ދުނިޔެ

އަސްކަރީ ފިޔަވަޅަކީ މޭޒުމަތީގައި އޮތް އިޚުތިޔާރެއް، އިސްކަންދެނީ ޑިމޮކްރަސީއަށް

އީރާނަށް އިގުތިސާދީ ގޮތުން ދަތިކޮށްގެން ނަމަވެސް އެ ގައުމުން ނިއުކްލިއާ ބާރަކަށްވުމަށް ކުރާ މަސައްކަތް ހުއްޓުވާނެ ކަމަށް ޖޯ ބައިޑަންގެ ސަރުކާރުން އިރާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރޮބާޓް މާލި ވިދާޅުވެއްޖެ އެވެ.

ރޮބާޓް މާލީ ވިދާޅުވީ އަސްކަރީ ގޮތުން އިރާނަށް ފިޔަވަޅުއެޅުމަކީ ވެސް މޭޒުމަތީގައި އޮތް އީޚުތިޔާރެއް ކަމަށާއި އެކަމަކުވެސް އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނީ ޑިމޮކްރަސީއަށް -- މަޝްވަރާކޮށްގެން ހައްލެއް ހޯއްދެވުމަށް ކަމަށެވެ.

އިރާނާ މެދު އަމަލުކުރެވެން އޮތް އެންމެ ސުލްހަވެރި ގޮތަކަށް މުއާމަލާތް ކުރައްވާނެ ކަމަށް ރޮބާޓް މާލީ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ގަދަފަދަ ހަމަލާތަކަކުން އިރާން ހޭލައްވާލުމަށް ވުރެ މަޝްވަރާކުރުން މުޅި ސަރަހައްދަށް ފައިދާ ބޮޑު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އީރާނާ އެކު ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުން 2015 ގައި ހަދާފައި އޮތް ނިއުކްލިއާ މުއާހަދާ އަލުން ދިރުވައި، އީރާން ލައްވައި ސޮއިކުރުވުމަށް ކުރަމުންދިޔަ މަޝްވަރާތައް މިހާރު އޮތީ ހުއްޓިފަ އެވެ. އެއީ އިރާން ބުނާ ގޮތުން އެމެރިކާ ދައްކާ ވާހަކަތަކުގައި އިޚުލާސްތެރި ކަމެއް ނެތުމުންނެވެ. އެމެރިކާ ބުނާ ގޮތުން އީރާނުން ކުރާ ޝަރުތު މާގިނައީ އެވެ.

އީރާނާ އެކު ނިއުކްލިއާ މަޝްވަރާތައް ދެން ނުފަށާނެ ކަމަށް ޖޯ ބައިޑަން ވިދާޅުވެފައި އޮތް ނަމަވެސް ދޮރުބަންދު މާލަމްތަކުގައި މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށް ޚަބަރު ލިބެ އެވެ.

ހުޅަނގަށް ލެނބިފައި ހުރި ބައެއް ނޫސްތަކުން ބުނާ ގޮތުން އީރާން ރުއްސުމަށްޓަކައި ވައިޓް ހައުސްގެ އޮފިޝަލުން މިދާކަށް ދުވަހު އޮމާން ފަދަ ބައެއް ގައުމުތަކަށް ވަނީ ދަތުރުކޮށްފަ އެވެ. އެއީ އެ ގައުމުތަކުގެ ސަރުކާރު މެދުވެރިކޮށް އީރާނަށް ޕްރެޝަރު ކުރުމަށެވެ.

އީރާން ބުނާ ގޮތުން ނިއުކްލިއާ އެއްބަސްވުމެއްގައި ހުޅަނގުން ދުވަހަކު ސޮއިނުކުރިއަސް މައްސަލައެއް ނެތެވެ. ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު އިރާނަށް އުޅެން ދަސްވެފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ.

އިރާނަށް އެކަށީގެންވާ ލުޔެއް ނުދޭނަމަ ހުޅަނގާ އެކު ނިއުކްލިއާ އެއްބަސްވުމަކަށް ނުދާނެ ކަމަށްވެސް އެ ގައުމުން ބުނެ އެވެ. ނިއުކްލިއާ އެއްބަސްވުމަކީ އީރާނަށް މުހިންމު މުއާހަދާއެއް ނޫން ކަމަށްވެސް އެ ގައުމުން ވަނީ ބުނެފަ އެވެ.