ދުނިޔެ

ހިފަހައްޓާފައި ހުރި އީރާންގެ ފައިސާގެ ބަދަލުގައި އެމެރިކާއަށް ކުށްވެރިން

އީރާންގެ ޖަލުތަކުގައި ތިބި އެމެރިކާގެ ފަސް މީހަކު ދޫކޮށްލާ މަތިން، ދެކުނު ކޮރެއާގެ ބޭންކްތަކުގައި ހުރި އީރާންގެ ހަ ބިލިއަން ޑޮލަރު ދޫކޮށްލަން އެމެރިކާއިން އެއްބަސްވެއްޖެ އެވެ.

އީރާންގެ ޖަލުތަކުގައި ތިބި އެމެރިކާ މީހުންނަކީ ޖާސޫސްކުރުމާއި، ޓެރަރިސްޓް ހަމަލާތައް ރާވައި ހިންގުމާއި އީރާންގެ އާންމު އުސޫލުތަކަށް ފުރައްސާރަކޮށް ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ހައްޔަރުކޮށްފައި ތިބި މީހުންނެނެވެ.

މެދުއިރުމަތީގެ ބައެއް އެހެން ގައުމުތައް މެދުވެރިކޮށް އީރާން އާއި އެމެރިކާއާ ދެމެދު ދެ އަހަރެއްހާ ދުވަސް ވަންދެން ކުރެވުނު މަޝްވަރާތަކުގައި -- ގައިދީން ދޫކުރަން އީރާނުން އެއްބަސްވީ، އީރާނުން ތެޔޮ ވިއްކައިގެން ހޯދާފައި ހުރި ފައިސާ ދޫކުރާ މަތިންނެވެ.

ދެކުނު ކޮރެއާ ފަދައިން ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގެ ބޭނުންކްތަކުގައި ވެސް އީރާންގެ ފައިސާ އެބަހުއްޓެވެ. އެއީ އީރާންގެ ހައްގުތަކެއް ނަމަވެސް، އެމެރިކާއިން އީރާނަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން އެ ފައިސާ އީރާނަށް ދޫކުރުމަށް އެ ގައުމުތަކުން ފަސްޖެހެނީ އެވެ.

އެމެރިކާ ބުނާ ގޮތް ނުހަދައި ދެކުނު ކޮރެއާ އާއި އެހެނިހެން ގައުމުތަކުން އީރާނަށް ފައިސާ ދޫކޮށްފިނަމަ އެމެރިކާގެ ހަރުކަށި ރައްދުތައް އެ ގައުމުތަކަށް އަމާޒުވާނެ އެވެ.

އެމެރިކާ އާއި އީރާންއާ ދެމެދު ހެދި މި ޑީލާ ބެހޭ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންތަނީ ބްލިންކެން ވިދާޅުވި ގޮތުގައި އެއްބަސްވެވުނީ ހަމައެކަނި ގައިދީންގެ ބަދަލުގައި ފައިސާ ދޫކުރާ ގޮތަށެވެ.

އީރާނަށް އަޅާފައި ހުރި ދަތިކުރުންތަކަށް އިތުރު އެހެން ލުޔަކަށް އެމެރިކާ އެއްބަސް ނުވާ ކަމަށް ބްލިންކެން ވިދާޅުވި އެވެ.

ބްލިންކެން ވިދާޅުވި ގޮތުގައި އީރާންގެ ޖަލުތަކުގައި ތިބި ފަސް މީހަކު މިހާރު ތިބީ ޖަލުން ނެރެ ގޭބަންދުގަ އެވެ. މިހާރު ހިނގަމުން ދަނީ އެ މީހުން ރައްކާތެރި ގޮތުގައި އެމެރިކާއަށް ގެއްދިއުމުގެ މަސައްކަތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާއާ އެކު ހެދި މި އެއްބަސްވުމާ ބެހޭ ގޮތުން އިރާންގެ އޮފިޝަލުން ވިދާޅުވީ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމުގެ ގޮތުން މިފަދަ އެއްބަސްވުމެއް ހެދީ އެވެ. އެ ނޫން ސަބަބަކަށް ޓަކައި އިތުރު ޝަރުތުތަކެއް އެމެރިކާއަށް ހުށަހެޅީސް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އީރާނުން މީގެ ކުރިން ކުށްވެރިން ބަދަލުކުރަން ޝަރުތެއް ގޮތުގައި، އީރާންގެ އިސްލާމިކް ރިވޮލޫޝަނަނީ ގާޑް ކޯޕްސް -- އެމެރިކާގެ ޓެރަރިސްޓް ލިސްޓުން ނެގުމަށް އެދުނެވެ. އެހެންނަމަވެސް މިހާރު ބުނަނީ އެކަން މިހާރަށް ބާއްވާނީ ކަމަށެވެ.