އެމެރިކާއިން މާނަވީ އެއްވެސް ސަބަބެއް ނެތި އީރާނަށް ދަތިކޮށްފައި އޮތް މުއްދަތަށް ބަދަލުދޭން ޖެހޭނެ ކަމަށް އީރާންގެ ސްޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ޝަމްޚާނީ ވިދާޅުވެއްޖެ އެވެ.
އަލީ ޝަމްޚާނީ ވިދާޅުވި ގޮތުން އެމެރިކާއިން ޓްރިލިއަން ޑޮލަރު އީރާނަށް ދޭން ޖެހޭނެ އެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާގެ ދަތިކުރުންތަކުގެ ސަަބަބުން އީރާނަށް އެއަށް ވުރެ ބޮޑު ގެއްލުން ލިބިފައިވާ ކަމަށެވެ.
އީރާން އަކީ ޓެރަރިސްޓުންނަށް ހޭދަކުރާ ގައުމެއް ކަމަށް އެމެރިކާ ބުނާއިރު، އެކަން އަދިވެސް ސާބިތުކުރެވިފައި ނުވާ ކަމަށް ސެކްރެޓަރީ ވިދާޅުވި އެވެ.
އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަން މަސައްކަތްކުރާ ކަމަށް ބުނި ނަމަވެސް، ބައިގަރުނުވީ އިރުވެސް އެ ބުނާ ބޮމެއް އީރާނަށް އުފެއްދިފައި ނުވާ ކަމަށް ވެސް ޝަމްޚާނީ ވިދާޅުވި އެވެ.
އައިސިސް އާއި އަލްގައީދާ އަކީ އީރާނުގެ އުފެއްދުމެއް ކަމަށް އެމެރިކާ ބުނި ނަމަވެސް، އެއީ އެމެރިކާއިން ތަމްރީންކުރި ބައެއް ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފައިވާ ކަމަށް ވެސް އަލީ ޝަމްޚާނީ ވިދާޅުވި އެވެ.
އެމެރިކާގެ ރޭވުމަކީ އަރަބި މުޖުތަމައުން އީރާން ބޭރުކުރުން ކަމަށް ވެސް ޝަމްޚާނީ ވިދާޅުވި އެވެ. އަރިބި އެކުވެރިންގެ މެދުގައި ހަސަދަވެރިކަން އުފެއްދުމަށް އެމެރިކާ ވަރަށް ކުޅަދާނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އީރާނުން ހުރިހާ ކަމެއްގައި އެމެރިކާއަށް އެއްބާރުލުން ދޭނެ ކަމަށް 2018 މަޝްވަރާތަކުގައި ބުނެ އެއްބަސްވެފައި ވަނީކޮށް -- އެމެރިކާއާ އެކު ހަދާފައި އޮތް ނިއުކްލިއާ އެއްބަސްވުން ބާތިލުކުރީ ވެސް އެމެރިކާއިން، ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ކަމަށް ޝަމްޚާނީ ވިދާޅުވި އެވެ.
ނިއުކްލިއާ އެއްބަސްވުމުގައި އީރާން ސޮއިކުރީ އޭގެ ބަދަލުގައި ދަތިކުރުންތަކަށް އެމެރިކާއިން ހެޔޮ ބަދަލެއް ގެންނާނެ ކަމުގެ އުންމީދުގައި ކަމަށް ވެސް ސެކްރެޓަރީ ވިދާޅުވި އެވެ.
އެމެރިކާގެ އަމަލުތައް ހުރީ އީރާނަށް ވަރަށް ބޮޑެތި ގެއްލުންތައް ދޭ ގޮތަށް ކަމަށް އަލީ ޝަމްޚާނީ ވިދާޅުވި އެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅަކަށް ބަދަލުދޭން ޖެހޭނެ ކަމަށް އޭނާ ތަކުރާރުކުރެއްވި އެވެ.