އީރާނަށް އަޅާފައި ހުރި ދަތިކުރުންތަކާ މެދު އެމެރިކާއަށް ގޮތެއް ނިންމޭނީ ދައްކާ ވާހަކަތަކުގައި އިތުބާރު އޮތް ނަމަ ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އީރާނާ ބެހޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްއިން ވެސް ވަނީ މި މޭރުމުން ވާހަކަދައްކާފަ އެވެ.
ވައިޓް ހައުސްއިން ބުނީ މަޝްވަރާތަކުން ހައްލު ހޯދުމަކީ އެމެރިކާ ގަބޫލުކުރާ ގޮތް ކަމަށާއި އެމެރިކާއާ އެކު މަޝްވަރާކުރަން އީރާނަށް ވެސް ފުރުސަތު އޮންނާނެ ކަމަށެވެ.
ނަމަވެސް، އީރާނުން ވެސް މަޝްވަރާއަށް ބޭނުންވާން ވާނެ ކަމަށާއި ނިއުކްލިއާ މަސައްކަތްތައް ދަރަޖަކުރުމާ ބެހޭ މައުލޫތައް ހުޅުވާލަން ޖެހޭނެ ކަމަށެވެ.
ހުޅަނގުން އީރާނަށް ދަތިކޮށްފައި ވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ހެދި އެވެ. އީރާނުން ބެލިސްޓިކް މިސައިލް އުފެއްދުމަކީ ވެސް ހުޅަނގަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު މަޝްވަރާތައް އަލުން ފެށުމުގެ ދޮރު ހުޅުވާލެވިދާނެ ކަމަށް އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ހާމަނާއީ ވަނީ ވިދާޅުވެފަ އެވެ.
އަލީ ހާމަނާއީގެ މި ވިދާޅުވުމާ ގުޅިގެން ވައިޓް ހައުސްއިން ބުނީ، އަލީ ހާމަނާއީގެ ވިދާޅުވުމުގައި ހުރި އިތުބާރެެއް އެމެރިކާ ބަލާނެ ކަމަށެވެ.
އީރާންގެ އާ ރައީސް މަސްއޫދު ޕަޒެޝްކިއާން އެކުލަވާލެއްވި ކެބިނެޓަށް ރުހުން ދެއްވައި ވަޒީރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުގައި އަލީ ޚާމަނާއީ ވިދާޅުވީ އެމެރިކާއާ އެކު ނިއުކްލިއާ މަޝްވަރާތައް ފެށުމުގައި ގޯހެއް ނެތް ކަމަށެވެ.
ނަމަވެސް، އެމެރިކާ އަކީ އެއްގޮތަކަށް ވެސް އިތުބާރުކުރަން ހެޔޮވާ ވަރުގެ ބައެއް ނޫން ކަމަށް ވެސް އަލީ ޚާމަނާއީ ވިދާޅުވި އެވެ.
ވައިޓް ހައުސްއިން ބުނީ އީރާން އަކީ މިކަހަލަ ފޮނި ވާހަކަތައް ދައްކައި މީހުން ލޭކައްކުވާ ބައެއް ކަމަށެވެ. އީރާނުން ބުނާ މިވަރުގެ ބުނުމަކަށް އެމެރިކާ ނުލެބޭނެ ކަމަށް ވެސް ވައިޓް ހައުސްއިން ބުންޏެވެ.
ނަމަވެސް، އީރާނަށް އިތުބާރުކުރެވިދާނެކަން އަމަލުން ދައްކައިފި ނަމަ، އެއީ އީރާނަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް ވެސް ވައިޓް ހައުސްއިން ބުންޏެވެ.