ދުނިޔެ

އީރާނުން ދިން ހަމަލާތައް މަތަކުރަން އިޒުރޭލުން 1.3 ބިލިއަން ޑޮލަރު ހޭދަކުރަން ޖެހުނު

އީރާނުން މި ހަފުތާގެ ހޮނިހިރު ދުވަހުގެރޭ އިޒުރޭލަށް އަސްކަރީ ޑްރޯނުންނާއި ބެލިސްޓިކް މިސައިލުން ދިން ހަމަލާތައް މަތަކުރަން 1.3 ބިލިއަން ޑޮލަރު ހޭދަކުރަން އިޒުރާލަށް ޖެހުނު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އީރާނުން އިޒުރޭލަށް ދިން ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރީ އަސްކަރީ މަރުކަޒުތަކަށާއި ސިފައިންގެ މަރުކަޒުތަކަށެވެ. އީރާނުން ވިސްނާފައި އޮތީ އިޒުރޭލުގެ އަސްކަރީ ގާބިލުކަމާ ތޮޅެލުމެވެ.

އިޒުރޭލުން ބުނާ ގޮތުން އިރާންގެ ގިނަ ހަމަލާތައް އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން -- ވައިގެ ތެރޭގައި ހުއްޓުވައި ވާނީ ފޭލިކޮށްލާފަ އެވެ. އެހެންކަމުން ހުރިހާ ގޮތަކުން ވެސް ކާމިޔާބީ ލިބުނީ ޒަޔަނިސްޓުންނަށް ކަމަށް ވެސް އިޒުރޭލުން ބުންޏެވެ.

އީރާނުން ހަމަލާއެއް ދީފާނެ ކަމަށް އިޒުރޭލުން ވަރަށް ބޮޑަށް ތައްޔާރުވި އެވެ. މިސައިލުން ދިފާއުވާން ޒަޔަނިސްޓުން ބޭނުންކުރާ އަޔަން ޑޯމްގެ ބެޓެރީތައް އާކޮށް މިސައިލްތަކުން ބަރާކުރި އެވެ. އަދި ފައިޓަރު ޖެޓުތަކުގައި މިސައިލް ހަރުކޮށް ވައިގެ ތެރޭގައި ތައްޔާރީ ހާލަތުގައި ރުކުރުވާލި އެވެ.

އީރާނުން ދޭ ކޮންމެ ހަމަލާއެއް ހުއްޓުވަން އިޒުރޭލުގެ އަޔަން ޑޯމުން ނުވަތަ އަސްކަރީ ޖެޓަކުން މިސައިލެއް ފޮނުވަން ޖެހެ އެވެ. މި މިސައިލް ގޮސް، އީރާންގެ މިސައިލްގައި ޖެހި މުޑިއަރައި ވައިގެ ތެރޭގައި އަނދާ ހުލިވެ އެވެ. ބިމަށް ވެއްޓެނީ ހުލިނުވެ ހުންނަ ބައިތަކެވެ. އެއިން ޖެހި ތަނަކަށް ނުވަތަ މީހަކަށް ލިބޭ އަނިޔާއެއް ފިޔަވައި ބާރުގަދަ ގޮވުމެއްގެ ގޮތުގައި އިތުރު ގެއްލުމެއް ނުލިބެ އެވެ.

އިޒުރޭލުން ފޮނުވާ ދިފާއީ ކޮންމެ މިސައިލަކީ ލައްކަ ފައިސާ އެވެ. މި ގޮތުގައި މިސައިލް ފޮނުވަން ހަދައިފި ނަމަ އިޒުރޭލުގެ އިގުތިސާދަށް ބުރަބޮޑުނުވެ ނުދާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާނުންގެ ހަމަލާތައް ހުއްޓުވަށް އިޒުރޭލުން ފޮނުވި މިސައިލްތަކަށް އެކަނި ވެސް 1.3 ބިލިއަން ޑޮލަރު ވަނީ ޚަރަދުކޮށްފަ އެވެ. މިއީ އަސްކަރީ ޖެޓުތަކަށާއި ހަނގުރާމައިގެ އެހެނިހެން ހާލަތްތަކަށް ހޭދަކުރަން ޖެހުނު ފައިސާ ނުލަ އެވެ.

އީރާނުން ދިން ހަމަލާތަކަކީ ފިލްމެއް ފެށުމުގެ ކުރިން ދައްކާލާ ކުޑަ ތަންކޮޅެއް -- ޕްރިވިއުއެއް ކަމަށް އީރާންގެ އަސްކަރީ ގާބިލުކަން ހުރި މިންވަރު ދަންނަ މީހުން ބުންޏެވެ.

އިޒުރޭލުން ރައްދު ހަމަލާދީފި ނަމަ އެއާ ވިދިގެން އަންނަ ފަހު ތަޅާލުމުގައި އިޒުރޭލުގެ މަދަނީ ތަންތަނަށާއި އާންމު އާބާދީތަކަށް ވެސް ހަމަލާތައް -- އީރާނުން ކުރިން ދިން ހަމަލާތަކަށް ވުރެ 10 ގުނަ ބާރުގަދަ ހަމަލާތަކެއް އަމާޒުކުރަން އެ ގައުމުން އޮތީ ނިންމާފައި ކަމަށް އަސްކަރީ މާހިރުން ވިދާޅުވެ އެވެ.