ސީރިޔާ

އަރަބި ގައުމުތަކުގެ ގާނޫނު ހަދާ މަޖލިސްތަކުގެ ވެރިން ސީރިއާގައި

ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އަރަބި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި މިވަނީ ސީރިއާގެ ވެރިރަށް ދިމިޝްޤަށް އަރަބި ގައުމުތަކުގެ ގާނޫނު ހަދާ މަޖލިސްތަކުގެ އިސް ވަފުދު މިއަދު ކުރައްވާފައިވާ ޒިޔާރަތުގެ ތެރޭގަ އެވެ.

އަރަބި ވަފްދުގެ މިބައްދަލުވުން ބެލެވިފައިވަނީ ސީރިއާގައި ފާއިތުވި ދުވަސްތަކުގައި ހިނގަމުން އައި ހަމަނުޖެހުމާއި ހެދި އަރަބި ދުނިޔޭގެ ސަރަހައްދުގައި އެކަހެރިވެފައި މިދިޔަ 10 އަހަރު ސީރިއާ އޮތް އޮތުމަށް ނިމުމެއް އައިސް ސީރިއާ އާއި އަރަބި ގައުމުތަކުގެ ގުޅުން ރަނގަޅުވަމުން އަންނަން ފަށައިފިކަމުގެ ހެއްކެއް ކަމަށެވެ.

ސީރިއާ އަށް ޒިޔާރަތްކޮށްފައިވާ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސުންގެ ތެރޭގައި އިރާގު، އުރުދުން، ފަލަސްތީން، ލީބިޔާ، މިސްރުގެ އިތުރުން އޮމާން އަދި ލެބަނަން ހިމެނެ އެވެ.

މި ބޭފުޅުން ދިމިޝްގަށް ވަޑައިގެން އުޅުއްވަނީ އަރަބި ގައުމުތަކުގެ އިންޓަ ޕާލިމަންޓްރީ ޔުނިއަން ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

"އަހަރެމެންނަށް ސީރިއާ އާއި ވަކިވެގެންނެއް ނޫޅެވޭނެ. އަދި ސީރިއާ އަށް އަރަބި މާހައުލާއި ނުލައިވެސް ވެސް ނޫޅެވޭނެ. އަހަރެމެން އުއްމީދު ކުރަނީ އަރަބި މާހައުލަށް ސީރިއާ އަނބުރައި އައުމަށް،" އިރާގުގެ ޕާލިމަންޓް ސްޕީކަރު މުހައްމަދު އަލް ހަލްބޫސީ ވިދާޅުވި އެވެ.

ސީރިއާ އަރަބި ދުނިޔޭގެގެ ގުޅުމުން އެކަހެރިވެފައިވަނީ 2011 ވަނަ އަހަރު އެގައުމުގެ ދާހިލީ ހަމަނުޖެހެންތައް ބޮޑުވެ ރައީސް އަސަދުގެ ސަރުކާރާއި ދެކޮޅަށް ނިކުތް އެތައް ހާސް ބަޔަކާ މެދު ވަރަށް އަނިޔާވެރި ގޮތަކަށް އަމަލުކޮށްފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން އަރަބި ލީގުން ވަނީ ސީރިއާ މެންބަރު ކަމުން 2011 ގައި ވަކިކޮށްފަ އެވެ. އަދި އަރަބި ގައުމުތަކުގެ ޑިޕލޮމެޓުން ދިމިޝްގުން އަނބުރާ ގެންގޮސްފައިވެ އެވެ.

މި މަހު ހަވަނަ ދުވަހު ސީރިއާ އަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ސީރިއާގެ އެތައް ހާސް ރައްޔިތުން މަރުވެ އަދި ހާލުގައި ޖެހުމާ ގުޅިގެން އަރަބި ގައުމުތަކުން އެހީތެރިކަން ސީރިއާ އަށް ފޯރުކޮށްދޭން ފެށުމާ އެކު ސީރިއާ އަރަބި ދުނިޔޭގެ ގުޅުން ދިރެން މިވަނީ ފަށާފަ އެވެ.

އެހީ ފޯރުކޮށްދިން ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއާ އަދި އަރަބި އެމިރޭޓްސް ހިމެނެ އެވެ. މި ދެ ގައުމަކީވެސް ސީރިއާގެ ހަމަނުޖެހުންތަކުގެ ކުރީކޮޅު ރައީސް އަސަދުގެ ވެރިކަން ވައްޓާލުމަށް ނިކުތް ފަރާތްތަކަށް މަދަދުވެރިވި ދެ ގައުމެވެ.

އަރަބި ގައުމުތަކުގެ އިސް ބޭފުޅުންތަކެއް ދިމިޝްގަށް ޒިޔާރަތްކޮށްފައި މިވަނީ މިސްރުން އެ ގައުމުގެ ހާރިޖީ ވަޒީރު ސާމިހު ޝުކްރީ ދިމިޝްގަށް އަންނަ ހޯމަ ދުވަހު ވަޑައިގަންނަވާނެ ކަމަށް މިސްރުގެ ހާރިޖީ ވުޒާރާ އިން ބުނެފައި ވަނިކޮށެވެ. މިސްރުގެ ބޭފުޅަކު ދިމިޝްގަށް މިވަޑައިގަންނަވަނީ ސީރިއާގެ މައްސަލަ 2011 ގައި ފެށުނު ފަހުން ފުރަތަމަ ފަހަރަށެވެ.

މިސްރުގެ ހާރިޖީ ވަޒީރު ޝުކްރީ ދިމިޝްގަށާއި އަދި އިސްތަންބޫލަށް މިވަޑައިގަންނަވަނީ އެ ދެ ގައުމަށް މިމަހު ތެރޭ އައި ބާރުގަދަ ބިންހެލުމައި ވިދިގެން އެއްބައިވަންތަކަން ފާޅުކޮށް މިސްރު އެގައުމުތަކާއިއެކު ވާކަން އަމަލީގޮތުން ހާމަކުރުމަށްޓަކައި ކަމަށް މިސްރުގެ ހާރިޖީ ވުޒާރާ އިން ބުނެ އެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ މިމަހުގެ ހަތްވަނަ ދުވަހު ސީރިއާގެ ރައީސް އަސަދާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާފައިވާއިރު އުރުދުންގެ ހާރިޖީ ވަޒީރު ވަނީ އެމަނިކުފާނުގެ ފުރަތަމަ ދަތުރުފުޅު މިމަހު 15ގައި ދިމިޝްގަށް ކުރައްވާފަ އެވެ.

ބިންހެލުމަށްފަހު ރައީސް އަސަދުގެ ފުރަތަމަ ދަތުރުފުޅު ވަނީ މިމަހު 20 ގައި އޮމާނަށް ކުރައްވާފަ އެވެ.

ސީރިއާގެ ދާހިލީ މައްސަލަ އުފެދުނު ފަހުން ރައީސް އަސަދު ވަރަށް މަދުން ނޫނީ ބޭރު ގައުމުތަކަށް ވަޑައެއް ނުގަންނަވަ އެވެ. އެކަމަކު ރަޝިއާ އަދި އިރާނަށް ވަނީ އެ މުއްދަތުގެ ތެރޭގައި ވަޑައިގެންފަ އެވެ. އެ ދެ ގައުމަކީ ސީރިއާގެ ދާހިލީ ހަމަނުޖެހުން ކޮންޓްރޯލްކޮށް ރައީސް އަސަދުގެ ވެރިކަން ހިމާޔަތް ކުރެވިގެންދިޔަ ނުވަތަ މިހަމަނުޖެހުމުގެ އޮއިވަރު ބަދަލުކޮށްލި އަސްކަރީ އެހީ ފޯރުކޮށްދިން ދެ ގައުމެވެ.

ރައީސް އަސަދު ޔޫއޭއީއަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅަކީ ސީރިއާގެ ދާހިލީ މައްސަލަ 2011 ގައި ފެށުނު ފަހުން އަރަބި ގައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.