ދުނިޔެ

އެމެރިކާއާ އެކު ކުށްވެރިން ބަދަލުކުރަން ތައްޔާރު: އީރާން

އެމެރިކާއާ އެކު ކުށްވެރިން ބަދަލުކުރަން ތައްޔާރު ކަމަށް އީރާން ބުނެފި އެވެ.

އީރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ނަސީރު ކަނާނީ ތެހެރާންގައި ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ވޮޝިންގްޓަންއާ އެކު ކުށްވެރިން ބަދަލުކުރާ ހިސާބަށް އީރާނަށް އޮތިީ އާދެވިފަ އެވެ.

ނަސީރު ކަނާނީ ވިދާޅުވި ގޮތުގައި ކުށްވެރިން ބަދަލުކުރުމުގައި ވޮޝިންގްޓަނުން އެއްވެސް ޝަރުތެއް ކަނޑައަޅައިގެން ނުވާނެ އެވެ. ކުށްވެރިން ބަދަލުކުރުމަށް މަޝްވަރާ ކުރެވޭނީ އީރާން އެވެނި މިވެނި ކަމެއް ކުރުމުން ކަމަށް ބުނެގެން ނުވާނެ އެވެ.

އީރާންގެ ތަރުޖަމާން ވިދާޅުވި ގޮތުގައި އިރާނަށް އޮތް ހަމައެކަނި ބޭނުމަކީ އެމެރިކާގެ ޖަލުތަކުގައި ތިބި ކުށެއް ނެތް އީރާން ރައްޔިތުން ސަލާމަތްކުރުމެވެ. އަދި އެ މީހުންގެ އާއިލާތަކަށް ގެނެސްދިނުމެވެ.

އެމެރިކާގެ ޖަލުތަކުގައި އީރާން މީހުން ހިފަހައްޓާފައި ތިބީ ކުށެއް ކުރުމަށް ވުރެ ބޮޑަށް އޮތް ހަސަދަވެރި ކަމެއްގެ ސަބަބުން ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. އީރާންގެ މީހެއް ނަމަ އެމެރިކާގެ ޝަރުއީ ނިޒާމުން ބަލާނީ ކުށްވެރިއަކަށް ވުރެ ބޮޑަށް ދުޝްމަނެއް ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާނުން ހިފަހައްޓާފައި ތިބި އެމެރިކާ ރައްޔިތުން ދޫކޮށްލުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން މީގެ ދެތިން ދުވަސް ކުރިން އޮތީ ގޮވާލައްވާފަ އެވެ. މިކަމާ ގުޅިގެން އީރާނުން ބުނީ އެ މީހުން ހައްޔަރުކޮށްފައި ތިބީ ޖާސޫސްކުރި ކަމުގެ ކުށުގައި އަދި އެ މީހުންގެ މައްޗަށް ކުށް ސާބިތުވެފައި ވާތީ ކަމަށެވެ.

ބްލިންކެން މިހެން ގޮވާލެއްވި ނަމަވެސް އިރާންގެ ޖަލުތަކުގައި ތިބި އެމެރިކާ މީހުންގެ އަދަދެއް ވިދާޅެއް ނުވެ އެވެ. އީރާނުން ވެސް އެ އަދަދު އާންމުކޮށްފައެއް ނުވެ އެވެ.

އީރާނުން 2019 ގައި ވެސް ޗައިނާ ދަރިފަސްކޮޅުގެ އެމެރިކާ ސައެންސްވެރިއަކު ދޫކޮށްލި އެވެ. އެމެރިކާގެ ޖަލުތަކުގައި އީރާންގެ 20 މީހުން ހައްޔަރު ކޮށްފައި ތިބި ކަމަށް އީރާންގެ އޮފިޝަލަކު އެއިރު ވިދާލުވި އެވެ.