ދުނިޔެ

އެމެރިކާގައި ކުރާ މުޒާހަރާތަކުގައި އީރާންގެ ބައިވެރިވުމެއް ނެތް: ވައިޓް ހައުސް

އެމެރިކާގައި ކުރާ މުޒާހަރާތަކުގައި އީރާންގެ ބައިވެރިވުމެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނެފި އެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން މެތޫ މިލާ ވިދާޅުވި ގޮތުގައި އެމެރިކާގައި ކޮންމެ ފަހަރަކު މުޒާހަރާކުރަނީ ބޭރު ގައުމެއްގެ އޯޑަރަކަށް ނޫނެވެ.

މުޒާހަރާތަކުގައި އީރާނަށް ތާއީދުކުރާ ބަޔަކު އުޅުނެއް ކަމަކު، މުޒަހަރާތައް ރާވައި ހިންގަނީ އީރާނުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މެތޫ މިލާ މިހެން ވިދާޅުވި ސަބަބަކީ، އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް މިހާރު ކުރައްވާ ދަތުރުގައި އޭނާ ހުންނަވާ ހޮޓަލުންނާއި މަގުތަކުން އާންމުންގެ ދުއްތުރާ ޖެހިވަޑައިގެން ކޯފާ އިސްކުރައްވައި ބަސްތަކެއް ވިދާޅުވުމުންނެވެ.

ނަތަންޔާހޫ ވިދާޅުވީ އޭނާއާ ދެކޮޅަށް މުޒާހަރާ ކުރަނީ އީރާނުން ބޮލަށް ފިތާފައި ތިބި ކޮސް ބައެއް ކަމަށެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި އެމެރިކާގައި މުޒާހަރާ ކުރުމަކީ މަނާ ކަމެއް ނޫނެވެ. އެ މީހުން -- މުޒާހަރާކުރާ މީހުން އަޑުއުފުލަނީ އެ މީހުންގެ އިހްސާސްތަކަށް އަދި ބޭނުންތަކަށް ސަރުކާރަށް އިޖާބަނުދެވޭތީ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމު ރައްޔިތުންގެ ވޯޓުން ހޮވާފައި އޮތް ސަރުކާރަކުން، އާންމުންގެ ބޭނުންތަކާ ދެކޮޅަށް ކަމެއް ކޮށްފިނަަމަ، އެ މީހުންގެ އިހުސާސްތައް ފާޅުކުރުމަކީ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މިލާ ވިދާޅުވީ މުޒާހަރާކުރާ މީހުންނަށް ނިސްބަތްކޮށް ބޭއަދަބީ ބަހުން މުހާތަބުކުރުމަކީ ރަނގަޅު ގޮތެއް ނޫންކަން އެމެރިކާ ދެކޭ ކަމަށެވެ.

ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވި ވިދާޅުވުމަކީ އެމެރިކާގެ ދާހިލީ ސިޔާސަތާ ފުށުއަރާ ކަމެއް ނޫން ކަމަށާއި ބޮޑުވަޒީރު ވިދާޅުވާނެ އެއްޗެއް އެނގިވަަޑައިގަންނަވާނީ އޭނާއަށް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ނަތަންޔާހޫ ދެއްކެވި ވާހަކަތަކާ ގުޅިގެން އެމެރިކާގެ ކަންބޮޑުވުމެއް އޮތްތޯ ދެންނެވުމުން ތަރުޖަމާން ވިދާޅުވީ އެއީ އާންމުގެ ތެރޭގައި ދައްކާ ބާވަތުގެ ވާހަކަތަކެއް ނޫން ކަމަށެވެ.

ބޮޑުވަޒީރު ކަންކުރައްވާ ގޮތަކާ މެދު އެމެރިކާ ކަންބޮޑުވާނަމަ އެކަމަކާ ގުޅޭ މަޝްވަރާތައް އޮންނާނީ ވެރިންގެ މެދުގައި ސިއްރުން ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.