ދުނިޔެ

ގުރުއާނަށް އިހާނެތިކޮށް ހިތުން ހުއްޓުވަން މަސައްކަތް ކުރާނަން: ސްވިޑަން

ސްވިޑަންގެ ގާނޫނަށް ބަދަލުގެނެސްގެން ނަމަވެސް ގުރުއާނަށް އިހާނެތިކޮށް ހިތުން ހުއްޓުވޭތޯ ބައްލަވާނެ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ޓޯބިއާސް ބިލްސްޓްރޮމް ވިދާޅުވެއްޖެ އެވެ.

މުގައްދަސް ފޮތްތައް އެންދުމަކީ ރުޅިވެރިކަމާއި ނަފުރަތަށް މަގުފަހިކުރުވާ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޑިމޮކްރަސީ ގަބޫލުކޮށްގެން ތިބޭ ބަޔަކަށް ޖެހެނީ ޑިމޮކްރަސީގައި ބުނާ ހުރިހާ ހަޑިމުޑުދާރު ކަމެއްގައި ކޭއްތޭށެވެ. ޑިމޮކްރަސީއޭ ކިޔާ ނިޒާމަކަށް އަޅުވެތިވެފައި ތިބޭލެއް ބޮޑުކަމުން -- އެކަމަކުން ކިތަންމެ ބޮޑު ނުރައްކަލެއް ކުރިމަތިވި ނަމަވެސް ޖެހެނީ ރުހިގެން ތިބޭށެވެ.

ސްވިޑަންގެ ޚާރިޖީ ވަޒީރު މި މޭރުމުން ވާހަކަދެއްކެވީ އަލްޖީރިއާގެ ޚާރިޖީ ވަޒީރު އަހްމަދު އަތާފްއަށް ފޯނުކުރައްވައި ކުރެއްވި މަޝްވަރާގެ ތެރެއިންނެވެ.

ސަރުކާރު ހިންގަން ތިބި ބައެއްގެ ހައިސިއްޔަތުން ގާނޫނަށް ބަދަލު ނުގެނެވުމަކީ ބޮޑު ހިތާމައެއް ކަމަށް ސްވިޑަންގެ ޚާރިޖީ ވަޒީރު ގަބޫލުކުރެއްވި އެވެ. ގާނޫނު ހަދާފައި އޮންނަނީ ސަރުކާރުން ބޭނުންވާހާ ފަހަރަކު -- އެދޭހާ ގޮތަކަށް ބަދަލުކުރެވޭ ގޮތަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، ޓޯބިއާސް ވިދާޅުވީ މުގައްދަސް ފޮތްތަކަށް އާންމުން އިހާނެތިކޮށް ހިތުން ހުއްޓުވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ގުރުއާން އެންދުން މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ގުރުއާން އެންދުމުގެ ރޯޅީގައި އެންމެ ކުރީގައި އުޅެނީ ސްވިޑަން އެވެ.

އެއަށްފަހު ޖަރުމަނާއި ޑެންމާކްގައި ވެސް ތަކުރާރުކޮށް ގުރުއާން އަންދާފައިވެ އެވެ. މިއީ މުސްލިމުންނަށް ކުރާ މަލާމާތެއް ގޮތުގައި އެކި ގައުމުތަކުގެ އާންމު ފަރުދުން ވެސް ދަނީ ގުރުއާން އަންދަމުންނެވެ. އަދި އެ މީހުންގެ މި ނުބައި ހަޑިމުޑުދާރު އަމަލުތައް ސޯޝަލް ނެޓްވޯކްތަކުގައި -- އިންސްޓާގްރާމް، ފޭސް ބުކް އަދި ޓިކްޓޮކްގައި ދަނީ ހިއްސާކުރަމުންނެވެ.

ގައުމުތަކުގައި ގުރުއާން އެންދުން އަރަބި އިސްލާމީ ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި މުސްލިމް ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކުގައި ތިބި -- ގުރުއާން އަންދާ ގައުމުތަކަށް ނިސްބަތްވާ ސަފީރުން ވެސް ފޮނުވާލާފަ އެވެ.