އެމެރިކާގައި ނޮވެމްބަރު ފަހެއްގައި އޮތް ރިޔާސީ އިންތިހާބުގެ ކުރިން ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރޭވި ކަމަށް އެމެރިކާ ތުހުމަތުކުރެ އެވެ. މިކަމާ ގުޅިގެން އީރާނަށް ނިސްބަތްވާ މީހަކު އެމެރިކާގައި ވަނީ ހައްޔަރުކޮށްފަ އެވެ.
އެމެރިކާގެ ތުހުމަތަށް ރައްދުދެމުން އީރާނުން ބުނީ ޓްރަމްޕް އަހަހާރަކޮށްލަން ރާވާފައި ނުވާނެ ކަމަށެވެ. އަދި އެއީ ޝައުގުވެރިކަން އޮތް ކަމެއް ނޫން ކަމަށް ބުންޏެވެ.
އީރާނުން ބުނީ އެ ގައުމަށް ނިސްބަތްކޮށް ދޮގު ހަބަރު ފަތުރަނީ ޔަހޫދީން ކަމަށެވެ. އެއީ ވޮޝިންގްޓަނުން އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް މަގުފަހިކުރުމަށް ކުރާ ކަމެއް ކަމަށް އީރާނުން ބުންޏެވެ.
ޓްރަމްޕް އަވާރަކޮށްލަން އީރާންގެ އެޖެންޓުން އެެމެރިކާގައި ހަރަކާތްތެރިވާ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ތުހުމަތުކުރެ އެވެ. އަދި އެމެރިކާގައި ދިރިއުޅޭ އިޒުރޭލު ރައްޔިތުންނަށް ހަމަލާދިނުމަށް އީރާނުން މީހުން ތަމްރީންކުރާ ކަމަށްވެސް އެމެރިކާ ތުހުމަތުކުރެ އެވެ.
އީރާން ބުނާ ގޮތުން މި ހުރިހާ ކަމަކީވެސް ކުށްހީ އެވެ. އެމެރިކާގެ ތެރެއަށް އީރާންގެ އެޖެންޓުން ވަދެގެންފައި ނުވާނެ ކަމަށްވެސް ބުންޏެވެ.
އެމެރިކާ ބުނާ ގޮތުން އީރާނުން ތަމްރީންކުރަނީ، އެމެރިކާގައި ކޮންމެވެސް ދުވަސްވަރެއްގައި ދިރިއުޅެފައި ތިބި އަފްޣާނިސްތާން އަދި އީރާން މީހުންނެވެ. އެެމެރިކާ ރައްޔިތުންނަށް ފައިސާދީގެން މަގުތަނަވަސްކުރާ ކަމަށްވެސް އެމެރިކާ ތުހުމަތުކުރެ އެވެ.
އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން އިސްމާއީލް ބަޣާއީ ވިދާޅުވި ގޮތުގައި އެމެރިކާގެ ތުހުމަތަކީ އީރާނަށް ބޮޑު ގެއްލުމެއް ދިނުމަށް ދައްކާ ވާހަކަ އެކެވެ. އެއީ އީރާންގެ ގަސްދުގައި އޮތް ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ތަރުޖަމާން ވިދާޅުވީ ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮތުން އެފަދަ ވާހަކަތައް ދެއްކުމަކީ ގައުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.
ބަޣާއީ ވިދާޅުވި ގޮތުގައި އެމެރިކާއިން މީގެ ކުރިންވެސް އީރާންގެ ބޮލުގައި ތުހުމަތުތަކެއް އެޅުވި އެވެ. އެއީ ޕާކިސްތާން މީހަކު ލައްވައި އެމެރިކާގައި ލޭއޮހޮރުވުމެއް ހިންގަން އީރާނުން ރާވާ ކަމަށް ބުނެ އެވެ. ނަމަވެސް އެފަދަ އެއްވެސް ހަރަކާތެއް އީރާނަށް ނިސްބަތްކުރެވޭ މީހަކު އެމެރިކާގައި ހިންގާފައި ނުވާނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.