ދުނިޔެ

އިރާންގެ ރައީސަށް ވިސާ ނުދޭން ބައިޑަންއަށް ދަންނަވައިފި

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް އީރާންގެ ރައީސް، އިބްރާހީމް ރައީސީ އެމެރިކާއަށް ވަޑައިގަތުމަށް ވިސާ ނުދެއްވުމަށް ބައިޑަންއަށް ދަންނަވައިފި އެވެ. އެމެރިކާގެ ގާނޫންހަދާ މަޖިލީހުގައި ރިޕަބްލިކަން ތަމްސީލު ކުރައްވާ ހަ މެންބަރަކު ސޮއި ކުރައްވައި އިބްރާހީމް ރައީސީ ހުއްޓުވައި ދެއްވުމަށް އެދި ރައީސް ޖޯ ބައިޑަންއަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ.

އިބްރާހީމް ރައީސީ މިހާރު ހުންނެވީ އީރާންގެ އިންތިހާބީ ރައީސްގެ ގޮތުގަ އެވެ. ރައީސީ މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ އަންނަ އޮގަސްޓް ފަހެއްގަ އެވެ. އދ. ގެ ޖެނެރަލް އެސެމްބްލީ – އާންމު މަޖިލީސް، 76 ވަނަ ސެޝަން ހުޅުވަން ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު 14 ގައެވެ. އާންމު މަޝްވަރާ ބައްދަލުވުންތައް ތާވަލް ކޮށްފައި އޮތީ ސެޕްޓެމްބަރު 21 ން 30 އަށެވެ.

އިބްރާހީމް ރައިސީ އަކީ އެމެރިކާއިން ބޭނުން ވެގެން ހޯދާ ބޭފުޅެކެވެ. އެމެރިކާއިން ދެކޭ ގޮތުން ރައީސީއަށް ޝަރީއަތް ހިންގެން ޖެހެ އެވެ. އީރާންގައި މީހުން ހިފައި ހައްޔަރު ކުރުމާއި އިންސާނިއްޔަތަށް ދަތި ބޮޑު އަމަލުތައް ހިންގަމުން ގެންދާކަން ރައީސީއަށް އެނގި ވަޑައިގަންނަވަ އެވެ.

ރިޕަބްލިކަން ސެނެޓަރުން ބުނާ ގޮތުން ރައީސީއާ ދެކޮޅަށް ވަކާލާތު ކުރަން އެކަށީގެންވާ ހެކި އެމީހުންގެ އަތުގައި އެބަ ހުއްޓެވެ. އެހެންކަމުން އެމެރިކާއަށް ރައީސީ އެރުވުމަކީ އެމެރިކާގެ ގާނުންތަކާއި އާންމު އާދަތަކާ ވެސް ޚިލާފު ކަމެކެވެ.

ރިޕަބްލިކަންގެ މި ގޮވާލުމަށް ބައިޑަން އަދި ޖަވާބެއް ނުދެއްވި ނަމަވެސް، އެމެރިކާއިން މިނާ މިންގަނޑުތަކުން ފޭލިވާ މީހުންނަށް ވިސާ ބަންދު ކުރުމަކީ އެ ގައުމުން ކުރާ ކަމެކެވެ.

އެމެރިކާގެ ރައީސްކަމުގައި ބާރަކް އޮބާމާ ހުންނެވިއިރު، އީރާންގެ ސަފީރު ހާމިދު އަބޫތާލިބީ އެމެރިކާއާށް ވަޑައިގަތުން 2014 ގައި މަނާކުރި އެވެ. އެއީ 1979 ގައި އެމެރިކާގެ ޑިޕްލޮމެޓަކު ރަހީން ކުރުމުގައި އޭނާގެ ދައުރެއް އޮތް ކަމަށް ބުނެ އެވެ.

އީރާންގެ ފޮރިން މިނިސްޓާރު މުހައްމަދު ޖަވާދު ޒަރީފް 2020 ގައި އދ. ގެ ސެކިޔުރިޓީ ކައުންސިލްގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާއިން ވިސާއެއް ނުދިނެވެ. އެމެރިކާއިން ހަމަ މިފަދައިން އެހެން ގައުމުތަކުގެ އޮފިޝަލުންނާ މެދު ވެސް ވަނީ އަމަލު ކޮށްފަ އެވެ. އެގޮތުން ރަޝިއާގެ ބައެއް އޮފިޝަލުންނަށް ވެސް ވިސާ ބަންދު ކޮށްފައިވެ އެވެ.

މި ހިސާބުން އުފެދޭ ސުވާލަކީ އދ. ގެ ބައްދަލުވުންތަކަށް އެމެރިކާއަށް ވަޑައިގަންނަވާ ބޭރު ގައުމުތަކުގެ ވެރިންނާއި އޮފިޝަލުންނާ މެދު އެމެރިކާ އެދޭހާ ގޮތަކަށް އަމަލު ކުރެވިދާނެ ހެއްޔެވެ؟

އދ. އާއި އެމެރިކާއާ ދެމެދު ވެފައި އޮންނަ އެއްބަސްވުން ބުނާ ގޮތުން، އެމެރިކާގެ ނިއުޔޯކްގައި އދ. ގެ މައި އޮފީސް ހުއްޓެއް ކަމަކު، އދ. ބޭނުންތަކަށް އެމެރިކާއަށް ވަޑައިގަންނަވާ އެއްވެސް އޮފިޝަލަކަށް އެމެރިކާއިން ނުފޫޒު ފޯރުވައިގެން ނުވާނެ އެވެ.