އީރާގުގައި ހުންނަ ސްވިޑަންގެ އެމްބަސީއަށް ހަރަކާތްތެރިން ވަދެގަނެ އިމާރާތުގައި ހުޅުޖެހުމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫން ކަމަށް -- ސްވިޑަންގެ ޚާރިޖީ ވަޒީރު ޓޯބިއާސް ބިލްސްޓްރޯމް ވިދާޅުވެއްޖެ އެވެ.
ހަރަކާތްތެރިންގެ މި އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވައި ވަޒީރު ވިދާޅުވީ ކޮންމެ ބަޔަކު ހިންގި ނަމަވެސް، ގަބޫލުނުކުރައްވާނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.
ސްވިޑަންގައި ތަކުރާރުކޮށް ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތައި -- މުސްހަފުގެ ގަނޑުތައް އެންދި މައްސަލާގައި، ރުޅިގަދަވެފައި ތިބި ހަރަކާތްތެރިން ބަޔަކު، އީރާގުގައި ހުންނަ ސްވިޑަން އެމްބަސީގައި ހުޅުޖެހީ ބަދަލުހިފުމުގެ ރޫހުގަ އެވެ.
ސްވިޑަންގެ ޚާރިޖީ ވަޒީރު ވިދާޅުވީ އޭނާ ގަބޫލުކުރައްވަނީ ސްވިޑަންއަށް ރައްކާތެރިކަން ދިނުމުގައި އީރާގުގެ ސަރުކާރު ފޭލިވެފައިވާ ކަމަށް ކަމަށެވެ.
އީރާގުގައި ހުންނަ ސްވިޑަން އެމްބަސީ ދޮށަށް އެތައް ހާސް ބަޔަކު ވަނީ ވަދެ މުޅި ސަރަހައްދު ބަންދުކޮށްފަ އެވެ. އަދި އެެމްބަސީގެ ގޯތި ތެރެއަށް ފާރުމަތިންނާއި އެގޮތް މިގޮތަށް ވަދެގަނެ ވަނީ ލޫޓުވާފަ އެވެ.
މި ހާދިސާގައި އެމްބަސީގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް ރޮއިޓާސް ވަނީ ރިޕޯޓްކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ހަރަކާތްތައް ހިންގާފައިވަނީ އިރާގުގައި ދިރިއުޅޭ ޝީއީ ދަރިކޮޅުގެ މީހުންނެވެ. އަދި މިއީ ޝިއީ ސިޔާސީ ލީޑަރެއް ކަމަށްވާ މުގްްތަދާ ސަދުރަށް ސަޕޯޓްކުރާ ބައެއް ކަމަށް ބުނެވެ އެވެ.
އީރާގުގައި ހިންގި މި ހަރަކާތްތަކާ ގުޅިގެން ސްވިޑަންގައި ހުންނަ އީރާގު އެމްބަސީ ކުރިމަތީގައި ގުރުއާން އެންދުމަށް އެ ގައުމުގެ ފުލުހުން ވަނީ ހަރަކާތްތެރިންނަށް ހުއްދަ ދީފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އީރާގުގައި ހިންގި މި ހަމަނުޖެހުން ތަކަކީ މުގްތަދާ ސަދުރު ގޮވާލި ގޮވާލުމަށް އިޖާބަދިން ބަޔަކު ހިންގި އަމަލުތަކެކެވެ. އޭނާ ވަނީ ސްވިޑަންގައި ގުރުއާން އެންދި މައްސަލާގައި ބަދަލުހިފުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލާފަ އެވެ.
އީރާގުގައި ހުންނަވާ ސްވިޑަންގެ އެމްބެސެޑަރު އެ ގައުމުން ބޭރުކޮށް ފޮނުވާލުމަށްވެސް ސަދުރު ވަނީ ގޮވާލާފަ އެވެ.