ދުނިޔެ

އީރާނުން ޔޫރޭނިއަމް ފައްކާކުރުން މަޑުޖައްސާލައިފި

އީރާނުން ޔޫރޭނިއަމް މުއްސަނދިކޮށް ޖަމާކުރުން މަޑުޖައްސާލައިފި ކަމަށް މިކަމާ ބެހޭ މައުލޫމާތު ހުރި މީހުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލުން ބުނެފި އެވެ.

އެމެރިކާ އާއި އިޒްރޭލު ފަދަ އީރާންގެ ދުޝްމަނުން ބުނާ ގޮތުން، އީރާނުން އަމާޒުހިފާފައި އޮތީ ނިއުކްލިއާ ބޮމެއް ނުވަތަ ނިއުކްލިއާ ހަތިޔާރު އުފެއްދޭ ފެންވަރަށް ޔޫރޭނިއަމް ފައްކާކުރުމަށެވެ.

މި ވާހަކަތައް ފެތުރިގެން މިއައީ އެމެރިކާ އާއި އީރާންގެ އޮފިޝަލުން މެދުކެނޑުމެއް ނެތި މަޝްވަރާކުރަމުން ގެންދާ ކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާންގައި ހިފަހައްޓާފައި ތިބި އެމެރިކާގެ ފަސް ގައިދީއަކު ޖަލުން ނެރެ ދޫކޮށްލުމަށް އީރާން އޮތީ އެއްބަސްވެފަ އެވެ.

އެމެރިކާއާ އެކު ކުށްވެރިން ބަދަލުކުރަން މި ފަހަރު ކުރި މަޝްވަރާތަކުގައި ދެ ގައުމުން އެއްބަސްވެފައި ވަނީ އީރާންގެ ޖަލުތަކުގައި ތިބި އެމެރިކާގެ ކުށްވެރިން ދޫކޮށްލުމަށެވެ. އަދި ބަދަލެއްގެ ގޮތުގައި ދެކުނު ކޮރެއާގައި ހިފަހައްޓާފައި ހުރި އީރާންގެ ފައިސާތައް އެމެރިކާއިން ދޫކޮށްލާ ގޮތަށެވެ.

އެެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ބުނާ ގޮތުން ކުށްވެރިން ބަދަލުކުރަން އީރާނާ އެކު ކުރެވޭ މަޝްވަރާތަކާއި ނިއުކްލިއާ ޑީލެއް ހެދުމަށް އީރާނާ އެކު ކުރެވޭ މަޝްވަރާތައް މުޅިން ތަފާތެވެ.

ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުން މި މަޝްވަރާތަކުގައި މާބޮޑު ތަފާތެއް ނެތެވެ. ޖުމުލަ ގޮތެއްގައި މަޝްވަރާކުރެވެނީ ހުރިހާ ބޭނުމެއްގަ އެވެ. އޭގެ ބަދަލުގައި އީރާނަށް އިގުތިސާދީ ގޮތުން ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކަށް އެމެރިކާ ލުއިދޭ ގޮތަށެވެ.

އެމެރިކާގެ ކުށްވެރިން އީރާނުގެ ޖަލުތަކުން ދޫކޮށްލުމުގެ ބަދަލުގައި ދޫކުުރެވޭ ފައިސާތައް ޚަރަދުކުރާ ގޮތް އެމެރިކާ ބަލާނެ ކަމަށް ވައިޓް ހައުސްއިން އޮތީ ބުނެފަ އެވެ.

ނަމަވެސް، މިއީ އެއްޗެކޭ ކިޔަންވެގެން ވައިޓް ހައުސްއިން ދައްކާ ވާހަކައެއް ކަމަށް މަސްރަހު ދަންނަ މީހުން ބުނެ އެވެ.

އެމެރިކާގެ އަމުރަށް ގައުމުތަކުގެ ބޭންކްގައި އީރާންގެ ވަރަށް ގިނަ ފައިސާ މިހާރު ވެސް ހުރީ ހިފަހައްޓާފަ އެވެ. އެމެރިކާއާ އެކު އީރާނުން މިފަހަރު ހަދާ އެއްބަސްވުމުގައި ހަ ބިލިއަން ޑޮލަރު ދޫކޮށް އެމެރިކާ އޮތީ އެއްބަސްވެފަ އެވެ.