ދުނިޔެ

އީރާނުން އދ. އަށް ދަރަނި ދައްކައިފި

އީރާނުން އދ. އަށް ދައްކަން ޖެހޭ މެމްބަރު ކަމުގެ ފީ ދެކުނު ކޮރެއާގައި ހިފަހައްޓާފައި ހުރި އީރާންގެ ފައިސާއިން ދައްކައިފި އެވެ.

އދ. އަށް ފީ ނުދެއްމުގެ ސަބަބުން އދ. ގެ އާންމު މަޖިލީހުގައި ވޯޓުލުމުގެ ހައްގު އީރާނަށް އޮތީ ގެއްލިފަ އެވެ. އީރާނުން ބުނީ އެމެރިކާއިން އަޅާފައި އޮތް ދަތި ކުރުމުގެ ފިޔަވަޅުތަކާ ހެދި އދ. އަށް ފައިސާ ދެއްކޭނެ ގޮތެއް ނެތް ކަމަށެވެ.

ދެކުނު ކޮރެއާގައި އީރާންގެ ހަތް ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހިފަހައްޓާފައި އެބަ ހުއްޓެވެ. އެފައިސާ ދޫކުރަން ނުކެރިފައި ހުރީ އެމެރިކާ ދެކޮޅުހަދާ ވަރުންނެވެ.

ދެކުނުގައި ހުރި ފައިސާ އަކީ އީރާންގެ ތެލަށް ލިބެން ޖެހޭ އަގެވެ. އެއީ އީރާނުން ނަގާ ލޯނެއް ނޫނެވެ. ސައްހަ ވިޔަފާރިން އީރާނަށް ލިބެން ޖެހޭ އަގު ނަމަވެސް ބާރުގަދަ ގައުމުތަކުން ގޮށްމުށުން ހިފަހައްޓާފައި ހުރީ އެވެ.

އދ. އަށް ދައްކަން ޖެހޭ 18 މިލިއަން ޑޮލަރު ދެއްކުމަށްޓަކައި އީރާނުން ވަނީ ފައިސާ ދެއްކެއް ހުރި ގޮތްތަކާ ބެހޭ ގޮތުން އދ. އާ މަޝްވަރާ ކޮށްފަ އެވެ. އަދި އެމެރިކާއާ ދެކުނު ކޮރެއާ މަޝްވަރާކޮށް އދ. ގެ އާންމު މަޖިލީހުގައި އީރާނަށް ވޯޓުލެވޭނެ ގޮތް ހެދީ އެވެ.

ދެކުނު ކޮރެއާ ބުނި ގޮތުން އީރާންގެ ފައިސާ އެ ގައުމުގެ ދެ ބޭންކެއްގައި ހިފަހައްޓަން ޖެހުނު ނަމަވެސް އދ. ގައި ވޯޓްލުމުގެ ހައްގު އީރާނަށް ލިބެން ޖެހޭ ކަމަށެވެ. އެހެންވެ އދ. އާ ވާހަކަ ދައްކައި ކޮޅެއްގައި ޖެހޭތޯ ބެލީ އެވެ.

އެމެރިކާއިން އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި އީރާނަށް ލިބެން ޖެހޭ އެތައް ފައިސާއެއް ގައުމުތަކުން ހިފަހައްޓާފައި އެބަ ހުއްޓެވެ.

ދުނިޔޭގެ މާލީ ނިޒާމު އެމެރިކާއަށް ބަރޯސާ ކުރަން ޖެހިފައި އޮތް އޮތުން ވެސް އެމެރިކާ ނަގަނީ އެއީ އެމީހުންގެ އަމުރުވެރި ކަމުގައި ހިފެހެއްޓެން ޖެހޭނެ ކަމެއް ގޮތުގަ އެވެ.

އެމެރިކާއިން ބޭނުންވެއްޖެ ނަމަ މާލީ ނިޒާމް ވަކި ބަޔަކަށް ހުއްދަކޮށްފައި އަނެއް ބަޔަކަށް ބަންދުކުރުން މިއަދާ ހަމައާށް ވެސް އެގޮތުގައި އޮތީ އެވެ.