އީރާންގެ ބިމު އަޑީގައި ހުރި އަސްކަރީ ޑްރޯން ގުދަނެއް ދައްކާލައިފި އެވެ. އަސްކަރީ ޑްރޯންތަކާ ބެހޭ ގޮތުން ސިފައިން މައުލޫމާތު ދިން ނަމަވެސް، ގުދަން ހުރީ އީރާންގެ ކޮންތަނެއްގައި ކަމެއް ނުބުނެ އެވެ.
ދައުލަތުގެ ޓީވީން ދެއްކި ވީޑިއޯ މަންޒަރުތަކުގެ ތަފުސީލު ކިޔައިދެމުން ބުނި ގޮތުގައި ވަގުތުން ވަގުތަށް އުދުއްސާލެވޭ ފެންވަރަށް 100 ޑްރޯން ވަނީ ތައްޔާރު ކޮށްފަ އެވެ. އަދި ޑްރޯންތަކުގައި ޒަމާން ދަންނަ އެންމެ ބާރުގަދަ މިސައިލްތައް ހަރުކޮށްފައި ހުރި ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަސްކަރީ އޮފިޝަލުން މީޑިއާއާށް ބުނި ގޮތުގައި އީރާންގައި ހުރި ވަރުގެ ބާރުދަ ޑްރޯން މުޅި ސަރަހައްދުގައި ވެސް ނުހުންނާނެ އެވެ. އަދި ޑްރޯން އުފެއްދުމުން އިރާން ހޯދާފައި ހުރި ތަޖުރިބާއާ ވާދަ ކުރެވޭ ވަރުގެ ގައުމެއް ސަފުގައި ނެތެވެ.
ދައުލަތުގެ ޓީވީއަށް ރިޕޯޓެއް ތައްޔާރު ކުރަން ޓީވީ ޕްރެޒެންޓަރު ޑްރޯން ގުދަނަށް ގެންދިއަ ގޮތް ކިޔައިދެމުން ބުނި ގޮތުގައި އޭނާ އެތަނަށް ގެންގޮސް ވެއްދީ ކަނުބަނދެގެންނެވެ. އެއީ ދިޔަ މަގުމަތީން އެއްވެސް ވަރެއްގެ ނިޝާނެއް ކޮޕީކޮށް ހިތުގައި ރައްކާކުރިއަ ނުދިނުމަށެވެ.
ޓީވިން ދެއްކި މަންޒަރުތަކުގައި ޑްރޯންތައް ހުރީ މިސައިލް ބަނދެ ތައްޔާރުކޮށްފަ އެވެ. ގުދަނުގައި ބަރިބަރިއަށް އެކި މަރުކާގެ ޑްރޯންތައް ހުރީ ސަފު ހަދާފަ އެވެ.
އީރާންގެ އަސްކަރީ ގާބިލުކަމާ ބެހޭ ގޮތުން މިބާވަތުގެ މަންޒަަތުތަކެއް ދައުލަތު ޓީވީން ދުރަށް ދައްކާފައި މިވަނީ އީރާންގެ އަސްކަރީ އޮފިސަރެއް އިޒްރޭލުން މިދާކަށް ދުވަހު މަރާލާފައި ވަނިކޮށެވެ. އަދި ގުރީކުގެ ދެތެޔޮ ޓޭންކަރު އީރާން ސިފައިން ހިފައިޓައި މައްސަލަ ހޫނުވެފައި އޮތް ދަނޑިވަޅެއްގަ އެވެ.
އީރާނުން ގުރީކް ދެ ޓޭންކަރު ހިފެހެއްޓީ ބަދަލު ހިފުމުގެ ގޮތުންނެވެ. އެއީ މިދިއަ މަހު ގުރީކުން އީރާންގެ ތެޔޮއަޅާ ބަރާކޮށްފައި އޮތް ރަޝިއާ ޓޭންކަރެއް ގުރީކު ކައިރިން ހިފަހައްޓައި އެމެރިކާއާ ހަވާލު ކުރުމުންނެވެ. އެ ޓޭންކަރުގައި ހުރި އީރާންގެ ތެޔޮ އެހެން އުޅަނދެއްގައި އެމެރިކާއަށް ގެންދާ ގޮތަށް އެމެރިކާއިން ވަނީ ހަމަަޖައްސާފަ އެވެ.
ޓޭންކަރު ފަހުން ދޫކޮށްލި ނަމަވެސް އީރާނާ ގުރީކާ ދެމެދު ފަޅައިގެން ދިއަ ހުޅުގަނޑު އަދިވެސް ހުރީ ގަދަ ގިނީގައި އަނދަ އަނދަ އެވެ.