އީރާން

އިޒްރޭލުގެ ވެރިރަށަށް މިހާރު ހަމަލާ ދެވޭނެ

އިޒްރޭލުގެ ވެރިރަށް ތެލް އަވީވް އަށް ހަމަލާ ދެވޭ ފެންވަރުގެ ޑްރޯން އީރާން އަތުގައި އެބަހުރި ކަމަށް އެ ގައުމުން ބުނެފި އެވެ.

އީރާނުން ބުނީ ތެލް އަވީވްގެ އިތުރުން އިޒްރޭލުގެ ޚައިފާއަށް ވެސް ދަތިކަމެއް ނެތި މިހާރު ހަމަލާ ދެވޭނެ ކަމަށެވެ.

ބްރިގޭޑިއާ ޖެނެރަލް ކިއުމާސް ހައިދަރީ ވިދާޅުވި ގޮތުގައި އީރާންގެ ސައިންސްވެރިންނާއި އިންޖިނޭރުން ޑިޒައިންކޮށް އުފެއްދި ޑްރޯން އަކީ ސީދާ އިޒްރޭލު އަމާޒަކަށް ވިސްނައިގެން އުފެއްދި ޑްރޯނެކެވެ.

ހައިދަރީ ވިދާޅުވި ގޮތުގައި މި ފަހަރު އުފެއްދި ޑްރޯން، އަރާޝް-2 އަކީ އަރާޝް-1 އަށް ވުރެ ގާބިލު އަދި އަމާޒު ހޯދައި ހަމަލާ ދެވޭ ފެންވަރުގެ ޑްރޯނެކެވެ.

ޑްރޯން އިންޖިނިއާކޮށް ނިންމައި އަސްކަރިއްޔާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ހައިދަރީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ދުރުރާސްތާ ޑްރޯނެއް ކަމަށާއި އަޖުމަ ބަލައި ކުޅަދާނަކަން ދައްކާލުން އޮންނާނެ ކަމަށެވެ.

ޑްރޯން ބޭނުންކުރަން ހުއްދަ ދޭއިރަށް ޑްރޯން ބޭނުންކުރާނެ ކަމަށްވެސް ހައިދަރީ ވިދާޅުވި އެވެ. ކޮންމެވެސް ދުވަހަކުން އެ ޑްރޯން ބޭނުންކުރުމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އީރާން އާއި އިޒްރޭލަކީ ބިތެއްގެ ދެފަރާތުގައި ވައްވައްޖަހާ ތިބޭ ދެ ގައުމެވެ. އަބަދުވެސް އެއްބަޔަކު އަނެއް ބަޔަކަށް ހަމަމާދޭން ރާވަނީ އެވެ. މިސައިލާއި ހަތިޔާރުު އުފައްދަނީ އެވެ.

އީރާން ބުނާ ގޮތުގައި އިޒްރޭލު އަޅިޔަށް ހަދާލެވޭ ފެންވަރު އެ ގައުމުގެ އަސްކަރިއްޔާގައި އެބަހުއްޓެވެ. އިޒްރޭލަށް އަރާ އޮޅުމަކުން އީރާނަށް ދިލަކަންޏެއް ވެއްޓުނަސް ދުނިޔޭގެ ޗާޓުން އިޒްރޭލު ފޮހެލާނެ އެވެ.

އިޒްރޭލުން ބުނާ ގޮތުން އީރާނަށް ދޭ ހަމަލާތައް ވިދުވަރެއްހާ އަވަސްވާނެ އެވެ. ލޯމެރޭތަނުން ހުޅުވިޔަސް އީރާން ކުރިން އޮތް ތަނުގައި ނޯންނާނެ އެވެ.

އިޒްރޭލާ ކުޅެލުމަކީ އީރާނަށް ދެވަނަ ފުރުސަތެއް އޮންނާނެ ކަމެއް ނޫނެވެ. އިޒްރޭލުގެ ހަމަލާތައް އެހާވެސް ހުޝިޔާރު އަދި ކާމިޔާބު ވާނެ އެވެ.