ދުނިޔެ

ބަދަލުހިފުމުގެ ގޮތުން އިޒުރޭލަށް އިތުރު ހަމަލާތަކެއް ނުދޭނަން: އީރާން

އީރާންގެ ކިބައިން ބަދަލުހިފުމަށް އިޒުރޭލުން އިއްޔެ -- އޮކްޓޯބަރު 26 ގައި، ވެރިރަށް ތެހެރާން ހިމެނޭ ގޮތުން ވަނީ ރޮކެޓް ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތައް އަމާޒުކުރީ އީރާންގެ އަސްކަރީ މަރުކަޒުތަކަށް ނަމަވެސް، އީރާނުން ބުނި ގޮތުން ހަތަރު ސިފައިން މަރުވި އެވެ.

އިޒުރޭލާއި އީރާންއާ ދެމެދު ބަދަލުހިފުމުގެ ގޮތުން ބަދަލުކުރެވޭ މިސައިލް ހަމަލާތައް ފެށިގެން މިއުޅެނީ، ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ހިޒުބުﷲގެ ލީޑަރު ހަސަން ނަސްރުﷲ މަރާލުމުގައި އިޒުރޭލު ބައިވެރިވެފައި ވާތީ ކަމަށް އީރާނުން ބުންޏެވެ.

އިއްޔެގެ ހަމަލާތަކަށް ފަހު ދެގައުމު ދެގައުމަށް، ކޮންމެ ގައުމަކަށް ހަމަލާދިނުމުގެ އެއްބުރު ހަމަވީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާނާއި އިޒުރޭލާ ދެމެދު -- ތިންވަނަ ފަރާތެއް މެދުވެރިކޮށް މަޝްވަރާތަކެއް ވަނީ ކުރެވިފަ އެވެ. މި މަޝްވަރާތަކުގެ ބޭނުމަކީ އެއްގައުމު އަނެއް ގައުމަށް، ސީދާ ހަމަލާތައް ދިނުން ހުއްޓާލުމެވެ.

އިޒުރޭލުން އިއްޔެ އީރާނަށް ދިން ހަމަލާތަކުގެ ބަދަލު ނުހިފާނެ ކަމަށް އީރާން ބުނެފައިވާ ކަމަށް ވެސް މިކަމުގެ މައުލޫމާތު ލިބިފައި ތިބި މީހުންނާ ހަވާލާދީ ޚަބަރު އޭޖެންސީތަކުން ބުންޏެވެ.

އީރާނަށް ހަމަލާދިނުމުގައި ވީހާވެސް ލުއިކޮށް ހަމަލާދިނުމަށް އެމެރިކާއިން އޮތީ އިޒުރޭލަށް އަންގާފަަ އެވެ. ބޮޑެތި ގެއްލުން ދިނުމުގެ ސަބަބުން، ލިބޭ ގެއްލުމަށް ބަދަލުހިފުމަށް އަނެއްކާވެސް ހަމަލަދޭން ހަދައިފި ނަމަ، ދެ ގައުމަށް ވެސް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް އޮތީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާނުން މި ގޮތަށް -- އިތުރު ހަމަލާތަކެއް އިޒުރޭލަށް ނުދޭ ގޮތަށް އެއްބަސްވީ، އެމެރިކާ އާއި ސައޫދީ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގައުމުތަކުން ކުރި މަސައްކަތުންނެވެ.

ނަމަވެސް، އިޒުރޭލުން އިތުރު ހަމަލާތަކެއް އީރާނަށް ދީފި ނަމަ، އީރާންގެ ރައްޔިތުން ރައްކާތެރިކުމަށްޓަކައި ހުރިހާ ގަލެއް ފުރޮޅާނެ ކަމަށް އީރާން އޮތީ ބުނެފަ އެވެ. އިޒުރޭލަށް ހީވެފައި ނުވާ ވަރުގެ ބޮޑެތި ހަމަލާތަކެއް ދޭނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.

އިޒުރޭލުން ވެސް ބުނަނީ ހަމަ މިހެންނެވެ. އީރާނުން އިތުރު ހަމަލާތަކެއް ޔަހޫދީންނަށް އަމާޒުކޮށްފި ނަމަ، އީރާންގެ އަަސްކަރީ ބާރު ކެނޑެންދެން ހަމަލާދޭނެ ކަމަށް އިޒުރޭލުން ބުންޏެވެ.