ސައުދީ އަަރަބިއްޔާ

ސައުދީ އިން 70 އަހަރު ތެރޭ 95 ބިލިއަން ޑޮލަރުގެ އެހީ

ސައުދީއަރަބިއާ އިން ދުނިޔޭގެ 160 ގައުމަކަށް މިދިޔަ 70 އަހަރު ތެރޭގައި 95 ބިލިއަން އެމެރިކާ ޑޮލަރު އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާ ކަމަށް ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން ވިދާޅުވެއްޖެ އެވެ.

ޕްރިންސް ފައިސަލް މިހެން ވިދާޅުވެފައިވަނީ މިދިޔަ ހޯމަ ދުވަހު ސައުދީގައި ބޭއްވުނު ތިންވަނަ ރިޔާޒް އިންޓަނޭޝަނަލް ހިއުމެނިޓޭރިއަން ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ފޯރަމު ބާއްވަނީ ސީދާ ދެ ހަރަމްފުޅުގެ ވެރިޔާ ކިންގް ސަލްމާން އާއި އަދި ސައުދީ ވެރިރަށް ރިޔާޒުގެ އަމީރު ޕްރިންސް ފައިސަލް ބިން ބަންދަރު ގެ ބެއްލެވުމުގެ ދަށުންނެވެ.

ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ވިދާޅުވެފައިވަނީ ސައުދީއަރަބިއާ އުފެދުނީއްސުރެ އެގައުމުގެ ރަސްރަސްކަލުން ގެންދަވަނީ އިންސާނިއްޔަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކުރެވޭނެހާ ގޮތްގޮތަށް މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ހާލުގައި ޖެހިފައިވާ މީހުންނާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކާއި އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދަނީ އެއްވެސް ނަސްލީ އަދި ދީނީ ތަފާތަކަށް ބެލުމެއްނެތި ކަމަށްވެސް ޕްރިންސް ފައިސަލް ވިދާޅުވެފައިވެ އެވެ.

ދުނިޔޭގެ ބައްރުތަކުގެ މެދުގައި ހިނގާ ސިޔާސީ ވާދަވެރިކަމާއި އިގުތިސޯދީ މައްސަލަތަކާއި ގޮންޖެހުންތަކުގެ ތެރެއިން ސައުދީއަރަބިއާ އިން ގެންދަނީ ތަރައްގީގެ ކަންކަމަށާއި އިންސާނިއްޔަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ކެނޑިނޭޅި ކުރިހޯދަމުންނެވެ. އެގޮތުން ސައުދީ އިން ވަނީ ތަރައްގީ އާއި އިންސާނިއްޔަތަށް ހަތް ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން، ދަށް އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ފޯރުކޮށްދިނުމުގެ އިސްސަފުގައި ހިމެނިފަ އެވެ.

ސައުދީ ރަސްގެފާނު ސަލްމާން އާއި ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން، އިންސާނިއްޔަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދާދިފަހުން ވައިގެ ފާލަމަކުން އޮޕަރޭޓް ކުރެވޭނެ އިންތިޒާމް ސައުދީގައި ވަނީ ގާއިމުކޮށްފަ އެވެ. މި ނިޒާމުގެ ދަށުން ތަފާތު އެހީތައް ފޯރުކޮށްދިނުމުގެ އިތުރުން ތުރުކީ އަދި ސީރިއާ އަށް އައި ބިންހެލުމާއި ވިދިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ސައުދީ އިން ވަނީ މަގުބޫލް ކެމްޕޭންތަކެއް ހިންގާފަ އެވެ.