ދުނިޔެ

ގުރުއާން އެނދުމާ ދެކޮޅަށް އދ އަށް ކުރެވޭ ކަމެއް ނެތް: އީރާން

ގުރުއާން އަކީ މުސްލިމުންގެ މުގައްދަސް ފޮތެއް ކަމަށާއި ގުރުއާން އެންދުމަކީ ޚިޔާލުފާޅުކުރުމަށް އޮތް މިނިވަންކަމެއް ނޫން ކަމަށް އީރާނުން ބުނެފި އެވެ.

އީރާންގެ ޚާރިޖީ ވަޒީރު ހުސައި އަމީރު އަބްދުލްހިޔާން ވިދާޅުވި ގޮތުގައި -- މުސްލިމުންނަށް ނަފުރަތުކުރެވޭ ގޮތަށް ދުނިޔޭގައި މިވަރުގެ ބިރުވެރި ހަރަކާތްތަކެއް ހިންގާއިރު އދ އޮތީ ކޮންތާކުތޯ ސުވާލުކުރެވެ އެވެ.

ގުރުއާން އެންދުން މަނާކުރުމަށް އދ އިން މިހާތަނަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ގުރުއާން އެންދުމާ ދެކޮޅަށް އދ އިން ހަރަކާތްތެރި މުއާމަލާތްތަކެއް ކުރެއްވުމަށް -- އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަށް، އީރާނުން ވަނީ ސިޓީއެއް ވެސް ފޮނުވާފަ އެވެ.

ހުސައިން އަމީރު މި މޭރުމުން ވާހަކަދެއްކެވި ސަބަބަކީ ސްވިޑަންގައި މި އަހަރު އާދަޔާ ޚިލާފަށް ގިނައިން ގުރުއާން އަންދާފައިވާތީ އެވެ.

ސްވިޑަންގައި ގުރުއާން އެންދުމަށް މިހާރު ވެސް އޮތީ ރާވާފަ އެވެ.

ސްވިޑަންގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީގައި، މި އަހަރުގެ ކުރީކޮޅު ގުރުއާން އެންދި އެވެ. އަދި މިދާކަށް ދުވަހު އެ ގައުމުގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ މަރުކަޒީ މިސްކިތް ދޮށުގައި ވެސް ގުރުއާން އެންދި އެވެ.

ސިޔާސީ ހަރަކާތްތެރިން ކަމަށް ބުނާ ބަޔަކު ހިންގާ މި ބާވަތުގެ ދަށު ދަރަޖައިގެ ހަރަކާތްތަކަށް އެ ގައުމުގެ ފުލުހުން ވަނީ ހުއްދަ ދީފަ އެވެ. އަދި ގުރުއާން އަންދާ މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައިވަނީ ވެސް މުގުރުބުރި ހިފައިގެން ތިބި ފުލުހުންނެވެ.

ގުރުއާން އެންދުމާ ޚިޔާލުފާލުކުރުމުގެ މިނިވަންކަމާ ގުޅުވެނީ ކޮން ހިސާބަކުންތޯ ވެސް ހުސައިން އަމީރު ސުވާލުކުރެއްވި އެވެ.

ސްވިޑަންގައި އެންމެ ފަހުން ގުރުއާން އަންދާފައިވަނީ އެ ގައުމަށް އެތެރެވެގެން އުޅޭ އިރާގުގެ ރެފިއުޖީއެކެވެ.

މި ހަރަކާތްތަކަށް އިސްލާމީ ދުނިޔެއިން ވަނީ ދެކޮޅު ހަދާފަ އެވެ.

ސްވިޑަންގައި ގުރުއާން އެންދުން ކުށްވެރިކޮށް އީރާގުގައި ހަރަކާތްތެރިން ވަނީ އެ ގައުމުގައި ހުންނަ ސްވިޑަންގެ އެމްބަސީއަށް ވަދެގަނެ ހުޅުޖަހާފަ އެވެ. އަދި އިސްލާމީ ގައުމުތަކުގައި ތިބޭ ސްވިޑަންގެ ސަފީރުން އެ ގައުމުތަކުގެ ޚާޜިޖާ ވުޒާރާއަށް ހާޒިރުކޮށް ހިތްހަމަނުޖެހުން ވަނީ ފާޅުކޮށްފަ އެވެ.

ސްވިޑަންގައި ހުންނަ އީރާގު އެމްބަސީ ކުރިމަތީގައި ގުރުއާން އެންދުމަށް އެ ގައުމުގެ ފުލުހުން ބުދަ ދުވަހު ދިން ހުއްދައެއް ހަރަކާތްރިންގެ އަތުގައި މިހާރުވެސް އެބައޮތެވެ.