އީރާން

އިރާނުގެ އަސްކަރީ ފެކްޓަރީއަށް ހަމަލާ ދިނީ ކޮން ބައެއް؟

އިރާނުގެ އަސްކަރީ ފެކްޓަރީ އަކަށް ޑްރޯން ހަމަލާތަކެއް ދިނުން އެއީ ފިނޑި އަދި އިރާނުގެ އެތެރޭގައި ބިރުވެރިކަން އުފެއްދުމަށް ދިން ހަމަލާތަކެއް ކަމަށް ވިދާޅުވެ އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުﷲ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައިވަނީ މިހަމަލާގެ ފަހަތުގައިވާ ކަމަށް ލަފާކުރެވެނީ އިޒްރޭލު ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު އިރާނުން ބުނެފައިވަނީ އިރާނުގެ މެދުތެރޭ ސިޓީއެއް ކަމަށްވާ އިސްފަހާން ކައިރީގައި ހުންނަ މި ފެކްޓަރީ އަށް ދިން ޑްރޯނުގެ ހަމަލާތައް ހުއްޓުވާފައިވާ ކަމަށާއި އަދި އެހަމަލާއިން އެއްވެސް މީހަކަށް ގެއްލުމެއް ދެވިފައި ނުވާ ކަމަށެވެ.

މި ހަމަލާ އިން ދެވުނު ގެއްލުން މިނިވަންކަމާއެކު މިހާތަނަށް ތަހުގީގު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް އިރާނުގެ ދައުލަތުގެ މީޑިއާ އިން ދެއްކި ފުޓޭޖެއްގައި ފެންނަގޮތުން ޖައްވު ތެރެއިން އަލިފާންގަނޑެއް ހުޅުފަޅައިގެން އަރާތަން ފެނުމުގެ އިތުރަށް އިމަޖެންސީ އުޅަނދުތައް ހަރަކާތްތެރިވަމުންދާ ތަން ފެނެ އެވެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް އިން އެމެރިކާ އޮފިޝަލުންގެ ނަން ހާމަނުކޮށް އެފަރާތްތަކާ ހަވާލާދީ ބުނެފައިވަނީ މިހަމަލާގެ ފަހަތުގައިވަނީ އިޒްރޭލު ކަމަށެވެ. މިކަމާ ގުޅިގެން އިޒްރޭލުގެ ރަސްމީ އިދާރާ އަކުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ނަން ހާމަ ނުކޮށް އެމެރިކާގެ އޮފިޝަލުން ތަކެއް ރޮއިޓާސް ނޫހަށް ބުނެފައިވަނީ ފެންނަ ފެނުމަށް މިކަމުގައި އިޒްރޭލުން ބައިވެރިވެފައިވާ ކަމަށެވެ. މި އޮފިޝަލުން އެމެރިކާގެ އެއްވެސް ބައިވެރިވުމެއް މިކަމުގައި ނެތް ކަމަށް ވިދާޅުވުމުގެ އިތުރަށް އެހެން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ރަޝިއާއި ޔޫކްރޭނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި އިރާނުން ރަޝިއާ އަށް އެތަކެއް ސަތޭކަ ޑްރޯން ވިއްކާފައިވާކަމުގެ ތުހުމަތާއެކު ޔޫކްރޭނުގެ ރައިސް ޒެލެންސްކީގެ އިސް މުޝީރަކު ވިދާޅުވެފައިވަނީ އިރާނަށް ދެވުނު ހަމަލާއަކީ އެއިގެ ނަތީޖާ ކަމަށެވެ.

"ގޮއްވާލުމުގެ ރޭނގަނޑެއް އިރާނުގައި. ކަލޭމެންނަށް އިންޒާރު ދިނިން،" ޓުވިޓާގައި މިހާއިލޯ ޕޮޑޮލިޔަކް ބުނެފައިވެ އެވެ.

އިރާނުގެ އަސްކަރީ ފެކްޓަރީ އަކަށް ޑްރޯން ހަމަލާ ތަކެއް ދިނުން އެއީ ފިނޑި އަދި އިރާނުގެ އެތެރޭގައި ބިރުވެރިކަން އުފެއްދުމަށް ދިން ހަމަލަ ތަކެއް ކަމަށް ވިދާޅުވެ އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުﷲ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާއިރު، އިރާނުގެ ގާނޫނު ހަދާ މަޖލިހުގެ މެންބަރު ހުސައިން މިރްޒާއީ ވިދާޅުވި ގޮތުގައި މި ހަމަލާ ދީފައިވަނީ އިޒްރޭލުންނެވެ.

މިހަމަލާ ދިނީ ކޮންފަރާތަކުން ކަމެއް މިހާތަނަށް އިރާނުގެ ޑިފެންސް މިނިސްޓްރީން އަދި ބުނެފައެއް ނުވެ އެވެ. ނަމަވެސް ދުނިޔޭގެ ބާރުތަކާއެކު އިރާނުގެ ނިއުކްލިއާ މައްސަލައާ މެދު ވެފައިވާ އެއްބަސްވުން ފެއިލްވުމަށްފަހު އިރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ނުތަނަވަސްކަމުގެ ތެރޭގައި ދޭތެރެ ދޭތެރެއިން އިރާނަށް ދީފައިވާ ހަމަލާތައް އެއީ އިޒްރޭލުން ދޭ ހަމަލާތަކެއް ކަމަށް ތުހުމަތު ކުރެވެ އެވެ.

އިރާނުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އަސްކަރީ ފެކްޓަރީ އަށް ތިން ޑްރޯން ހަމަލާ އަމާޒު ކުރި ކަމަށާއި އެއިގެ ތެރެއިން ކާމިޔާބުކަމާއެކު ދެ ޑްރޯން ވައްޓާލައި ތިންވަނަ ޑްރޯނުން ދިން ހަމަލާގައި މަރުކަޒުގެ ފުރާޅަށް ގެއްލުންތަކެއް ދެވިފައިވިޔަސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.

އިސްފަހާންގެ މި ފެކްޓަރީ ހުންނަނީ އިރާނުގެ ވެރިރަށް ތެހެރާންގެ ދެކެނުން 350 ކިލޯމީޓަރު ދުރުމިނުގަ އެވެ. އިރާނުގެ ޑިފެންސް މިނިސްޓްރީން އެ މަރުކަޒު އެއީ ވާކްޝޮޕެއް ކަމަށް ބުނެފައިވާއިރު، އެމަރުކަޒަކީ އެފް-14ގެ ޖެޓް ބޭނުންކުރާ ވައިގެ މަރުކަޒެއް ހުރުމުގެ އިތުރުން ނިއުކްލިއާ ހަކަތައިގެ ދިރާސާ ކުރާ އަދި ނިއުކްލިއާ ހަކަތަ އުފައްދާ މަރުކަޒެކެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ވިދާޅުވެފައިވަނީ މި ހަމަލާއިން އިރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި އިރާނުގެ ސައިންސްވެރިން ސުލްހަވެރި ކަންކަމަށް ބޭނުންކުރުމަށް ނިއުކްލިއާ ހަކަތަ އުފެއްދުމަށް ކަނޑައަޅާފައިވާ އަޒުމަކަށް އަދި މަގުސަދަކަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

އިރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ ތެރެއިން ކުރިއަށްވުރެވެސް ހަލުވި މިނެއްގައި ޔުރޭނިއަމް ފައްކާކުރަމުންގޮސް ހަތިޔާރުތަކުގައި ބޭނުން ކުރެވޭ ހިސާބަށް ވާސިލުވެފައިވާތީ އިރާނުގެ އެތެރޭންނާއި ބޭރުން ދަނީ ގޮންޖެހުންތައް ކުރިމަތިވަމުންނެވެ.

މީގެ އިތުރުންވެސް އާދީއްތަ ދުވަހު އިރާނުގެ ތެޔޮ ސާފުކުރާ ކާރުހާނާއެއްގައި އަލިފާން ރޯވެ ހުޅަނގުއުތުރު ސަރަހައްދަށް ރިކްޓާ މިންގަނޑުން 5.9ގެ ބާރުމިނުގައި އައި ބިންހެލުމެއްގައި ތިން މީހަކުވެސް މަރުވެފައިވެ އެވެ.

އިރާނަށް ސިލްސިލާ ހަމަލާތަކެއް ފާއިތުވިތަނުގައި އިޒްރޭލުން ދިން ކަމުގެ ތުހުމަތާއެކު، 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބިންގަރާސް ކުރެވިފައިވާ އިރާންގެ ނަތާންޒް ނިއުކްލިއާ މަރުކަޒަށް ހަމަލާދީ ގެއްލުން ދިންކަމުގެ ތުހުމަތުވެސް އިޒްރޭލަށް ކުރެވެ އެވެ. އަދި 2020 ވަނަ އަހަރު ސުވާލުއުފެދޭ ފަދަ ގޮތަކަށް އިރާނުގެ އެންމެ އިސް ނިއުކްލިއާ ސައިންޓިސްޓް މަރާލެވިފާއިރު އެކަމުގެ ތުހުމަތުވެސް އިރާނުން އިޒްރޭލަށް ކުރެ އެވެ.

އިޒްރޭލުގެ އަސްކަރީ ޔުނިޓުތަކުން އަދި އިޒްރޭލުގެ އިންޓެލިޖެންސް އެޖެންސީ ކަމުގައިވާ މޮސާޑް އިން ހިންގާ ހަރަކާތްތަކަށް އިޒްރޭލުން އާންމު ގޮތެއްގައި އެއްބަސްވެފައެއް ނުހުރެ އެވެ.

2015 ގައި ދުނިޔޭގެ ބާރުތަކާއެކު އިރާނުން ވެފައިވާ ނިއުކްލިއާ އެއްބަސްވުން އައުކުރުމަށް ކުރެވުނު މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުއްސުރެ ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.