބޮޑު ނަމަވެސް، ފަލަސްތީންގެ އެންމެ ބޮޑު އަދާވާތްތެރި އަކީ އެމެރިކާ އެވެ.